ޚަބަރު

އިސްލާމިކް މިނިސްޓްރީގެ ބަހެއް ނެތި ދީނީ ޢިލްމުވެރިންނަށް ފިޔަވަޅު އަޅާތީ ކަންބޮޑުވޭ – ޢިލްމުވެރިންގެ ގުޅުން

އިސްލާމިކް މިނިސްޓްރީގެ ބަހެއް ނެތި ދީނީ ޢިލްމުވެރިންނަށް ފިޔަވަޅު އަޅާތީ ކަންބޮޑުވުން ފައުޅުކޮށް ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން މިނިސްޓަރަށް ސިޓީއެއް ފޮނުވައިފިއެވެ.

މިއަދު ދީނީ ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން އިސްލާމިކް މިނިސްޓަރަށް ފޮނުވި ސިޓީގައިވަނީ، ދީނީ ގޮތުން ހާމަކުރާ ޢިލްމީ މަޢުލޫމާތާއި ޢާންމުކޮށް ހިއްސާކުރެވޭ ފަތުވާތަކާ ގުޅުވައިގެން، ދީނީ ވަޢުޡު ބުނުމާއި ނަސޭޙަތް ދިނުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުން ފިޔަވަޅު އެޅުމާއި އެފަރާތްތައް ޙާޟިރުކޮށް ޖަވާބުދާރީ ކުރުވުން ފަދަ ކަންކަން ހިނގަމުން ދާކަން ފާހަގަ ކުރެވޭތީ އެކަންކަމާ ގުޅޭ ގޮތުން ދަންނަވަމެވެ.

ދިވެހިރާއްޖޭގައި ދީނީ ނަސޭޙަތް ދިނުމާ ގުޅޭ ކަންކަން ކުރެވޭ ގޮތަށް ޤާނޫނީ ގޮތުން ހަމަޖެހިފައި އޮންނަނީ އެކަމަށްޓަކައި ދައުލަތުގެ ފަރާތުން ދޫކުރައްވާ ޚާއްޞަ ހުއްދައެއްގެ ދަށުންކަމާއި އަދި އެކަންކަން ހިނގާ ނުހިނގާ ގޮތް ބައްލަވައި އިންތިޒާމު ކުރެއްވުމުގެ ޒިންމާ ހަވާލުކުރެވި ހިމެނިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ އިޚްތިޞާޞްތަކުގެ ތެރޭގައި ކަމުގައެވެ.

އަދި އެކަން މިހާތަނަށް ކުރައްވަމުން ގެންދަވަނީ ވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުންކަން ފެންނަން އެބައޮތެވެ. ކަން އެހެން އޮތްއިރު، އެހެން ފަރާތްތަކުން މިނިސްޓްރީގެ އިޚްތިޞާޞްގެ ތެރެއަށްވަނުމާއި މިނިސްޓްރީން ނިންމަވަން ޖެހޭ ކަންކަމުގައި އިސްވެ ގޮތް ނިންމައި އޭގެ މައްޗަށް ބިނާކޮށް ގޮތް ކަނޑައަޅައި އެކި ފަރާތްތަކަށް އަދަބުދީ ހެދުމަކީ ކުރެވިގެންވާނެ ކަމެއްކަމަކަށް އަޅުގަނޑުމެން ނުދެކޭކަމަށެވެ.

ސިޓީގައި އިތުރަށްވަނީ، ނަޞޭޙަތް ދިނުމުގެ ހުއްދަ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންގެ ބަހުގެ މައްޗަށް ޝަރުއީ ޢިލްމު ނުދަންނަ މީހުން ދީނީ ގޮތުން ބަސް ކިއުމާއި، ދީނީ ޢިލްމުވެރިން ދީނުގައި ކަން އޮންނަ ގޮތް ސާފު ކޮށްދެއްވުމަށް ހަރުދަނާ ރައުޔުތަކާއި ދަލީލުތަކުގެ މައްޗަށް ބިނާކުރައްވައިގެން ވިދާޅުވާ ވިދާޅުވުމަކަށް ގުޅުވައިގެން، އެކަން އޮތީ އެ ގޮތަށްކަން ނުވަތަ ނޫންކަން ވެސް ނުދަންނަ ފަރާތްތަކުން ދީނީ ޢިލްމުވެރިންނަށް ފިޔަވަޅު އަޅަމުން ދިއުމަކީ ޢިލްމުވެރިންނަށް ކުރިމަތި ކުރެވޭ ނުރައްކަލާއި އިހާނާތްތެރިކަމެއް ކަމާއި ބިރުވެރިކަމެއްކަން ފާހަގަކުރާ ކަމަށެވެ.

