މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅާއި ގުޅިގެން ސަލަފުގެ ސިޓީއެއް ހޯމް މިނިސްޓަރަށް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން ހޯމް މިނިސްޓަރ ޝައިޚް ޢިމްރާން ޢަބްދުﷲ އަށް ސިޓީއެއް ފޮނުވައިފިއެވެ.
ޖަމްޢިއްޔަތުއް ސަލަފުން ފޮނުވި ސިޓީގައި ވަނީ، އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި 26 ޖޫން 2021 ވީ ހޮނިހިރު ދުވަހުގެ ރޭ “ކްލަބްހައުސް” ގެ ހަރުގެ ކްލަބްގެ ތެރޭގައި އެޕާޓީންބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވަމުންދާ، މައްޗަންގޮޅީ މެދުދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ވަނީ ޤާނޫނުއަސާސީގެ އަސާސްތައް މުގުރައި ބާރުކެނޑުމުގެ މަގަށް ތަޤްރީރުގައި ޢާއްމުކޮށް ވާހަކަދައްކަވައި އިޢުލާންކުރައްވާފައި ކަމަށެވެ.
އަދި ޤާނޫނުއަސާސީ ނެގެހެއްޓުމަކީ ކޮންމެ ރައްޔިތަކަށްމެ ޤާނޫނީގޮތުން ލާޒިމްކުރުވާ ކަމެއްކަމަށްވެފައި، އެޤާނޫނުތައް ޙިމާޔަތްކޮށް ތަންފީޒުކުރާ ފަރާތްތަކާ، ޤާނޫނުތައް ހެދުމުގެ މައި މަޖިލީހުގެ އެންމެ އިސްފަރާތްތަކުން މިމޭރުމުން ވާހަކަ ދެއްކެވުމީ ކުށަކަށްނުވާނެ އެއްވެސް މަގެއް އަޅުގަނޑުމެންނަކަށް ވިސްނެތް ނެތްކަމަށެވެ. އެހެނީ، ޤާނޫނު އަސާސީގެ 45 ވަނަ މާއްދާ ބުނަނީ: “މި ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކާ އެއްގޮތްވާ ގޮތުގެމަތީން މެނުވީ، އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ހިފައި، ހައްޔަރުކޮށް، އަދި ބަންދުކޮށްގެނެއް ނުވާނެކަމަށާއި މިހެންއޮއްވާ، އެމަނިކުފާނު އެވާހަކަ ދެއްކެވީ ބައެއް މީހުން ކުށެއްގެ ތުހުމަތުގައި ހިފައި ހައްޔަރުކޮށް، މުއްދަތެއް ނެތްގޮތަށް ބަންދުގައި ބޭތިއްބުމުގެ ވާހަކަފުޅުކަމަށެވެ. އަދި މިވާހަކަފުޅުގެ މޭރުމުން އެއީ ސަމާސާ ވާހަކަފުޅެއް ނޫންކަންވެސް އަޑުއެހި އެންމެހާފަރާތްތަކަށް ދޭހަވާނެކަމުގައި އަޅުގަނޑުމެންނަށް ޔަޤީންކުރެވެއެވެ.
ހޯމް މިނިސްޓަރަށް ޢަމާޒުކޮށް ސަލަފުގެ ސިޓީގައި ވަކީން ޚާއްޞަކޮށް މަނިކުފާނަށްވެސް ވަންހަނާވެފައި ނޯންނާނެފަދައިން މުޙައްމަދު ނަޝީދަކީ މީގެ ކުރީންވެސް ޤާޒީއަކު ހައްޔަރުކޮށް ކޯޓުގައި ތަޅުއަޅުވައި ޤާނޫނުން ބޭރުން އެތައް ޖަރީމާއެއް ހިންގައި ޤާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވުމުގެ ސަބަބުން، އެމަނިކުފާނުގެ ކަންތަކުގައި، އޭރު އިދިކޮޅު ހަރަކާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ބައިނަލްއަޤްވާމީ ދާއިރާތަކުގައްޔާއި، އަދި ޚުދު މަނިކުފާނުން އިސްވެ ހުންނަވައި ޤާނޫނު އަސާސީ ނެގެހެއްޓުމުގެ ގޮތުން ފުރަމާލެ މޫނުމަތީގައި 21 އަކަށްދުވަހު ރައްޔިތުންގެ ޖަމާޢަތަކާއެކު އިއްތިޖާޖްކުރައްވައި އަޑުއުފުއްލަވާފައިވާ ފަރާތެއްނޫންތޯއެވެ. އެކުށްތަކުގައި ޤާނޫނުތަންފީޒު ވިޔަނުދިނުމަށްވެސް އަނެއްކާ އިޙްތިޖާޖުކުރެއްވީވެސް ހަމަ މަނިކުފާނު ނޫންތޯއެވެ. މިއަދު އަނެއްކާ ހަމައެމަނިކުފާނު މިފަދަ މޭރުމުން ޖަރީމާކުރެއްވުމުގެ ވާހަކަ ފަޚުރުވެރިކަމާއެކު، ޢާއްމުކޮށް ތަޤްރީރުކުރެއްވުމާއެކުވެސް އެކަށީގެންވާ ފިޔަވަޅު ނާޅުއްވަވައި ދޫކުރައްވައިފިނަމަ، އެކަމުގެ ސަބަބުން ދެން ރައްޔިތުންގެ މެދުގައި އުފެދޭ ނުތަނަވަސްކަމާ، އޭގެ ނަތީޖާއެއްގެ ގޮތުން ޤަޢުމުގެ ދާޚިލީ އަމަންއަމާން ކަމަށް އަންނަ ލޮޅުންތަކާ ޒިންމާނަންގަވަން ޖެހިވަޑައިގަންނަވަނީ ހަމަ މަނިކުފާނުކަންވެސް މިފުރުސަތުގައި ހަނދުމަކޮށް އަރުވަމެވެ. ފަހެ އަޅުގަނޑުވެންނަށް އޮތީ މަސްއޫލުވެރީންނަށް ހަނދާންކޮށްދިނުންކަމުގައިވެސް އެސިޓީގައި ޖަމްޢިއްޔަތުއް ސަލަފުން ބުނެފައިވެއެވެ.
މި ސިޓީ ނިންމުމުގައި ވަރަށް ގިނަ ޤާނޫނީ މާއްދާތަކަށް އަލިއަޅުވާލާ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ކަންބޮޑުވުންތައް ފާޅުކުރައްވާފައިވެއެވެ.
