ޚަބަރު

މިއަދު ހަވީރުން ފެށިގެން ބުރިޖުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

މިއަދު އެމްއޭސީއެލްގެ ފަރާތުން ކުރިއަށް ގެންދާ އެއަރޕޯޓް ފުލް ސްކޭލް އެމަރޖެންސީ އެކްސަސައިޒާ ގުޅިގެން 16:00 އިން ފެށިގެން 20:00 އަށް ބުރިޖުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެވޭނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިވަގުތުތަކުގައި ފުލުހުން ދެއްވާ އިރުޝާދާ އެއްގޮތަށް ޢަމަލުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ. މި ޙަރަކާތުގައި އެއަރ ޕޯޓްގެ އެކި ދާއިރާތަކުގެ އިތުރުން ޞިއްހީ ޚިދުމަތްދޭ ތަންތަން ހިމެނޭގޮތުން 30 އިދާރާއަކުން 400 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ. އަދި މިހުރިހާ މުއައްސަސާތަކުގެ އިމަރޖެންސީ ޕްލޭން ޙަރަކާތްތެރި ކުރެވިގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ދެ އަހަރަކުން އެއްފަހަރު ކުރިއަށް ގެންދާ މިޙަރަކާތަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) އިން ލާޒިމު ކުރާ ޙަރަކާތެކެވެ.

އެއަރޕޯޓް ފުލްސްކޭލް އެމަރޖެންސީ އެކްސަސައިޒްގެ ބޭނުމަކީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެމަރޖެންސީ ޕްލޭން އަދި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސްކާއި، މިޙަރަކާތުގައި ބައިވެރިވާ އެއަރލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.

އަދި އެމްއޭސީއެލްގެ ޑިޕާޓްމަންޓުތަކާއި، ސަރުކާރުގެ އެކިއިދާރާތަކާއި، ކަމާއިގުޅޭ އެހެން މުއައްސަސާތަކުގެ މެދުގައި ކޯޑިނޭޝަން އޮންނަ މިންވަރުވެސް ވަޒަން ކުރެވޭނެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތެއްގައި އެހީތެރިވާނެ އިދާރާތަކާއި ޞިއްހީ ޚިދުމަތްދޭ ތަންތަނުގެ ކެޝުއަލްޓީ މެނޭޖްމެންޓް ކެޕޭސިޓީ އަމިއްލައަށް ވަޒަން ކޮށްލަން ލިބޭނެ ފުރުޞަތަކަށް މި ޙަރަކާތް ވެގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އަދި އެމްއޭސީއެލްގެ މީޑިއާ މެނޭޖްމެންޓާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްގެ ޙަރަކާތްތައް މިފަދަ ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ޓެސްޓު ކުރެވޭނެއެވެ.

މި ޙަރަކާތް ކުރިއަށް ގެންދާއިރު އެމަރޭޓްސްގެ ސެފްޓީ އޮޕަރޭޝަން ޕްލޭން ޙަރަކާތްތެރިކޮށް އެއަރޕޯޓްގެ އެމަރޖެންސީ ސަރވިސަސްއާއިއެކު ބައިވެރިވާނެއެވެ. އަދި މިއީ ރާއްޖޭގައި ބާއްވާ މިފަދަ ޙަރަކާތެއްގައި ބައިނަލްއަގްވާމީ އެއަރލައިންއަކުން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

މިޙަރަކާތް ކުރިއަށް ގެންދިޔުމުގެ އެންމެފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާއިރު، މި ޙަރަކާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވަނީ މަޢުލޫމާތު ދިނުމާއި ތަމްރީނު ބައްދަލުވުންތައް ކުރިއަށް ގެންދެވިފައެވެ. މީގެ ތެރޭގައި ޞިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަ ތަމްރީނުތަކާއި ސަލާމަތީ ޚިދުމަތްތަކާއި ވޮލެންޓިއަރުންނަށްވެސް ހިންގުނު ތަމްރީނުތައް ހިމެނެއެވެ.

މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ގިނަ މަޝްރުޢޫތަކެއް ކުރިއަށް ގެންދާއިރު، މީގެ ޙަރަކާތުގެ ތެރޭގައި މިހާރު އޮޕަރޭޝަން ފަށާފައިވާ ގިނަ ތަންތަން ޓެސްޓުކުރެވޭނެއެވެ. އޭގެ ތެރޭގައި މިހާރު ވަގުތީ ގޮތުން ޓެކްސީވޭގެ ގޮތުގައި ބޭނުންކުރާ ކޯޑް-އެފް ރަންވޭ މިފަދަ ޚާލަތެއްގައި ބޭނުންކުރާނެ ގޮތް ޓެސްޓުކުރެވޭއެވެ.

މާދަމާ ހަވީރު ހަތަރަކުން ރޭގަޑު އަށެއް ޖެހުމާއި ހަމައަށް ޙަރަކާތް ކުރިއަށް ގެންދާއިރު، ހަވީރު 4 އިން 6 އަކަށް އެއަޕޯޓުގެ ރަންވޭގެ އޮޕަރޭޝަން އެއްކޮށް މަޑުޖައްސާލާނެއެއެވެ. ނަމަވެސް ބައިނަލްއަގްވާމީ އުދުހުންތަކުގެ ޗެކްއިން އަދި ސީޕްލޭން އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close