އަދި އެކިއެކި ފަރާތްތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ރަސްމީކޮށް ހަމަޖެހިފައިވާ ފަރާތްތަކުން އެފަރާތުގެ ބެލެނިވެރިކަމުގެ ދަށުގައި ވާ ފަރާތްތަކުގެ ދިފާޢުގައި އަބަދުވެސް ބަސް ބުނަމުން ދާކަމީ ފެންނަން އޮތް ޙަޤީޤަތެއްކަމަށާއި އެގޮތުން މީޑިއާއަށާއި އެކި ނޫސްތަކަށް އިންޒާރު ދިނުމާއި މިނިވަންކަމާއެކު ނޫސްތަކުގައި ބޭނުން އެއްޗެއް ލިޔުމަށް ހުރަސް އަޅާ ނަމަ ދައުލަތުގެ އިދާރާތަކުން އެފަދަ ކަމެއް ކުރިނަމަވެސް ނުވަތަ ޢާންމުންގެ ތެރޭގައި އެފަދަ ކަމެއް ހިނގިނަމަވެސް މީޑިއާތަކުގެ ދިފާޢުގައި މީޑިއާތަކުގެ ބެލެނިވެރި ފަރާތުން ބަސް ބުނުމާއި އެނޫން ވެސް އެފަދަ މިސާލުތައް ދިވެހި މުޖުތަމަޢުން ފެންނަން އޮތްކަން ފާހަގަކުރާ ކަމަށެވެ.

އަދި އެއީ މުޖުތަމަޢުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، އަދި ކޮންމެ ފަރުދަކު އެފަރުދެއްގެ ދިފާޢުގައި ތެދުވަން ޖެހުމުން މެދުވެރިވާ ނުތަނަސްކަން މުޖުތަމަޢުގައި އަށަގަތަ ނުދިނުމަށްޓަކައި އެކަން އޮންނަން ޖެހޭނެ ގޮތްކަމުގައި ވެސް ދެކޭކަމަށްވެސް އެ ސިޓީގައި ވެއެވެ.

ނަމަވެސް ޢިލްމުވެރިންގެ ޤާނޫނީ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އެކަން އެގޮތަށް ކުރެއްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ދައުރު ފެންނަމުން ނުދާކަމީ އަޅުގަނޑުމެން އެކަމާ މެދު ހިތާމަކުރާ އަދި އެކަމާ މެދު ކަންބޮޑުވާ ކަމެކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި އިސްލާމް ދީނާގުޅޭ އެންމެހައި ކަންކަމުގެ ރަސްމީ ބެލެނިވެރި ފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމުގައިވީ ހިނދު، މިނިސްޓްރީގެ މޭންޑޭޓުގައި ހިމެނޭ ކަންކަމުގެ ތެރެއަށް އެހެން މުއައްސަސާތަކުން ވަދެ ގޮތްކިޔައި ގޮތް ނިންމުމަކީ އޭގެ ސަބަބުން މިނިސްޓްރީގެ އަގު ވެއްޓި، ހައިބަތާއި ހައިސިއްޔަތު ވެސް ނެތިދާނެ ކަމެއްކަމަށާއި އަދި އޭގެ އިތުރުން ދީނީ ޢިލްމުވެރިންނާއި އެބޭފުޅުން އަދާކުރައްވަމުން ގެންދަވާ ދީނީ ވާޖިބުތަކަށް ބޮޑެތި ހުރަސްތަކާއި ގޮންޖެހުންތައް ކުރިމަތިވެގެން ދާނެކަމެއް ކަމަށެވެ.

ވީމާ، އެފަދަ ކަންކަން އެގޮތަށް ހިނގިޔަ ނުދިނުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ދީނީ އަދި ޤާނޫނީ ވާޖިބާއި ޒިންމާ އަދާ ކުރެއްވުމުގައި މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވުމަށާއި، ދީނީ ޢިލްމުވެރިންނަށް ކުރިމަތިވެވަޑައިގަންނަވާ ކަންކަމުގައި ވީހާވެސް އަވަހަކަށް ޙަރަކާތްތެރިވެ ވަޑައިގަންނަވާ، އަދި ފިޔަވަޅުތައް އަޅުއްވާ ފަރާތެއްގެ ގޮތުގައި ވެވަޑައިގަތުން އެދި ދަންނަވާކަމަށާއި މިފަދަ ކޮންމެކަމެއްގައި ދީނީ ޢިލްމުވެރިންގެ ފަރާތުން މިނިސްޓްރީއަށް ބޭނުންފުޅުވެވަޑައިގަންނަވާ އެންމެހާ އެއްބާރުލުމެއް ދިނުމަށް ތައްޔާރީގައި ތިބި ކަމުގެ ޔަޤީންކަން އަޅުގަނޑުމެންގެ ފަރާތުން އަރުވާކަމަށްވެސް އެ ސިޓީގައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close