ފަތުވާ މަޖިލިސް އެކްޓިވޭޓް ނުކޮށްފި ނަމަ ގައުމު ދީނީ ގޮތުން ބައިބައިވެގެން ހިނގައިދާނެ: ޑރ.ޝަހީމް
ފަތުވާ މަޖިލިސް އެކްޓިވޭޓް ނުކޮށްފި ނަމަ ގައުމު ދީނީ ގޮތުން ބައިބައިވެގެން ހިނގައިދާނެކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ޝަހީމް ވިދާޅުވީ ރާއްޖޭގެ ފަތުވާ މަޖިލިސް ހަރަކާތެރި ކުރުވުމަށް ތަކުރާރުކޮށް ގޮވައިލާ ކަމަށާއި، އެކަން ނުކޮށްފި ނަމަ ގައުމު ދީނީ ގޮތުން ބައިބައިވެގެން ހިނގައިދާނެ ކަމަށެވެ.
ޔޯގާއަކީ އިސްލާމްދީނުގައި ހުއްދަ ކަމެއްތޯ ނޫންތޯ އާއްމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ފެށި ހިޔާލު ތަފާތުވުންތައް އުފެދި، އެކަމާ ގުޅިގެން ހަމަނުޖެހުން ހިނގި އިރު ފަތުވާ މަޖިލިސް އޮތީ ގާނޫނީ ހުސްކަމެއްގަ އެވެ.
ފަތުވާ މަޖިލީހުގެ ރައުޔެއް އެކަމުގައި ނެތް އިރު، އަދާލަތު ފާޓީގެ އިލްމުވެރިން އެކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ބުނީ ޔޯގާ ހެދުމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށާއި ޖުުމްހޫރު އިލްމުވެރިންގެ ރައުޔަކީ އެއީ ކަމަށެވެ.
އެކަމާ ކޯފާވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމަށާއި ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަށެވެ.
ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ ޢާންމު ތަންތާނގައި ދީނުގެ ވާހަކަ ދެއްކޭނީ އެކުމުގެ ހުއްދަ އޮންނަ މީހުންނަށް ކަމަށާއި، ރައްޔިތުންގެ މަޖިލީސްގެ ރައީސްކަމުގައި ވިޔަސް އެ ނޫން މީހަކަށް ވިޔަސް އެ ހުއްދަ ލިބިގެނެއްނުވާ ކަމަށެވެ.
”ހުއްދަ ނެތި ދީނުގެ ވާހަކަ ދައްކާ މީހުންނަށް ފިޔަވަޅު އަޅައިދެއްވުމަށް ކަމާބެހޭ ފަރާތަށް ގޮވާލަން“ ޝައިޚް ގޮވައިލެއްވިއެވެ.
ޝައިޚް ސައުދާން ވެސް ވިދާޅުވީ ދީނީ ޢިލްމެއް ނެތް އަދި ފަތުވާ ދިނުމުގެ ހުއްދައެއް ނެތް މީހަކު ދީނީ ފަތުވާ ދިނުމަކީ ފިޔަވަޅު އަޅަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މި މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަންޖެހޭކަމަށް ވެސް ސައުދާން ވިދާޅުވިއެވެ.
”ދީނުގައި ހުއްދަ ކަންކަން ޙަރާމް ކުރުމާއި ޙަރާމް ކަންކަން ހުއްދަކުރުމަކީ މީނާ (ނަޝީދު) އަބަދުވެސް ކުރާކަމެއް. މި ކަން ކުއްވެރިކުރަން.“ ސައުދާން ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަތަކާ ގުޅިގެން ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވީ ބޭރުގެ ލާދީނީ ޖަމާޢަތްތަކުން ފަންޑު ހޯދައިގެން ލޮބުވެތި މާތް ނަބިއްޔާއަށް މަލާމާތްކޮށް ކުފުރު ރިޕޯޓުު ނެރުނު އެމްޑީއެން ރިޕޯޓުގެ ދިފާޢުގައި ވާހަކަދެއްކި މީހަކު ކޮންމެފަދަ ވާހަކައެއް ވެސް ދައްކަވާފާނެ ކަމަށެވެ.
ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހަށް މެމްބަރުން އެކުލެވިގެން ވަނީ ރައީސް އައްޔަން ކުރާ ހަތަރު މެންބަރަކާއި މިނިސްޓަރުގެ ލަފާ މަތިން އައްޔަން ކުރާ އެއް މެންބަރުގެ މައްޗަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ފަތުވާ މަޖިލީހަށް އާ މެންބަރުން އައްޔަންކޮށްފައެއް ނުވެ އެވެ.
