ޢާފިޔަތަށް އެދި ދުޢާ ކުރުމުގެ މުހިންމުކަން.
عن شريح بن هانئ، عن عائشة (رضي الله عنها) قالت: «لَوْ عَرفْتُ أَيُّ لَيْلَةٍ ليْلة القَدْر مَا سَألتُ الله فِيهَا إلا العَافِيةَ»
ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: ”ލައިލަތުލް ޤަދްރި ވިލޭރެޔަކީ ކޮބައިކަން ތިމަންކަމަނާ އަށް އެނގިއްޖައީހީ ނަމަ، ﷲ ޙަޟުރަތުން ޢާފިޔަތަށް⁽¹⁾ ނޫން ކަމަކަށް ތިމަންކަމަނާ އެރޭގައި ނުދަންނަވާހުށީމެވެ.“
ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ: ”ރިވާކުރެއްވީ އިބްނު އަބީ ޝައިބާ އާއި އަލްބައިހަޤީ، އޭގެ އަސާސުގައި ޞައްޙަ ކޫފިއްޔު ސަނަދަކުންނެވެ. އެކަމަނާއަށް މަޥްޤޫފު ގޮތުގައެވެ.“ އަދި ޚާލިދުލް ޙާޔަކް ވެސް މިރިވާޔަތުގެ ސަނަދު ”ޞައްޙަ“ ކަމުގައި ވިދާޅުވިއެވެ.
_____
[1] العَافِيَة އަކީ އޭގައި ފުން މާނައެއް އެކުލެވޭ ލަފުޒެކެވެ. އެހެންކަމުން އޭގެ މާނައިގައި ވަނީ ފިތުނަތަކުން ދީން ސަލާމަތް ކޮށްދެއްވުމެވެ. އަދި ޖިސުމު ދުޅަހެޔޮކަން ގެއްލިދިޔުމުންވެސް މެއެވެ. އަދި އޭނާގެ އަހުލުންނާއި މުދައުވެސް އެފަދަ އެންމެހާ ބަލާތަކަކުން ސާލާމަތްކޮށް ދެއްވުމެވެ.
ޢަފޫ (الْعَفْوَ) ކުރެއްވުމަށް އެދުމާއި (الْعَافِيَةَ) ޢާފިޔަތަށް އެދުމުގެ ފަރަޤަކީ ކޮބައޮހެއްޔެވެ؟
الْعَفْوَ (ޢަފޫ) ކުރެއްވުމީ، ދޫކޮށްދެއްވުމާއި ފޮހެދެއްވެވުމެވެ. އެހެންކަމުން މިއީ ފާފައިގެ މައްޗަށްވާ ޢުޤޫބާތް ފޮހެދެއްވެވުމެވެ. މިއާއި ޚިލާފަށް (المَغْفِرَة) އަކީ އޭނާގެ ޘަވާބުގެ ބަދަލަށް ފާފަފުއްސެވުމެވެ. އެހެންކަމުން މަޣްފިރަތަކީ އަޅުތަކުންނަށް ނިސްބަތް ނުވާ ﷲ އަށް އެކަނި ނިސްބަތް ކުރެވޭ ސިފައެކެވެ. އެހެންކަމުން اَسْتَغْفِرُ اللّه (އަޅާއަށް މަޣްފިރަތު ދެއްވާށި، އޭ ﷲ) މިހެން ބުނެވޭ ފަދައިން އެނޫން ފަރާތަކަށް، ނިސްބަތް ކުރެވި ނުބުނެވެއެވެ.
ބުނެވެއެވެ: الْعَفْو އަކީ ޢަޛާބު ކަނޑުވައިދެއްވުމެވެ. އަދި المَغْفِرَة އަކީ އޭގެ ފަހުން އޭނާ ފަޟީޙަތް ވުމާއި ބޭޒާރު ވުމުން ސަލާމަތްކުރެއްވުމެވެ. އެހެނީ ނަރަކައިގެ ޢަޛާބުން އޭނާ އެކީ އެއްކޮށް މިންޖުވުން ވަނީ (އެ ކުށްފާފަ ތަކުން އަންނަ) ފަޟީޙަތް ކުރެއްވުމުގެ ޢަޛާބުން މިންޖުވުމުންނެވެ.
ވީމާ الْعَفْو އަކީ ޖިސްމާނީ ޢަޛާބުން މިންޖުކުރެއްވުމެވެ. އަދި المَغْفِرَة އަކީ ރޫޙާނީ ގޮތުންނެވެ.
މިގޮތުން މިދެކަމާއި الْعَافِيَةَ މުޅިން ފަރަޤުވެގެން ވެއެވެ. އެއީ އަޅާގެ މައްޗަށް ލެއްވޭ ދުނިޔެވީ އަދި އުޚްރަވީ އެންމެހާ ބަލިމަޑުކަމާއި ބަލާތަކުން ދިފާޢުކޮށްދެއްވައި ދުޅަހެޔޮކޮށް ދެއްވުމެވެ. އަދި މީގެ މާނަ ފުޅާވެގެންވެއެވެ. (އިތުރު ތަފްޞީލަށް: މަޞްދަރު)
އަދި އައްތިރުމިޛީ އާއި އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: މުޢާޛް ބްނު ރިފާޢާ އެކަލޭގެފާނުގެ ބައްޕަ އަރިހުން ރިވާކުރެއްވިއެވެ: އަބޫ ބަކުރު އައްޞިއްދީޤު މިންބަރު މައްޗަށް އަރައިވަޑައިގެންނެވިއެވެ. ދެން ކީރިތި ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ ހިޖުރައިން ފުރަތަމަ އަހަރު ތެރޭގައި، މިންބަރު މައްޗަށް އަރައިވަޑައިގެންނެވިއެއެވެ. ދެން ކީރިތި ކުރެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ: «سَلُوا اللَّهَ الْعَفْوَ وَالْعَافِيَةَ فَإِنَّ أَحَدًا لَمْ يُعْطَ بَعْدَ الْيَقِينِ خَيْرًا مِنَ الْعَافِيَةِ» ”ޢަފޫ ކުރެއްވުމަށާއި ޢާފިޔަތަށް ތިޔަބައިމީހުން ﷲ ޙަޟުރަތުން އެދޭށެވެ. ފަހެ ހަމަކަށަވަރުން (އީމާންކަމުގެ) ކަށަވަރަށްފަހު، ޢާފިޔަތަށް ވުރެ ހެޔޮ އެއްވެސް އެއްޗެއް ތިޔަބައިމިހުން ތެރެއިން އެކަކަށް ވެސް ދެއްވެވިފައި ނުވެއެވެ.“
އައްތިރުމިޛީ ވިދާޅުވިއެވެ: “މީގެ ސަނަދު ޙަސަން ޣަރީބެވެ.” މުސްނަދުގެ ތަޚްރީޖުގައި އަލްއަރްނައޫޠު ވިދާޅުވިއެވެ: މީގެ ސަނަދު ޙަސަން އެވެ.
~ ގަލަންދާން



