ބަންދަށް “ވާނުވާ” ޖެހުމާއި އެންމެ ދެކޮޅު ހެދި ސަރުކާރުގައި “ވާނުވާ” ގައި ތިބި މީހުންވަނީ އިތުރު
ކުށުގެ ތުހުމަތެއް ކުރެވޭ މީހުންގެ ބަންދަށް “ވާނުވާ” ޖެހުމާއި އެންމެ ދެކޮޅު ހެދި ސަރުކާރުގައި “ވާނުވާ” ގައި ތިބި މީހުންގެ ޢަދަދު ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.
ތަފާސް ހިސާބުތަކަށް ބަލާލާއިރު، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، 2015 ން 2018 އާއި ދެމެދު ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް “ވާނުވާ” ޖަހާފައިތިބީ 61 މީހެކެވެ.
އެހެންނަމަވެސް، މިސަރުކާރުން އެންމެ 2 އަހަރު ދުވަހުގެ ތެރޭގައި 282 މީހުންގެ ބަންދަށް “ވާނުވާ” ޖަހައި، ޖުމުލަ ޢަދަދުވަނީ، 343 ށް އަރުވާފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު މި އަހަރުގެ ޖޫން މަހުގެ 15 ނިޔަލަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެކުލަވާލަފައިވާ ރިޕޯޓުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ޢަދަދަކީ އެއީއެވެ.
މީގެ ތެރެއިން 38 މީހުންނަކީ ޖާގައިގެ ދަތިކަމާ ހެދި ރިމާންޑް ޖަލަކަށް ބަދަލު ނުކުރެވި ތިބި މީހުންނެވެ. ރިމާންޑު ޖަލަށް ބަދަލުނުކުރެވި ތިބި މީހުންގެ ތެރޭގައި 219 ދުވަސް ވެފައި ތިބި މީހުން ވެސް އެބަތިބިކަމަށް (ޕީޖީ) އޮފީހުން އެކުލަވާލި ރިޕޯރޓުގައިވެއެވެ.
މިހާރުގެ ޕީޖީ މަޤާމާއި ހަވާލުވެ ވަޑައިގެން އަމިއްލަފުޅު ބްލޮގުގައި، 9 ޑިސެމްބަރ 2020 ވަނަ ދުވަހު (ވާނުވާ” ބަންދުގެ ޙަޤީޤީ ވެކްސިން) މި މައުޟޫޢަށް ލިޔެފައިވާ ލިޔުމުގައި ފާހަގަކުރައްވާފައިވާގޮތުގައި “ވާނުވާ” ބަންދުގެ ޙަޤީޤީ ވެކްސިނަކީ ދެމިގެންދާގޮތުގައި ބޭއްވޭ ޝަރީޢަތުގެ އަޑުއެހުންތައްކަމުގައި ފާހަގަކުރައްވާފައިވެއެވެ.
އަމިއްލަފުޅު ބްލޮގުގައި މަތީގައި ބަޔާންކުރެވުނު ތާރީޚުގައި ލިޔުއްވާފައިވާ ލިޔުއްވުމުގެ “ކޮންޓިނިޔަސް ހިއަރިންގ” ސަބް ހެޑިންގެ ދަށުން އެބޭފުޅާ ލިޔުއްވާފައިވަނީ މިފަދައިންނެވެ.
“” “ވާނުވާ” ގެ މައްސަލަ ޙައްލުކޮށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 116 ވަނަ މާއްދާގެ (ހ) ގައި ބުނާ ތާވަލާ އެއްގޮތަށް ޝަރީޢަތް ހިންގުމަށްޓަކައި، އެންމެ އުފެއްދުންތެރި ޙައްލެއްކަމަށް ދުނިޔޭގެ އެހެން ޤައުމުތަކުގައި ކުރާ ކަމަކީ ދެމިގެންދާ ގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުމެވެ. ކޮންޓިނިޔަސް ހިއަރިންގގެ އުޞޫލުންނެވެ. އެމައްސަލައެއްގެ ޝަރީޢަތް ފެށުމުގެ ކުރިން، ދެފަރާތުން ތައްޔާރުވާން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ޝަރީޢަތް ފަށާނީއެވެ. ޝަރީޢަތް ފެށުމަށްފަހު، އެމައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމެންދެން ޝަރީޢަތް ކުރިއަށް ގެންދާނީއެވެ. ކޮންމެ ދުވަހެއްގެވެސް ހެނދުނު ފަށާގޮތަށް ހަވީރު ވަންދެނެވެ. ޢާންމު ގޮތެއްގައި ޝަރީޢަތެއްގައި އޮންނާނީ، އިފްތިތާޙީ ބަޔާން (އޯޕަނިންގ ސްޓޭޓްމަންޓް) ހުށަހެޅުމާއި، ދެފަރާތުގެ ހެކިން ހާޒިރުކުރުމާއި ޚުލާޞާ ބަޔާން އިއްވުމެވެ. މިތިން މަރްޙަލާ، ދެތިން ދުވަސް ތެރޭގައި ނިންމައިލެވޭނެއެވެ. އެހިސާބުން ދެދުވަހެއްގެ ބްރޭކަކަށްފަހު މައްސަލައިގެ ޙުކުމް ކުރެވޭނެއެވެ.””
