ޚަބަރު

ރައީސްގެ އިންޑިއާ ދަތުރުފުޅު ނިންމަވާލައްވައި ރޭ މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި، 4 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ މާލެވަޑައިގެންފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސް އިންޑިއާކުރެއްވި މިދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިންގެ ތެރެއިން ކުރިޔަށްތިއްބެވި ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. އަދި އިންޑިއާއަކީ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ބައިވެރިއެއްވެސް މެއެވެ. ސަރުކާރުން މިހާރުވެސް އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތަކާއި މުޖުތަމަޢު ބާރުވެރިކުރުވުމުގެ ގޮތުން ކުރިޔަށްގެންދާ ގިނަ މަޝްރޫޢުތަކެއް އިންޑިއާގެ އެހީގައި ކުރިޔަށްގެންދެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އިންޑިއާ އާއި ރާއްޖެއާއި ދެމެދު 6 އެއްބަސްވުމެއްގައި ސޮއެކުރެވުނެވެ. އަދި ރާއްޖޭގައި ހިންގޭ ޢުމުރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ، ގުރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތްވެސް ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު، ދިއްލީގައި ފައްޓަވައިދެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ އިސްވެރިންނާއި އެކު ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ރަސްމީ މަޝްވަރާތައް ކުރައްވާފައެވެ. އަދި ދިއްލީގަޔާއި މުމްބާއީގައި ބޭއްވި އިންޑިއާ-މޯލްޑިވުސް ބިޒްނަސް ފޯރަމްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close