މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ސަމާލުވޭ – ޚުޠުބާ
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ސަމާލުވުމަށާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަށް އަވަދިނެތި ތިޔަބޭފުޅުންގެ ލޮލުގެ ނޫރު ޖަހައިގަތުމަށް މަސައްކަތްކުރަމުން އެބަ ގެންދާކަމަށް މިއަދު ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
ޚުތުބާގައި މިކަން ބަޔާންކޮށް ވިދާޅުވީ ”ލޮބުވެތި މައިންބަފައިންނޭވެ! ދަރިންގެ ތަރުބިޔަތާމެދު މިހާރަށްވުރެ ބޮޑަށް ސަމާލުވެލައްވާށެވެ! މަސްތުވާތަކެތީގެ ތެރެއަށް ތިޔަބޭފުޅުންގެ ދަރިން ގެންދިޔުމަށް މަސައްކަތްކުރާ ބަޔަކު، އަވަދިނެތި ތިޔަބޭފުޅުންގެ ލޮލުގެ ނޫރު ޖަހައިގަތުމަށް މަސައްކަތްކުރަމުން އެބަ ގެންދެއެވެ. ވަކިން ޚާއްޞަކޮށް ފުރާވަރުގެ ޢުމުރުފުރާގެ ކުދިންނާމެދު ސަމާލުވާށެވެ. މިއަދު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން އެބައިމީހުންގެ އެ ޙަރާމް ވިޔަފާރީގައި ފުރާވަރުގެ ކުދިން ބޭނުންކުރަމުންދާ ކަމީ ހިތާމަވެރިކަމެކެވެ. އަދި މި ޢުމުރުގެ ކުދިން، މަސްތުވާތަކެތީގެ އަވާގައި ޖައްސައި، އެބައިމީހުންގެ އަމިއްލަ މަންފާއަށް އެކުދިންގެ މުޅި ދިރިއުޅުން ބަނަކުރުމަށް، ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ހިނދުކޮޅަކަށްވެސް ހަނދާނުން ކައްސާލިޔަ ނުދޭށެވެ! ވަކިން ޚާއްޞަކޮށް އޮންލައިން ބައެއް ގޭމްތަކާއި، ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުގައި، އެކުދިން ޝިކާރަކުރުމަށް މަޅިފަތި ޖަހައިގެން ޝިކާރަވެރިން ތިބިކަން، ހަނދާނުން ކައްސާލިޔަނުދޭށެވެ! އެހެންކަމުން އެކުދިންނަށް އިންޓަނެޓް ރައްކާތެރި ގޮތުގައި ބޭނުންކުރުމަށް ދަސްކޮށްދީ، އެކަމަށް ފަހި މާހައުލަކާއި، އެކަމަށްފަހި، އެކުވެރި، ބަދަހި ގުޅުމެއް އެކުދިންނާއެކު ޤާއިމު ކުރާށެވެ!“
މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް މުޚާތަބުކޮށް ޚުތުބާގައި ވިދާޅުވީ ”މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނޭވެ! ފައިސާގެ ދަހިވެތިކަމުގައި، ޖީލުތައްބަރުބާދުކުރަމުންދާ މީހުންނޭވެ! އެތައް ސަތޭކަ މައިންގެ ލޯތައް ލޭގެ ކަރުނައިގެ ކޯރުތަކުން ފުރާލި ރަޙުމުކުޑަ މީހުންނޭވެ! ﷲ އަށް ބިރުވެތިވާންވީ ވަގުތު އަދިވެސް ނާންނަނީ ހެއްޔެވެ! މިއަދު ތިބާގެ ޙަޔާތުގައި ވަގުތީ އުފާވެރިކަމެއް ފެނުނު ކަމުގައި ވިޔަސް، ﷲ އަށް ތައުބާނުވެ ހުރެ މަރުވެއްޖެ ނަމަ، ތިބާއާ ކުރިމަތިވާނެ ކަންތައްތަކާ މެދު ފުންކޮށް ވިސްނާށެވެ! ދަމާ ﷲ ގެ ޙަޟްރަތުގައި ތިބާއާ މެދު ޝަކުވާ ދަންނަވާނެ ކިތައްކިތައް މަޢުޞޫމު ދަރިން ދުނިޔެމަތީގައި ތިބާގެ ސަބަބުން ބިކަވެފައިވޭ ހެއްޔެވެ؟ ﷲ ގެ ޙަޟްރަތުގައި މިއަޅާ މިވަބާގެ ޝިކާރައަކަށް ހެދީ މިވެނި މީހެކޭ، ބުނެ ޝަކުވާ ދަންނަވާނެ ކިތައްކިތައް ޒުވާނުންގެ ޙަޔާތް ތިބާގެ އަތުން ބަރުބާދު ވެގެން ގޮސްފައި ވޭހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި، މަސްތުވާތަކެތީގެ ބޭނުން ކުރުމަކީ، އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލާލުމެކެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. وَلَا تُلۡقُوا۟ بِأَیۡدِیكُمۡ إِلَى ٱلتَّهۡلُكَةِ މާނައަކީ: ”ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލައިނުލާށެވެ.“
