އިސްލާމީ މަރުކަޒަށް ބޮޑު ކަމުދިޔަ އިންޑިއާ މީހާގެ ބަންދަށް އެއް ދުވަސް ޖަހައިފި
އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑު ކަމުދިޔަ އިންޑިއާ މީހާ އެންމެ ދުވަހަކަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ރޭގެ ވަގުތެއްގައި އިންޑިއާ ފިރިހެނަކު އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ވަނީ ބޮޑުކަމު ގޮސްފައެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކޮށްފައިވާއިރު، ކޯޓުން އޭނާގެ ބަންދަށް ޖަހާފައި ވަނީ އެންމެ ދުވަހަކެވެ.
ރޭގެ ވަގުތެއްގައި ފުލުހުން ހައްޔަރުކުރި 52 އަހަރުގެ އެ މިހާ ބުނެފައިވާގޮތުގައި، އޭނާއަކީ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އަދި އޭނާ މާލެއަށް އައިސްފައި ވަނީ މާލޭގައި އޮތް ރޭގަނޑުގެ ކެއުމަކަށް ކަމަށް އޭނާ ބުނެފައި ވެއެވެ.
އަދި ފުލުހުންގެ ފަރާތުން އޭނާއަކީ ސައްހަ ވިސާއެއްގައި އުޅޭ ފަރާތެއްކަން ކަށަވަރު ކޮށްފައިވާއިރު، އޭނާ މަސައްކަތް ކުރަނީ ރިސޯޓެއްގައިކަން ވަނީ ކަށަވަރުކޮށްފައެވެ.
އޭނާގެ ކޯޓު އަމުރުގައި ބުނެފައި ވަނީ، މައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރިއިރުވެސް، އޭނާގެ މާދަރީ ބަހުން ތަރުޖަމާކޮށްދޭނެ ފަރާތެއް ހަމަޖެހިފައެއް ނުވެއެވެ. އަދި ފުލުހުންގެ ފަރާތުން އެ މައްސަލައިގައި ތަރުޖަމާނަކު ހަމަޖައްސަން މަސައްކަތް ކުރި ނަމަވެސް ތަރުޖަމާނަކު ހަމަޖެހިފައި ނުވާ ކަމަށް ބުނެފައި ވެއެވެ.
އެހެންވެ ތަރުޖަމާނަކު ނެތި ބަންދާއި މެދު ގޮތެއް ނިންމުމަކީ ތުހުމަތު ކުރެވޭ ފަރާތުގެ ކިބައިން ފާހަގަ ކުރަން ހުރިކަންކަން ފާހަގަ ކުރުމަށް ހުރަހެއް އޮތް ކަމަކަށް ވެދާނެތީ، މައްސަލައިގައި ބަންދާއި މެދު ގޮތެއް ނިންމަން ޖެހޭ ވަގުތު ޖެހިފައިވާތީ، ކުރު މުއްދަތެއް ދިނުމަށްފަހު، މާދަމާ އަލުން ތަރުޖަމާނަކާއެކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމަށް އެންގިފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.
ރާއްޖޭގެ މިސްކިތަށް ކުޑަ ކަމުދިއުމާއި އެ ތަންތަނުގެ ހުރުމަތް ކެނޑޭފަދަ ގިނަ އަލަމުތައް ފަހަކަށް އައިސް އިތުރުވެފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.