ޚަބަރު

ދެރަނުވާށެވެ! މި ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ ޙަޔާތެކެވެ.

 الشَيْخ حَارِث زَاهِر

 މި ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ ޙަޔާތެކެވެ. “މިއީ އިމްތިޙާނުގެ ގޮވައްޗެކެވެ.” މި ބަސްތަކަކީ އަޅުގަނޑުމެންނަށް ޢިލްމުވެރިންގެ ދަރުސްތަކުން އަބަދުމެ ކެނޑިނޭޅި އަޑުއިވޭ ވަރަށް އަގުހުރި އެހާމެ ޙިކްމަތްތެރި ނަސޭހަތްތަކެކެވެ. އެހެންނަމަވެސް މުސީބާތެއް ކުރިމަތިވާ ހިނދު މި ނަސޭހަތްތައް އަމިއްލަނަފުސަށް ތަންފީޒު ކުރުން އޮންނަނީ ނިކަން ދަތި ކަމަކަށް ވެފައެވެ.

ކަން މިހެން އޮތް އިރު، ހިތާމައާއި މޮޅިވެރިކަން ތިބާގެ މައްޗަށް ވެރިވެގަންނަ ކޮންމެ ހިނދެއްގައި ހަދާން ކުރަން ޖެހޭ ކަމަކީ ފާފަ ފުއްސެވުމަށާއި ރަޙްމަތް ލެއްވުމަށާއި އެ މީހެއްގެ ދަރަޖަ މަތިވެރި ކުރައްވައި އެ މީހެއްގެ އުދާސްތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް މެނުވީ ﷲ تعالى އެއްވެސް އަޅަކަށް އިމްތިޙާނެއް ނުވަތަ މުސީބާތެއް ވިޔަސް ކުރިމަތި ނުކުރައްވާ ކަމެވެ.

ނަބަވީ އިރުޝާދުގައި ބަޔާންވެގެން ވެއެވެ. عن أبي سعيد وأبي هريرة رضي الله عنهما عن النبي صلى الله عليه وسلم قال‏:‏ ‏ “مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ وَلاَ وَصَبٍ وَلاَ هَمٍّ وَلاَ حَزَن وَلاَ أَذًى وَلاَ غَمٍّ، حتَّى الشَّوْكَةُ يُشَاكُها إِلاَّ كفَّر اللَّه بهَا مِنْ خطَايَاه‏”‏ ‏(‏‏متفق عليه‏‏‏)‏ މާނައީ: ‏‏މާތް ﷲ އެ ދެ ބަފައިކަލުންނަށް ރުއްސުންލެއްވި أبي سعيد އާއި أبي هريرة އާއި ދެ ބޭކަލުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ އަރިހުން ރިވާކުރެއްވިއެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއްވެސް މުސްލިމަކަށް އުނދަގުލެއް، ބަލިމަޑުކަމެއް، ނުވަތަ ދެރަކަމެއް، މޮޅިވެރިކަމެއް، ހިތާމައެއް، ކުރިމަތި ވެއްޖެއްޔާ (އެންމެ ކުޑަމިނުން) އޭނާގެ ގަޔަށް ކަށްޓެއް ހެރުނު ކަމުގައި ވިޔަސް އެ ކަމުގެ ސަބަބުން ﷲ تعالى އެ މީހެއްގެ ކުށްފާފަތައް ފުއްސަވާވޮޑިގަންނަވަތެވެ.”

ﷲ سبحانه وتعالى އީ އެކަލާނގެ އަޅުތަކުންނަށް ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ. ތިބާ ހިތްއެދޭ ކަމަކުން މަހުރޫމުވެއްޖެ ނަމަ އެއަށްވުރެ މާ ހެޔޮގޮތެއް މިންވަރު ކޮށްދެއްވަތެވެ. އަދި އެދިއެދި ހުރި ކަމެއް ލަސްވާ ނަމަ އެ ކަމެއް ލަސްވަނީ ހަމަޔަގީނުން ވެސް ތިބާއަށް ހުރިހާ ގޮތަކުން އެންމެ މުނާސަބު ވަގުތުގައި އެ ކަމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެއްވުމަށެވެ.

ﷲ سبحانه وتعالى ގެ އިރާދަފުޅާއި، އެ ކަލާނގެ ދެނެވޮޑިގަތުމަކައި ނުލައި ގަހަކުން ފަތެއް ވެސް ނުވެއްޓޭނެ ކަމަށް ކީރިތި ޤުރުއާނުގައި އެ ކަލާނގެ ވަނީ އަންގަވާފައެވެ. އެހެންކަމުން އަޅަމެންގެ ޙާލަތު އެ ކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. ހިތުގައިވާ ސިއްރުތަކާއި ލޮލުން ފައިބަމުންދާ ކަރުނަތައް އެ ކަލާނގެއަށް ވަންހަނާ ވެގެން ނުވެއެވެ. ﷲ تعالى އީ އެއްވެސް އަޅަކާ މެދު އަނިޔާވެރިވެ ވޮޑިގެން ނުވާ ރަސްކަލާނގެއެވެ. އެ ކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿وَلَا يَظْلِمُ رَبُّكَ أَحَدًا…﴾ ‎(الكهف: ٤٩) ‏މާނައީ: “ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސް މީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ.”

އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ ކޮންމެ ޙާލަތެއްގައި ވެސް ކެތްތެރިވެ، ދުޢާ ކޮށް، ދީނުގައި ސާބިތުވެ ހުރުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. މުސީބާތް ތަކާއި ދަތި އުނދަގޫ ތަކަށް ނިމުމެއް އަންނާނެ ދުވަހަކަށް ކެތްތެރިކަމާ އެކު އިންތިޒާރު ކުރުމަކީ ވެސް ގިނަގުނަ ސަވާބާއި ދަރުމަ ހުރި ކަމެކެވެ. ދުނިޔަވީ ހުރިހާ އުފާތަކުން މަޙްރޫމުވީ ނަމަވެސް، ނުހަނު އޯގާވަންތަ އިލާހެއް ތިބާއަށް ވާކަން ހަނދާންކޮށް އެކަލާނގެ ރަޙްމަތަށް އެދި ގިނަގިނައިން ދަންނަވާށެވެ!  ❑

هــ ۱٤٤۳ އަހަރު  جُمَادَى الْأُوْلَى މަހުގެ 6 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 49ވަނަ ޢަދަދުގެ 2ވަނަ ޞަފްޙާގައި الشَّيْخ حَارِث زَاهِر ލިޔުއްވާފައިވާ މަޒުމޫނެއް.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close