ޚަބަރު

“ކާންދޭ އަތުގައި ދަތް ނާޅާ” ގެ ނަމުގައި ސުލުޙަވެރި މުޒާހަރާކަށް ނުކުންނަނީ

“ކާންދޭ އަތުގައި ދަތް ނާޅާ” ގެ ނަމުގައި، ރެސްޓޯރަންޓް އޮފްދަ މޯލްޑިވްސް ގެ ފަރާތުން ސުލުހަވެރި މުޒާހަރާއަކަށް ނިކުންނަށް ނިންމައިފިއެވެ.

ރެސްޓޯރަންޓް އެސޯސިއޭޝަނުން ކުރި ޓްވީޓެއްގައި ބުނީ “ކާންދޭ އަތުގައި ދަތް ނާޅާ” ގެ ނަމުގައި ކެފޭ ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކުން ސުލްހަވެރި އަޑުއުފުލުމެއް މާދަމާ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މާދަމާ ހަވީރު 4:00 ގައި ކާނިވާ ސްޓޭޖް ސަރަހައްދުގައި ކުރިއަށް ގެންދާ މި މުޒާހަރާގައި އެ ސިނާއަތުގައި އުޅޭ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް އެ ޖަމިއްޔާއިން ވަނީ ދަޢުވަތުދީފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކެފޭ ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުންބުއިމުގެ ހިދުމަތް ހޯދުން މެދުކަނޑާލުމުން އެކަމާ ދެކޮޅަށް މީގެ ކުރިން ވެސް ރެސްޓޯރެންޓްތަކުގެ އިސްވެރިން ވަނީ މުޒާހަރާ ކޮށްފައެވެ.

މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވުމާ ގުޅިގެން ކެފޭ ރެސްޓޯރެންޓުތަކުން މިހާރު ފޯރުކޮށްދެވެނީ ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެވެ.

ކެފޭ، ރެސްޓޯރެންޓްތަކަށް ލިބޭ ގެއްލުމާއި ގުޅިގެން ބަދަލެއް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް ބަދަލު ދިނުމަށް ތާއީދު ލިބިފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުން ވަނީ މި ގެއްލުންތަކުން އަރައިގަތުމަށް ޚާއްޞަ ލުއި ލޯނު ސްކީމެއް ތަޢާރަފުކޮށްފައެވެ.

މާލޭގައި ހިންގާ ކެފޭ، ރެސްޓޯރަންޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގާތްގަނޑަކަށް 99 އިންސައްތައަކީ ބިދޭސީން ކަމަށްވާތީ އެތަންތަނަށް ލިބޭ ގެއްލުމުގެ އަސަރު ވަކިވަކި ދިވެހީންނަށް ކުރާ މިންވަރު ކުޑަ ނަމަވެސް ގިނަ ބަޔަކު ޚިދުމަތް ހޯދާތީ އެތަންތަން ބަންދުކުރުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑަށް ދަތިވާކަން ފާހަގަކުރެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close