ޝައިޠާނީ ވަސްވާހާއި އެސްފިންނާއިން ދަރިން ސަލާމަތްކުރުމަށް މައިންބަފައިން ދުޢާކުރަންޖެހޭނެ – ޚުޠުބާ
ކުދިންނަށް އަމާޒުވެގެން އަންނަ ޝައިތާނީ ވަސްވާހާއި، އެސްފިންނާއިން ސަލާމަތް ކުރުމަށްޓަކައި ﷲ އަށް ދުޢާ ދެންނެވުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
ދަރިން ތަރުބިއްޔަތު ކުރުމަށް ޚާއްސަކޮށް ދެވިފައިވާ ޚުތުބާަގައި އިތުރަށް ވިދާޅުވީ ”ތަރުބިޔަތު ފެށޭ ދަރުސްގަހަކީ، މައިންބަފައިންގެ އުނގެވެ. ދަރިންގެ ޢުމުރުގެ އެންމެ ކުރީކޮޅު، މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުން ނިހާޔަތަށް ބޭނުންވާނެއެވެ. އަދި އެ ކުދިންނަށް އަމާޒުވެގެން އަންނަ ޝައިތާނީ ވަސްވާހާއި، އެސްފިންނާ ފަދަ ކަންތައްތަކުން، އެކުދިން ސަލާމަތް ކުރުމަށްޓަކައި ކެނޑިނޭޅި، ﷲ އަށް ދުޢާ ދެންނެވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ދަރިންނަށްޓަކައި މައިން ބަފައިން ކުރާ ދުޢާއަކީ، އެކުދިންގެ އިޞްލާޙުގެ ތަޅުދަނޑި އެވެ. ދަރިންނަށްޓަކައި މައިންބަފައިން ކުރާ ދުޢާގެ މުހިއްމުކަން އެންގެވުމުގެ ގޮތުން، ބައެއް ނަބީބޭކަލުން ކުރެއްވި ދުޢާތަކުގެ ވާހަކަ،
ކީރިތި ޤުރްއާނުގައި، އައިސްފައި ވެއެވެ. މިގޮތުން، ޒަކަރިއްޔާގެފާނު ކުރެއްވި ދުޢާގެ ވާހަކަ އަންގަވައި، މާތް ﷲ، ވަޙީކުރައްވާފައި ވެއެވެ. رَبِّ هَبۡ لِی مِن لَّدُنكَ ذُرِّیَّةࣰ طَیِّبَةًۖ إِنَّكَ سَمِیعُ ٱلدُّعَاۤءِ) މާނައީ: ”އަޅުގެ ވެރި ރަސްކަލާކޯއެވެ! އިބަ ރަސްކަލާނގެ ޙަޟްރަތުން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ!“
އަދި އިބްރާހިމް އަލަހިސަލާމް ކުރެއްވި ދުޢާގެ ޚަބަރު ދެއްވައި އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. وَٱجۡنُبۡنِی وَبَنِیَّ أَن نَّعۡبُدَ ٱلۡأَصۡنَامَ) މާނައީ: ”އަދި އަޅާ އާއި، އަޅުގެ ދަރިން ބުދަށް އަޅުކަން ކުރުމުން ދުރުކުރައްވާނދޭވެ!“
އިތުރަށް ޚުތުބާގައި ވިދާޅުވީ ”މައިންބަފައިންގެ ހެޔޮ ދުޢާތަކުގެ ނަތީޖާއަކަށް ވަނީ، ﷲ ތަޢާލާގެ ޙަޟްރަތުން ދަރީންނަށް ރައްކާތެރިކަމާއި ތެދުމަގު ލިބުމަށް މަގު ފަހިވެގެން ދިއުމެވެ. އަދި އެ ކުދިންނަށް އަމާންކަމާއި ބާއްޖަވެރި ކަމުގެ އިޙްސާސް ކުރެވި، އަމިއްލަ ނަފްސާ މެދު އޮންނަ އިތުބާރު ބޮޑުވެ، ނަފްސާނީ ދުޅަހެޔޮކަން މަތީގައި ބޮޑުވުމަށް މަގުފަހިވުމެވެ. މިއާ ޚިލާފަށް، ދަރިން، މައިންބަފައިންގެ ލޯތްބާއި އަޅާލުމުން މަޙްރޫމުވަމުން ދާނަމަ، އެ ކުދިންގެ ހިތުގައި ކަންބޮޑުވުމާއި، ނާމާންކަމާއި، ބިރުވެރިކަން އުފެދި، މައިންބަފައިންނާއި ދަރިންނާ ދެމެދު އޮންނަންޖެހޭ މުޤައްދަސް ގުޅުމަށް، ހީނަރުކަން އައުން އޮންނާނީ ދާދި ކައިރީގައެވެ. އަދި ގެ ނަތީޖާއަކަށް ވާނީ، ނޭދެވޭ ސުލޫކުތަކަށް މަގު ފަހިވެ، ތަރުބިޔަތުގެ ބިންގަލަށް ލޮޅުން އެރުމެވެ.

