ޚަބަރު

އަދުރޭގެ ހަޑިހުތުރު ބަސް ބޭނުންކުރި މައްސަލަ ކްރިމިނަލްކޯޓުން ބޭރުކޮށްލައިފި

ހަޑިހުތުރު ބަސްބޭނުންކުރި ކަމަށްބުނެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.

އަދުރޭގެ އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް 10:30 ތާވަލު ކޮށްފައިވާއިރު، މީގެ ކުރިން އޮތް އަޑުއެހުމުގައި އަބްދުއްރަހީމްގެ ފަރާތުންވަނީ ދައުލަތުން އޭނާއާ ދެކޮޅަށް ހުށަހެޅި ހެކީގެ ތެރެއިން ވީޑިއޯ އަދި އޯޑިއޯ ސާމްޕަލް ހޯދާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ހިލާފަށް ކަމަށްބުނެ ހުށަހެޅުމެއް ހުށަހަޅާފައެވެ.

މިއަދު އޮތް އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ، މައްސަލާގައި ހިމެނޭ އޯޑިއޯ އަދި ވީޑިއޯ ރިޕޯޓް ހެދުމަށް، ފުލުހުން ސާމްޕަލް ނަގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ހިލާފަށް ކަމަށެވެ. އެހެންކަމުން ދެން އެ މައްސަލާގައި ހިމެނޭ އެހެން ހެކިތަކަކީ ދައުވާ ސާބިތުކުރުމަށް އެކަށީގެންވާ ހެކިތަކެއް ކަމަށް ނުފެންނާތީ، މި މައްސަލައަކީ މައުޟޫއީ ގޮތުން ކުރިއަށް ގެންދެވެން ނެތް މައްސަލައެއް ކަމަށް ނިންމާފައިވެއެވެ.

އަދުރޭގެ މައްޗަށް ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޝަރީއަތް ކުރިއަށްދިޔަ ދުވަހު އެ މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންނަށް ނިސްބަތްކޮށް އަޑުގަދަކުރާ ބޭނުންކޮށްގެން ހަޑިހުތުރު ބަހުން ވާހަކަ ދައްކާފައިވާތީއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close