އެހެންނަމަވެސް، ހިތާމައަކީ، އެކަމުގެ ޢަމަލީ ސިފަ ޖެހިގެން ނުދިއުމެވެ. ކުށުގެ ތުހުމަތުގައި އެހާ ގިނަބަޔަކު “ވާނުވާ” ޖަހާފައިތިބި އިރު، އެފަދަ ކަމެއް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެކަށީގެންވާ ގޮތުގައި ކުރެވެމުންދާތަން ނުފެނުމެވެ.
އެންމެ ފަހުން ޕީޖީން އެކުލަވާލި ރިޕޯރޓުގައިވެސް ބުނެފައިވަނީ، ވާނުވާ ޖަހާ ބަންދުގައި ތިބޭނީ ކޮންމެހެންވެސް ބަންދުގައި ތިބެންޖެހޭ މީހުންކަމަށެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި ތިބި މީހުންނާއި ޓެރަރިޒަމްގެ ކުއްތަކުގެ ތުހުމަތުގައި ތިބި މީހުންނާއި އަދި މިނޫންވެސް ޖިނާޢީ ބޮޑަތި ކުށްތަކުގެ ތުހުމަތުގައި ތިބި މީހުންކަމަށެވެ.
އެހެނަސް، ޕީޖީން އެދަންނަވާ ވާހަކަ މުޅިން ތެދެއް ނޫނެވެ. ދާދި ފަހަކުން، ހުޅުމާލެގައި ޤާއިމުކޮށްފައިހުރި ކޮވިޑް ފެސިލިޓީ ސެންޓަރުގައި އޮތް ބަލިމީހަކަށް އަނިޔާކުރި ބިދޭސީއަކަށްވެސްވަނީ “ވާނުވާ” ޖަހާފައެވެ. މިއީ އަދި އެނގޭ މިންވަރެވެ.
މީހުން ބަންދުގައި “ވާނުވާ” ގައި ބޭއްތިބުމުގައި ޕީޖީން ދައްކާ އެންމެބޮޑު ބަހަނާއަކީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ބަހަނާއާއި މުޖުތަމަޢުއަށް ނުރައްކާވުމުގެ ބަހަނާއެވެ. އެހެނަސް ޕީޖީން މިބުނާ ބުނުމާއިވެސް ދިމާ އިދިކޮޅަށް ޢަމަލުކުރާތަން ފެނިގެންދަނީ މަދެއްކޮށެއްނޫނެވެ. ޕީޖީ ގެ ޢަމަލުތައް ހުންނަގޮތުން ހެއްކަށް ނުފޫޒު ފޯރުވަނީ ވަކިބަޔަކު ނުވަތަ އާދައިގެ ނިކަމެތި މީހުންކަން ދޭހަވާ ކަހަލައެވެ.
މިހާރުވެސް ކުށުގެ ތުހުމަތުތަކެއް ކުރެވިފައިވާ ސިޔާސީ ކިތައް ބޭފުޅުން، ދަޢުވާވެސްކޮށް މުޖުތަމަޢުގެ ތެރެއަށް ދޫކޮށްފައި އެބަތިބިތޯއެވެ. އެފަދަ މީހެއްގެ ފަރާތުން ހެއްކަށް ނުފޫޒެއްނައި ވަރަކަށް ދެން ހެއްކަށް ނުފޫޒެއް އަންނާނީ ކޮންބައެއްގެ ފަރާތުންތޯއެވެ.
” މީނާއަކީ މިމައްސަލައާއި ގުޅުން ހުރި މީހުންނާއި ވަރަށް ގާތްގުޅުމެއް އޮންނަ އަދި ނުފޫޒު ފޯރުވޭ ވަރުގެ މީހަކަށްވާތީ މީނާ ބަންދުގައި ބެހެއްޓުމަށް އަޅުގަނޑުމެން އެދެން” މިއީ ޕީޖީ ވަކީލުން ކޯޓުތަކުގައި އެންމެ އަޑުނަގާ ދައްކާ ވާހަކަކަން ކޯޓުތަކުގެ ބައެއް އަޑުއެހުންތަކުގައި ވަކާލާތުކުރައްވާ ދިފާޢީ ވަކީލުންނާއި އަދި އެފަދަ އަޑުއެހުންތައް އަޑުއަހާ ފަރާތްތަކުން ބުނަމުންދާއިރު، ޕީޖީ ވަކީލުން އެ ދަންނަވާ ވަރުގެ މައްސަލައާއި ގުޅުންހުރި މީހުންނާއި ގާތްގުޅުން އޮންނަ އަދި ބާރާއި ނުފޫޒު އޮތް ފަރާތްތަކަށް އެ ސިޔާސީ ބޭފުޅުން ނުވަނީ ތޯއެވެ.
