ދީން

ކުރައްވާ ހެޔޮޢަމަލުތައް “ދެއްކުންތެރި” ކަމުގެ ތެރެއަށް ވަދެދާނެތީވެ، އެބޭކަލުން އުޅުއްވިގޮތް (ހަތަރުވަނަބައި)

ޚާލިދް ބްނު މަޢުދާން އާއި ބެހޭގޮތުން ރިވާވެގެންވެއެވެ. “އެކަލޭގެފާނު ކިޔަވާދެއްވާ ޙަލަޤާގައި މީހުން ގިނަވެއްޖެނަމަ ތެދުވެވަޑައިގެން ވަޑައިގަނެއެވެ. އެއީ މަޝްޙޫރުވެދާނެކަމަށް ބިރުންނެވެ!”

[އައްތަވާޟުޢު | 46]

އަބުލް ޢާލިޔާއާއި ބެހޭގޮތުން ރިވާވެގެންވެއެވެ: “އެކަލޭގެފާނުގެ އަރިހުގައި ތިނަކަށްވުރެ ގިނަ މީހުން އިށީންދެއްޖަނަ ތެދުވެވަޑައިގަންނަވައެވެ!”

[އައްތަވާޟުޢު | 47]

އައްޔޫބު އައްސަޚްތިޔަނީ ވިދާޅުވިއެވެ. “އެމީހަކު ހުރިކަން (އެހެން މީސްތަކުންނަށް) އިޙްސާސްވެގެން ނުވުމަށް ލޯބިކޮށްފިމީހަކު މެނުވީ ﷲ އަށް ތެދުވެރިނުވެއެވެ.”

[އައްތަވާޟުޢު | 35]

އިބްރާހީމު ބްނު އަދްހަމު ވިދާޅުވިއެވެ. “މިނިކާ ޖަނަވާރެއްގެ ކިބައިން ތިޔަބައިމީހުން ދުވެފިލާފަދައިން، މީސްތަކުންގެ ކިބައިން ފިލާ ރައްކާވާށެވެ. އަދި ހުކުރުނަމާދާއި ޖަމާޢަތުގެ ނަމާދުން އެއްކިބާ ނުވާށެވެ.”

[ޙިލްޔަތުލް އައުލިޔާއު | 8/33]

މުޙައްމަދު ބްނު ޔޫސުފު އަލްޢަޞްބަހާނީ އާއިމެދު ރިވާކުރެއްވިގެންވެއެވެ: “އެކަލޭގެފާނު ރޮށިފިހާ އެކަކުގެ ކިބައިން (އަބަދު) އެކަލޭގެފާނުގެ ކޮއްތު ބައްލަވާ ނުގަންނަވައެވެ. އަދި ވިދާޅުވިއެވެ: “ފަހަރެއްގައި އެބައިމީހުންނަށް އަހުރެންނަކީ ކާކުކަން އެނގި، ދެން އަހުރެންނަށް އިތުރަށް ތަކެތި ދީފާނެއެވެ. އެހެންވެއްޖެނަމަ އަހުރެން ވާހުށީ އަހުރެންގެ ދީން ބޭނުންކޮށްގެން (ކައިބޮއެ) ދިރިއުޅޭ މީހެއްކަމުގައެވެ!”

[ޙިލްޔަތުލް އައުލިޔާއު | 8/231]

އައްޔޫބު އައްސަޚްތިޔާނީ ކޮންމެ ރެޔަކު މުޅި ރޭ އެއްކޮށް ރޭ އަޅުކަމުގައި ހޭދަކުރައްވަވައެވެ. ނަމަވެސް އެކަން ފޮރުވައެވެ. ހެނދުނުގެ ވަޤުތު އައުމުން ހަމަ ދެންމެއަކު ހޭލި މީހެއް ފަދައިން އަޑު (މޯޅިޔަށް ދެމިލައި ވަޤުތު ބައެއް މީހުން އަޑު ލައްވާލައި ފަދައިން) ގެންގުޅުއްވައެވެ.

ދާވޫދު ބިން އަބީ ހިންދު ޢާއިލާއަށް ނޭނގޭ ގޮތަށް 40 އަހަރު ވަންދެން ރޯދަ ހިއްޕެވިކަމަށް ވެއެވެ. އެބޭފުޅާގެ މެންދުރު ކެއުން ގެއިން ބޭރަށް ހިއްޕަވައިގެން ގޮސް މަގުމަތީގައި ތިބޭ (ޙާޖަތަށް ޖެހިފައި) މީހުންނަށް ދެއްވައެވެ.

(ނިމުނީ)

[ރިފަރެންސް: އައްޛަހަބީ، ސިޔަރު އައްލާމް އައްނުބަލާ،~ އަބޫ ނުޢައިމް، ހިލްޔަތުލް އަލްއައުލިޔާ،~ އިބިދް]

މި ލިޔުމުގެ އެހެންބައިތައް ކިޔާލުމަށް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close