ޚަބަރު

ރައީސް ޔާމީން ދިދަ ހޫރުވުމުން އެމައްސަލަ ބަލަން ނިންމައިފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި “އިންސާފު ކޮބާ” ހިނގާލުމުގެ ބައިވެރިން ޕީޕީއެމް އޮފީސް ކައިރިޔަށް އެއްވި ވަގުތު ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި ގެ ކުޑަދޮރަކުން އާންމުންނަށް ހަނާއަޅުއްވައި، ޕީޕީއެމްއަށް ނިސްބަތްވާ ދިދަ އަކާއި ޤައުމީ ދިދަ ނަންގައިވައި ހޫރުވި މައްސަލަ ކަރެކްޝަންސް ސަރވިސްއިން ބަލަން ނިންމައިފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށްކަމަށްވާތީ އެ މައްސަލަ ބަލާ، ފިޔަވަޅު އަޅުއްވާނެކަމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިގޮތަށް ޓުވިޓް ކުރައްވާފައިވާއިރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި “އިންސާފު ކޮބާ” ހިނގާލުމުގެ ބައިވެރިން ޕީޕީއެމް އޮފީސް ކައިރިޔަށް އެއްވި ވަގުތު ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި ގެ ކުޑަދޮރަކުން އާންމުންނަށް ހަނާއަޅުއްވައި، ޕީޕީއެމްއަށް ނިސްބަތްވާ ދިދަ އަކާއި ޤައުމީ ދިދަ ނަންގައިވައި ހޫރުވާތަންވަނީ ފެނިގެންގޮސްފައެވެ. އަދި ހިނގާލުމުގެ ބައިވެރިންނަށް އެމަނިކުފާނުވަނީ ހިތްވަރުވެސް ދެއްވާފައެވެ.

ގޭ ބަންދުގައި ތިބޭ މީހުން ސިޔާސީ އަދި އެނޫންވެސް އެފަދަ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. އަދި އެއީ ގޭ ބަންދުގެ އިޤުރާރާވެސް ޚިލާފު ކަމެކެވެ.

ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރައްވާފައިވަނީ ރާއްޖޭގެ ޖަލުތަކުގައި ކޯވިޑް-19ގެ ނުރައްކާ އިތުރުވުމާ ގުޅިގެން، ހައި ރިސްކު ގައިދީން ގޭ ބަންދަށް ބަދަލުކުރި އުސޫލުގެ ތެރެއިންނެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތު ވުމުންނެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.

މީގެ އިތުރުން ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގަވެސް މަނީ ލޯންޑްރިންގއާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށްވަނީ އުފުލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close