ދެންވެސް އޮތް އަނެއް ކަންބޮޑުވުމަކީ، ތުހުމަތު ކުރެވިފައިވާ ފަރާތުގެ މައްސަލަ ބައްލަވާ ޤާޟީއަށް އެމައްސަލައިގެ އަޑުއެހުންތަކުގެ ވަކި ހިސާބަކުން ހުށަހަޅާފައިވާ ހެކި ޤަރީނާތަކަށް ބަލާއިރު ތުހުމަތު ކުރެވިފައިވާ މީހާގެ މައްޗަށް އެފަދަ ކުށެއް ސާބިތުކުރެވޭ ވަރުގެ ހެކި ފެންނަން ނެތްކަމަށް ކަނޑައަޅާ ބަންދަށް ލުޔެއް ދިނަސް ޕީޖީ ވަކީލުންގެ ނޭވާ ހޮޅިއަށް އެޅި ބަންދަށް ލުއިދިން މީހާ އިތުރަށް ބަންދުގައި ބެހެއްޓުމަށް މަތީކޯޓުތަކަށް ހުށަހަޅާ ހުށަހެޅުމެވެ. ޕީޖީ ވަކީލުންގެ ޢަމަލުތައް ހުންނަގޮތުން ބައެއްފަހަރު، ތުހުމަތެއްގައިވާ މީހަކު ބަންދުން ދޫވުމަކީ، ޕީޖީ ވަކީލުންނަށް މަސައްކަތް ކުރަން ނޭންގުންކަމަށްދެކި، ދިފާޢުގައި އިތުރު ހިތްވަރެއްލާ މަސައްކަތް ފެށުން ސިފަވާ ކަހަލައެވެ.
ޖިނާޢީ ބޮޑަތި ކުށެއްގެ ތުހުމަތު މީހެއްގެ މައްޗަށް ކުރެވުމަކީ އެމީހެއްގެ މައްޗަށް އެކުށް ސާބިތުވާންޖެހޭ ކަމެއްވެސް ނޫނެވެ. އަދި ކުށެއް މީހެއްގެ މައްޗަށް ސާބިތުނުވާހާ ހިނދަކު އޭނާވަނީ ކުށުން ބަރީޢަވެގެންކަން ޤާނޫނު އަސާސީގައި ބުނާއިރުވެސް، “ވާނުވާ” ބަންދުގައި 5 އަހަރު 6 އަހަރު ތިބެންޖެހި ކުށެއް ސާބިތުނުވެ މިނިވަންވަނީ ކިތައްކިތައް މީހުންތޯއެވެ. އެމީހުން ކުށުގެ ތުހުމަތުގައި ޖަލުގައި ހޭދަކުރި ދުވަސްތަކުގެ ބަދަލު ނަގައިދެނީ ކޮންފަރާތަކުން ތޯއެވެ. އޭނާގެ އަނބިދަރިންނާއި އާއިލާއަށް ލިބުނު ހިތްދަތިކަމާއި ލިބިގެންދިޔަ ދަތިކަން ފޫބައްދައިދެނީ ކޮންފަރާތަކުންތޯއެވެ.
ދަންނަންޖެހޭވާވެސް ކަމަކީ، ދިވެހިރާއްޖޭގެ ގިނަ ޤާނޫނުތައް ހެދިފައިހުރީ ބަޔަކު މީހުން ބުނާ ބުނުމެއްގެ ސަބަބުންވެސް މީހެއްގެ މައްޗަށް ކުށުގެ ތުހުމަތެއް ކުރެވި، އެމީހަކުގެ ބަންދަށް “ވާނުވާ” ޖެހޭފަދަ ގޮތަކަށް ކަމެވެ. ތަޙްޤީޤު މަރުޙަލާގައިވެސް އެއްފަޔަށް ބުރަވެހުރެ މައްސަލަ ތަޙްޤީޤު ކުރުމުގެ ސަބަބުން ކުށުގެ ތުހުމަތު ކުރެވުނު މީހާ އިތުރު ވާފަށަކުން ބަދެލާ ހައްޔަރުގައި އިންނަންޖެހުމެވެ.

