މީޑިއާ ތަކަށް ބިރުދެއްކުން ހުއްޓާލުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި
މީޑިއާތަކަށް ބިރު ދެއްކުން ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފި އެވެ.
އެމްއެމްސީން މިހެން ގޮވާލީ13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލަ ރިޕޯޓުކުރި ގޮތް ގޯސް ކަމަށް ބުނެ އޮންލައިން ނޫސް “އަވަސް” ޖޫރިމަނާ ކުރި މައްސަލައިގަ ނެރުނު ބަޔާނެއްގައި އެވެ. ޖެންޑާއިން ވަނީ އިތުރު ބައެއް ނޫސްތަކަށް އެ މައްސަލަ ރިޕޯޓު ކުރި ގޮތުން ނަސޭހަތްތެރިވެފައި އެވެ.
އެމްއެމްސީގެ ބަޔާނުގައި ބުނެފައިވަނީ މި މައްސަލަ ޗައިލްޑް ޕްރޮޓެކްޝަން ސާވިސަސްއިން ބަލައި ހައްލަކީ ޖޫރިމަނާ ކަމަށް ނުދެކޭ ކަމަށެވެ. އެމްއެމްސީން ބުނީ މީޑިއާގައި ޝާއިއުކުރާ ޝާއިއުކުރުންތަކުގެ މައްސަލަ ބެލުމުގެ ގާނޫނީ އިޚްތިސާސް ލިބިގެންވަނީ އެ ކައުންސިލަށް ކަމުގައިވީހިނދު، އެ ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމަކީ، ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.
އަދި ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ހަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި، އެފަދަ ޝާއިއުކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެގޮތް ބަޔާންކުރާ އުސޫލު އެކުލަވާލުމުގެ ބާރު ލިބިދީފައިވަނީ އެ ކައުންސިލަށް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން ގާނޫނާ ހިލާފުވާ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ، މި ކައުންސިލުން ކުރަންޖެހޭކަމެއްކަމުގައި ދެކޭ ކަމަށް އެ ބަޔާނުގައި ވެއެވެ.
އެމްއެމްސީން ގަބޫލު ކުރާ ގޮތުގައި އަވަސް ޖޫރިމަނާ ކޮށްފައިވަނީ ނަސޭހަތް ދިނުމެއް ނެތި އެވެ. އެހެން ކަމުން އެއީ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއްނެތި އިޖުރާއަތުން ބޭރުން، އެހެން ވުޒާރާއަކުން ނުވަތަ މުއައްސަސާތަކުން ކުރެވިދާނެކަމެއްކަމުގައި ގަބޫލު ނުކުރާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އެމްއެމްސީން ބުނީ މިފަދަ މައްސަލަތަކުގެ ހައްލަކީ ޖޫރިމަނާކޮށް އަދަބު ދިނުންކަމުގައިވެސް ނުދެކޭ ކަމަށެވެ. އަދި މިބީދައިން މީޑިއާތައް ޖޫރިމަނާކޮށް އަދަބުދިނުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއިން ފަހަކަށް އައިސް ކުރިއެރުންތަކެއް ހާސިލުކުރަމުންދަނިކޮށް، ނޫސްވެރިކަމުގެ މިނިވަންކަމުގައި އެތައް ދަރަޖައެއް ފަހަތަށް ހިނގައިދާނެކަމެއް ކަމަށެވެ.
މިޑީއާ ކައުންސިލުން ވަނީ ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ކައުންސިލުން ހަބަރުތައް މޮނީޓާ ކުރަމުންދިޔަ ކަން ފާހަގަކޮށްފައެވެ.
އަދި އެ ހަބަރުތަކުގައި ހިމެނޭ ގާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް ހުރި ކަންކަން ދެނެގަތުމަށް އެސެސްމެންޓެއް ހެދުމަށް ނިންމައި އެ މަސައްކަތްތައް ވަނީ ފަށާފައެެވެ.
މި ހަބަރު ރިޕޯޓު ކުރި ގޮތް ކަމުނުގޮސްގެން ޖެންޑާއިން ނަސޭހަތް ދިން ނޫސްތަކުގެ ތެރޭގައި “އަދަދު”، “ވަން”، އަދި “ވަގުތު” ހިމެނެ އެވެ.

