ނާރެސް ރޯދަސުފުރާ – ޗިކަން ސްކެއަރ
ނާރެސް ރޯދަސުފުރާގައި މިއަދު މިގެނެސްދެނީ ވަރަށް މީރު ހެދިކާއެކެވެ. ޗިކަން ސްކެއަރ އަކީ ވަރަށް ގިނަމީހުންގެ މަޤުބޫލުކަން ލިބިފައިވާ އެއްޗެކެވެ. ޚާއްޞަކޮށް ރޯދަމަހަށް ވަރަށް ކަމުދާނެއެވެ. ރޯދަވީއްލާ ގަޑީގައިވެސް އަދި ތަރާވީސް ގަޑީގައިވެސް ކާލަން ވަރަށް ރަނގަޅުވާނެއެވެ.
މަސްގަނޑު ހަދަން ބޭނުންވާތަކެތި
2 ޖޯޑު ބޯންލެސް ޗިކަން (ކުދިކޮންކޮށާފައި)
2 ފިޔާ (ބޮޑު)
4 ލޮނުމެދު
1 ގިތެޔޮމިރުސް
2 މޭޒުމަތީ ސަމުސާ ލީކްސް ( ކުދިކޮށް ކޮށާފައި)
1 ސަމުސާ ކެޕްސިކަމް (ކިޔުބްގޮތަށް ކުދިކޮށް ކޮށާފައި)
1 ސަމުސާ ޕެޕާ (ކިޔުބްގޮތަށް ކުދިކޮށް ކޮށާފައި)
2 ފޮތި ޗީޒް
3 ސަމުސާ މަޔޯނައިސް
1 ސަމުސާ އަސޭމިރުސް
½ ސައިސަމުސާ އަޖުނަމޮޓޯ
މަސްގަނޑު ތައްޔާރުކުރާނެގޮތް
ފުރަތަމަ ޖެހޭނީ މަސްކޮޅު މީރުކޮށްލާށެވެ. މަސްކޮޅު މީރުކޮށްލުމަށްޓަކައި ބޯންލެސް މަސްކޮޅު ތެރެއަށް ލޮނުކޮޅަކާ ސޯޔާސޯސްކޮޅެއް އަޅާ އެއްކޮށްލާށެވެ. ދެން ތަވާ އުދުނަށްއުދާށެވެ. ތަވަޔަށް ހޫނުވުމުން ދެ ސަމުސާ ތެޔޮ އަޅާ ތަވާތެރެއަށް މަސްކޮޅު އަޅާށެވެ. ދެން ކުޑަކޮށް ރަތްކުލަ އަރަންދެން މީރުކޮށްލާށެވެ. މީރުކޮށް ނިމުމުން ތަވާގައި ހުރި މަސްކޮޅު ތައްޓަކަށްއަޅާލާށެވެ.
ދެން އަނެއްކާވެސް ތަވަޔަށް ތެޔޮފޮދެއް އަޅާ ކުރިން ކޮށިތަކެތި އަޅާ މީރުކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކުރިން މީރުކޮށްލި މަސްކޮޅު އަޅާލާށެވެ. ދެން އޭގެތެރެއަށް އަސޭމިރުސްކޮޅާއި، އަޖުނަމޮޓޯކޮޅު އަޅާލާށެވެ. އަދި ލޮނުލައި ރަހަހެޔޮވަރު ކޮށްލާށެވެ. ދެން އޭގެ ތެރެއަށް ދެ ފޮތި ޗީޒާއި، މަޔޯނައިސްކޮޅު އެޅުމަށްފަހު ކުޑައިރުކޮޅަކު އުދުންމަތީ ބަހައްޓާ ހޫނުކޮށްލާށެވެ. އޭރުން މިހާރު އެހެރީ މަސްގަނޑު ތައްޔާރުކޮށް ނިމިފައެވެ.
ފުށްގަނޑު ތައްޔާރުކުރުމަށް ބޭނުންވާތަކެތި
4 ޖޯޑު ފުށް
4 ސަމުސާ ތެޔޮ
1 ސައިސަމުސާ ލޮނު
3 ބިސް
2 ޖޯޑު ފާރޮށިކުނޑި
ފުށްގަނޑު ތައްޔާރުކުރާނެގޮތް
އާދައިގެ ރޮށިފިހަން ފުށްމޮޑޭހެން ފުށްގަނޑު މޮޑެލާށެވެ. ދެން ރޮށިދަމާށެވެ. ދެން ރޮށި ކުޑަކޮށް ފިހެލާށެވެ. ދެން ރޮށިމައްޗަށް ތައްޔާރުކުރި މަސްގަނޑުން މަސްކޮޅެއް އަޅާށެވެ. ދެން ސްކެއަރ އަކަށްވާގޮތަށް ފަތްޖަހާލަށެވެ. ބައްދާލުމަށްޓަކައި ގޮދަން ފުށްކޮޅެއް ގިރާލުމަށްފަހު ބޭނުންކުރާށެވެ.
ދެން ތައްޓަކަށް 3 ބިސް އަޅާ ގިރާލާށެވެ. އޭގެ ތެރެއަށް ތައްޔާކުރި “ޗިކަން ސްކެއަރ” ލައި ތެތްމާލާށެވެ. އޭގެފަހުގައި ފާރޮށިކުނޑިއަށްލައި ރަނގަޅަށް ދެފުށުގައި ފާރޮށިކުނޑި ހާކާލާށެވެ.
ދެން އޭގެ ފަހުގައި ތަވަޔަށް ތެޔޮއަޅާ ހޫނުވަންދެން އުނދުންމަތީ ބަހައްޓާ އޭގެތެރެއަށް ކުރިން ތައްޔާރުކުރި ޗިކަން ސްކެއަރ ލުމަށްފަހު ރަނގަޅަށް ރޯފިލަންދެން ތެލުލާށެވެ. މިހާރު އެހެރީ ޗިކަން ސްކެއަރ ތައްޔާރުކޮށް ނިމިފައެވެ.