ފޮރިން މިނިސްޓަރ ޝާހިދާއި ރައީސް ނަޝީދު، ބައްދަލުކުރައްވައިފި
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ބައްދަލުކުރައްވައިފިއެވެ.
މިބައްދަލު ކުރެއްވުމަށްފަހު ނަޝީދުވަނީ ބައްދަލުކުރެވުމާއި ގުޅޭގޮތުން ޓްވީޓެއް ކުރައްވާފައެވެ. ކުރެއްވި ޓްވީޓްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ގާތް ރަހުމަތްތެރި ފޮރިން މިނިސްޓަރު އަދި އ.ދ ގެ އާންމު މަޖިލީހުގެރައީސް އާއި ބައްދަލުވުމުން ވަރަށް އުފާވި ކަމަށެވެ.
އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު މިއީ ރާއްޖޭގެ ވަޒީރަކާ ބައްދަލުވި ފުރަތަމަ ފަހަރުކަމަށްވެސް އެމަނިކުފާނުގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.
ހަމަލާގައި ލިބުނު އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާ ހޯއްދެވުމަށް މިހާރު އެމަނިކުފާނު ހުންނެވީ އިނގިރޭސި ވިލާތުގައެވެ.
އެމަނިކުފާނު މަޖިލީހަށް ފޮނުއްވިސިޓީއެއްގައި ވަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ ރާވާ ހިންގި ފަރާތްތަކުގެ ތަހުގީގު ނިމި އިންސާފުގެ ކުރިމައްޗަށް ގެނެވި ހައްޔަރު ކުރެވެންދެންރާއްޖެ އެނބުރިދާން ޖެހިލުންވާ ކަމަށާއި، އެމަނިކުފާނުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވާ ރާއްޖެއިން ބޭރުގައި އުޅުމަށް “ހިތްހަލާސް” ކޮށްދީ އެފުރުސަތުފަހިކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދަށް ދެވުނު ބޮމުގެ ހަމަލާއަށްފަހު އެމްޑީޕީގެ އެތެރޭގައި ވަނީ ވަރުގަދަ ކޯޅުންގަނޑެއް ފެށިފައެވެ. މުޅި ޕާޓީ ދެ ފެކްޝަނަކަށް ބެހި ރައީސް ސޯލިޙްގެ ސަރުކާރު ހިންގަމުންދާ ގޮތަށް ފާޅުގައި ރައީސް ނަޝީދުގެ ފެކްޝަނުން ދަނީ ފާޑުކިޔަމުންނެވެ.
