ދީން

އަޑުނީއްވަ ޤުރްއާން ކިޔެވިދާނެތޯ؟

ސުވާލު: އަޑުނީއްވަ ޤުރްއާން ކިޔެވިދާނެތޯ؟
ޖަވާބު:
الحمد لله رب العالمين، وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين. أما بعد:
ޤުރްއާން ކިޔަވާއިރުވެސް އަދި ޛިކުރުތައް (މިސާލަކަށް: ހަވީރާއި ހެނދުނުގެ ޛިކުރުތައް ނުވަތަ ތަސްބީޙަ އާއި ތަހުމީދު އަދި ތަހުލީލު އާއި ނިދުމުގެ ކުރިން ކިޔާ ޛިކުރުތައް) ފަދަ ޛިކުރުތައް ކުރާއިރުވެސް އަޑު ނީއްވިޔަސް އެމީހެއްގެ ދޫ ޙަރަކާތްތެރިވާން ޖެހޭނެއެވެ. ދޫ ޙަރަކާތްތެރި ނުވާނަމަ އެކަމުން އަޖުރެއް ނުލިބޭނެއެވެ.
އިބްނު ރުޝްދުގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. އިމާމު މާލިކު ރަޙިމަހުﷲ އަށް ނަމާދު ކުރި މީހަކާއި ބެހޭގޮތުން ސުވާލު ވެވުނެވެ. އެ ނަމާދު ކުރި މީހާ، ނަމާދުގައި ކިޔެވި އެއްވެސް އެއްޗެއްގެ އަޑެއް އެހެން މީހަކަށް ނީވެއެވެ. އަދި އޭނާގެ އަމިއްލައަށްވެސް ނީވޭ ކަހަލައެވެ. އަދި އެންމެ ކުޑަމިނުން އޭނާގެ ދޫ އެތަކެތި ކިޔުމަށް ޙަރަކާތެއްވެސް ނުކުރެޔެއެވެ. އިމާމު މާލިކު ރަޙިމަހުﷲ ވިދާޅުވިއެވެ. އެއީ އެހެންކަމަށްވާނަމަ ކިޔެވުމެއް ނޫނެވެ. ކިޔެވުމުގައި އޭނާގެ ދޫ ޙަރަކާތްތެރިވާންޖެހޭނެއެވެ. (ބައްލަވާ: އަލް ބަޔާން ވައްތަހުސީލް 490/1)
މުސްޙަފު ބަލައިގެން ނުވަތަ ފޯނުން ބަލައިގެން ޤުރްއާން ކިޔެވިޔަސް، ޤުރްއާން ކިޔަވާނަމަ އޭނަގެ ދޫ ޙަރަކާތްތެރިވާން ޖެހޭނެއެވެ. އެހެން ނޫންނަމަ ކިޔެވިކަމަކަށް ނުވާނެއެވެ. އަދި އެކަމުގެ އަޖުރުވެސް ނުލިބޭނެއެވެ. ދޫ ޙަރަކާތް ނުކުރާނަމަ، ވާނީ ޤުރްއާނާދިމަ ބެލި ކަމަށެވެ. (ބައްލަވާ: ބަދާއިޢު އައްޞަނާއިޢު 118/4 ގައި އަލްކަސާނީ ވިދާޅުވެފައި)
ޝައިޚް އިބްނު އުޘައިމީން ރަޙިމަހުﷲ އާއި ސުވާލުވެވުނެވެ. ނަމާދުގައި ޤުރްއާން ކިޔަވާއިރު ދޫ ޙަރަކާތް ކުރަން ޖެހޭނެ ހެއްޔެވެ. ނުވަތަ ދޫ ޙަރަކާތްނުކޮށް ހިތުން ކިޔޭނެ ހެއްޔެވެ؟
ޖަވާބުގައި ޝައިޚް އިބްނު އުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. ކިޔަވަން ޖެހޭނީ ދޫ ޙަރަކާތްކޮށްގެންނެވެ. މީހަކު ނަމާދުގައި ކިޔަވާއިރު އޭނާގެ ދޫ ޙަރަކާތް ނުކުރާނަމަ، އެއީ ރަނގަޅުގޮތެއް ނޫނެވެ. ޛިކުރުތައްވެސް މިފަދައެވެ. އެއީ ކިޔަން ޖެހޭ އެއްޗިއްސެވެ. އެހެންކަމުން އެފަދަތަކެތި ކިޔަން ޖެހޭނީ ދުލާއިއެކު ތުންފަތްވެސް ޙަރަކާތްކޮށްގެންނެވެ. (ބައްލަވާ މަޖްމޫޢު ފަތާވާ އިބްނު އުޘައިމީން 156/13)
އެހެންކަމުން ނަމާދުގައި ވިޔަސް ނަމާދުގައި ނޫނަސް ޤުރްއާނާއި ޛިކުރުތައް ކިޔާއިރުވެސް އެންމެ ރަނގަޅު އަދި އެދެވިގެންވަނީ އޭނާގެ ދުލާއި ތުންފަތް ޙަރަކާތް ކުރަމުން ކިޔުމެވެ.
ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.
ޖަވާބު އެކުލަވާލީ: أبو عبداللّه

މިވެސް ބަލާ
Close