ޚަބަރު

ވެސްޓް ބެންގޯލްގެ މިނިސްޓަރ ހިތްހުއްޓިގެން މަރުވެއްޖެ

ޓްރިނަމޯލް ކޮންގްރެސްގެ އިސް ލީޑަރު އަދި ވެސްޓް ބެންގޯލް ޕަންޗާޔަތު މިނިސްޓަރު ސުބްރަތާ މުކަރުޖީ ހިތް ހުއްޓިގެން މަރުވެއްޖެއެވެ. ސްބްރަތާ މަރުވިއިރު ޢުމުރުން 75 އަހަރެވެ.

މިދިޔަ އޮކްޓޯބަރު މަހު ސުބްރަތާ މުކަރުޖީ އަށް ހާޓް އެޓޭކެއް ޖެހި، އެ ސްޓޭޓުގެ އެސްއެސްކޭއެމް ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ. ހޮސްޕިޓަލުގެ މަސްދަރުތަކުން ބުނާ ގޮތުގައި ސުބްރަތާ މުކަރުޖީ މަރުވީ ހާލު ރަނގަޅުވަމުން އަންނަނިކޮށް ޑިސްޗާޖު ކުރުމުގެ މަގުމަތީގައި ބުރާސްފަތި ދުވަހު އިތުރު ބްލޮކެއް އައުމުންނެވެ.

ސުބްރަތާ މުކަރުޖީ މަރުވުމުން ހޮސްޕިޓަލަށް ވަޑައިގެން، ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މަމާތާ ބެނަރޖީ ވިދާޅުވީ، މުކަރުޖީ މަރުވުމަކީ އެކަމަނާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

“ދިރިއުޅުމުގައި ވަރަށް ގިނަ ހިތާމަވެރި ހާދިސާތައް ފެނުނު ނަމަވެސް މިއީ ވަރަށް ބޮޑު ގެއްލުމެކެވެ. މާދަމާ ހޮސްޕިޓަލުން ޑިސްޗާޖު ކުރާނެ ވާހަކަ ބުނި. މިއީ ވަރަށް ބޮޑު ގެއްލުމެއް،” މަމާތާ ބެނަރޖީ ވިދާޅުވިއެވެ.

ސުބްރަތާ މުކަރުޖީ އަކީ ކަލްކަތާ މުނިސިޕަލް ކޯޕަރޭޝަންގެ ފުރަތަމަ މޭޔަރެވެ. ޓީއެމްސީއާ ގުޅިވަޑައިގަތުމުގެ ކުރިން ސުބްރަތާ މުކަރުޖީ އަކީ ކޮންގްރެސްގެ މަޝްހޫރު ލީޑަރެއް ކަމަށާއި އިންދިރާ ގާންދީ އާއި ރަޖީވް ގާންދީގެ ވަރަށް އަރިސް ބޭފުޅެއްކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close