ކުޅިވަރު

ކްރިސްޓަލް ޕެލަސް އިން 3-0 ގެ ބޮޑުތަފާތަކުން އާސެނަލް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ ކްރިސްޓަލް ޕެލެސްއާއި އާސެނަލް ބައްދަލުކުރި މެޗު 3-0 ގެ ބޮޑުތަފާތަކުން އެ މެޗް ޕެލަސްއިން ކާމިޔާބު ކޮށްފިއެވެ. ޕެލެސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ޕެލަސްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 16 ވަނަ މިނޓުގައި ލިބުނު ހިލޭ ޖެހުމަކުން އާސެނަލްގެ އޭރިއާ ތެރެއިން ތަނަވަސްވީ ފުރުޞަތެއްގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ފިލިޕޭ މަޓޭޓާއެވެ.

ޕެލަސްގެ ދެވަނަ ލަނޑު 24 ވަނަ މިނެޓުގައި މެދުތެރެއިން އެ ޓީމްގެ އެންޑަސަން ކުޅުނު ޕާހަކުން ތަނަވަސް ވީ ފުރުޞަތުގައި ކާމިޔާބު ކޮށްދީފައި ވަނީ ޖޯޑަން އަޔޫއެވެ.

މެޗުގައި އާސެނަލްއަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ލިބުނު ނަމަވެސް އޭރިއާތެރޭ ހުސްކޮށްހުރެ މާޓިން އޮޑެގާޑް ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒު ނުވެއެވެ. އެ ޓީމްގެ ސްމިތު ރޯވ އަށް ހުސް ފުރުބަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ޕެލަސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

ޕެލަސްގެ ތިންވަނަ ލަނޑު 74 ވަނަ މިނޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ޒަހާއެވެ. ޕެލަސްއަށް ޕެނަލްޓީ ލިބިފައި ވަނީ އާސެނަލްގެ ކުޅުންތެރިން އެ ޓީމްގެ އޭރިއާ ތެރެއިން ޒަހާއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ޖެހިލުމުގެ ފުރުޞަތު އާސެނަލަށް އޮތް ނަމަވެސް ބަލި ވުމާއިއެކު މިވަގުތު އެ ޓީމް އޮތީ ފަސް ވަނާގައެވެ. ހަތަރު ވަނާގައި އޮތް ޓޮޓެންހަމާއި އެއްވަރަށް އާސެނަލްއަށް ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމުން ވަނީ އާސެނަލްއަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ. ވުމާއެކު ގަދަ ހަތަރަކަށް ވަނުމުގެ ފުރިހަމަ ބާރު އަދިވެސް އާސެނަލްގެ އަތުގައި އެބައޮތެވެ.

ޕްރިމިއާ ލީގުގެ ތާވަލު މިވަގުތު އޮތް ގޮތަށް ބަލައިލާއިރު އެއްވަނާގައި 30 މެޗުން ލިބުނު 73 ޕޮއިންޓާއިއެކު އޮތީ ސިޓީއެވެ. ދެވަނާގައި 30 މެޗުން ލިބުނު 72 ޕޮއިންޓާއިއެކު ލިވަޕޫލް އޮތްއިރު ތިންވަނާގައި އޮތީ 29 މެޗުން ލިބުނު 59 ޕޮއިންޓާއިއެކު ޗެލްސީއެވެ. ހަތަރުވަނާގައި 30 މެޗުން ލިބުނު 54 ޕޮއިންޓާއިއެކު ޓޮޓެންހަމް އޮތްއިރު، ފަސްވަނާގައި 29 މެޗުން ލިބުނު 54 ޕޮއިންޓާއިއެކު އޮތީ އާސެނަލްއެވެ. މެޗުން މޮޅުވި ޕެލަސް މިވަގުތު އޮތީ ތާވަލުގެ 9 ވަނާގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close