ލޯފަންކުދިންނަށް ޤުރުއާން ހިތުދަސްކޮށްދޭ ޚާއްޞަ ޤުރްއާން ކިލާހެއް ފަށައިފި
ލޮލަށްފެނުމުން މަޙްރޫމްވެފައިވާ ކުދިންނަށް އަމާޒުކުރެވިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޤްރުއާން ހިތުދަސްކޮށްދޭ ކިލާސް ރަސްމީކޮށް މިއަދު އިފްތިތާޙް ކޮށްފިއެވެ.
މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަޙްމަދު ޒާހިރުއެވެ. މި ކިލާސް ތައްޔާރުކުރުމަށްޓަކައި ޚައިރާތުކޮށްދެއްވި މޯލްޑިވްސް އިސްލާމިކް ބޭންކުންނާއި އަދި އަލްމަރްޙޫމް އިސްމާއީލްފުޅު (ޙަލިންތަ) ހ. ފޭވަރިޓްވިލާ / ކ. މާލެ މި ދެ ފާރާތުން ކަމަށް އައި،ޔޫ،އެމް އިން މައުލޫމާތު ދެއްވައެވެ.
މި ކިލާހުގެ މައިގަނޑު މަޤްޞަދަކީ 2 ނުވަތަ 3 އަހަރުގެ މުއްދަތުގެ ތެރޭގައި މިކުދިންނަކީ ތަޖްވީދުގެ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ހިތުދަސް ކޮށްދިނުންކަމުގައި އައި،ޔޫ،އެމް އިން މަޢުލޫމާތު ދެއްވައެވެ.
މި ކިލާސްތަކުގައި ކިޔަވައިދެއްވާނީ ތަމްރީނާއި ތަޖްރިބާ ލިބިފައިވާ ޚާއްޞަ އުސްތާޛުންކަމަށާއި، މިފަހަރުގެ މި ޕްރޮގްރާމްގައި ޖުމްލަ 19 ދަރިވަރަކު ބައިވެރިވެފައިވާކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.
އެއީ ރާއްޖޭގެ އެކި އަތޮޅުތަކުން 11 ދަރިވަރުން އަދި މާލެއިން 8 ދަރިވަރުންނެވެ. މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ އޮންލައިންކޮށް އަދި ކެމްޕަހަށް ހާޒިރުވެގެން ކިޔެވޭގޮތަށެވެ.

