އިންޑިއާގެ ތިރީސް ދަރިވަރަކަށް އެއް ސިރިންޖުން ވެކްސިން ޖަހައިފި
މަދްޔަ ޕްރަދޭޝް ކޮވިޑް-19 – އިންޑިއާގެ ތިރީސް ދަރިވަރަކަށް އެއް ސިރިންޖުން ވެކްސިން ޖަހައިފިއެވެ.
ބީބީސީން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ސާގަރު ޑިސްޓްރިކްޓްގެ ސްކޫލެއްގައި ކުޑަކުދިންނަށް ކޮވިޑުވެކްސިން ދެމުން ދިޔަ އިރުގައެވެ.
އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވަނީ، ކޮވިޑް-19ގެ ވެކްސިންތަކަށް “އެއް ސުއިލެއް، އެއް ސިރިންޖެއް، އެއް ފަހަރު” ޕްރޮޓޮކޯލެއް ކަމަށެވެ.
އިންޑިއާއިން މިހާތަނަށް ވަނީ 2.03 ބިލިއަން ކޮވިޑް ވެކްސިން ދީފައެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޑިސްޕޯސަބަލް ސިރިންޖުތަކަކީ އެޗްއައިވީ ފަދަ ނުރައްކާތެރި ބަލިތައް ފެތުރުނަ ނުދިނުމަށް އިންޑިއާގައި ވަރަށް ގިނައިން ބޭނުންކުރާ ސިރިންޖެކެވެ. ނަމަވެސް މީގެ ކުރިން ވެސް ގިނަ ހާދިސާތަކެއް ހިނގާފައިވާއިރު، އިކުއިޕްމަންޓްމަދުވުމުގެ ސަބަބުން ހޮސްޕިޓަލުތަކުގައި އެއް ސިރިންޖު ދެވަނަ ފަހަރަށް އަލުން ބޭނުންކުރަން ވަނީ ފަށާފައެވެ.
ކުޑަކުދިންނަށް ވެކްސިން ދެމުން ދިޔަ ޖީތެންދުރަ ރާއީ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، އޭނާއަށް ދީފައިވަނީ ހަމައެކަނި ހެލްތު ޑިޕާޓްމެންޓުން ދިން ސިރިންޖެއް ކަމަށާއި، އޭނާ ހުރީ ހަމައެކަނި އޯޑަރުތަކަށް ތަބާވެގެން ކަމަށެވެ.
ދަރިންނާއެކު ދިޔަ ބެލެނިވެރިން ނަށް އެ މައްސަލަ ފެނި، އެކަން ސްކޫލުގެ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރި އެވެ.
ހެލްތް ޑިޕާޓް މެންޓްގެ ވެރިން ސްކޫލަށް ވަޑައިގެންނެވުމުން މިސްޓަރ ރާއީ ވަނީ ފިލާފައެވެ. އަދި އޭނާގެ ފޯނުވެސް ނިއްވާލިއެވެ.
އެ ސްޓޭޓްގެ ހެލްތު ޑިޕާޓްމެންޓުން ވަނީ އޭނާއާ މެދު އިހުމާލުވި މައްސަލައެއް ރަޖިސްޓްރީކޮށް، އެ މައްސަލަ ކޯޓަށް ވެސް އަންގާފަ އެވެ. އެގޮތުން ވެކްސިން ޑްރައިވްއަށް ބޭނުންވާ ސާމާނު ފޮނުވުމުގެ ޒިންމާ އުފުލަންޖެހޭ އޮފިޝަލާ ދެކޮޅަށް ވެސް ވަނީ ތަހުގީގެއް ފަށާފަ އެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީގެ ތަރުޖަމާނަކު ވަނީ އެ ހާދިސާއާ ގުޅިގެން އެ ސްޓޭޓްގެ ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ޑިމާންޑްކޮށްފައެވެ.
އިންޑިއާއަކީ ޗައިނާއިން ދެ ބިލިއަން ކޮވިޑް ވެކްސިން މާކް ހުރަސްކުރި ދެވަނަ ގައުމެވެ. އިންޑިއާގެ 75 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ސަރުކާރުން ވަނީ ހުރިހާ ބޮޑެތި މީހުންނަށް 75 ދުވަހުގެ ހިލޭ ކޮވިޑު ބޫސްޓާ ޑޯޒް ޕްރޮގްރާމެއް އިއުލާންކޮށްފަ އެވެ.
އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، %98 ބޮޑެތި މީހުންނަށް މަދުވެގެން އެއް ޑޯޒް ގެ ވެކްސިން ދީފައިވާ އިރު، %90 މީހުންނަށް ފުރިހަމައަށް ވެކްސިން ދީފައިވާ ކަމަށެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 18،313 މީހުން ޕޮޒިޓިވްވެ، 57 މީހުން ވަނީ ކޮވިޑުޖެހިގެން އިންޑިއާގައި މަރުވެފައެވެ.



