މަޤާމާ، ބާރު ލިބުނު ދުވަހު ދީނަށް ގޮންޖެހުމުގެ ނަތީޖާވާނީ މާޒީގައިވެސް ފެނިފައި – އިލްޔާސް
މަޤާމަށް އާދެވި ބާރު ލިބުނު ދުވަހު ދިވެހި ރައްޔިތުންގެ އަޑުނާހާ ދީނަށް ގޮންޖެހުމުގެ ނަތީޖާ މާޒީގައިވެސްވަނީ ފެނިފައި ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖްލީހުގެ ރައީސް ޝެއިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ޝެއިހް އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަގާމަށް އާދެވި ބާރު ލިބުނު ދުވަހު ދިވެހި ރައްޔިތުންގެ އަޑު ނާހާ ދީނަށް ގޮންޖެހުމުގެ ނަތީޖާ މާޒީގައިވެސްވާނީ ފެނިފައި ކަމަށެވެ.
މީގެއިތުރުން ޝެއިހް އިލްޔާސްވަނީ ﷲ ގަންދީ ހުވާކޮށް ދީނަށް ޗެލެންޖް ކުރެވޭނެ ކަމަށް ހީކުރާ މެންބަރުންނަށް ހާއްސަކޮށް ރަސޫލާ (ސ)ގެ ހަދީސް ބަސްފުޅެއް ހަނދުމަ ކޮށްދީފައެވެ.
ޝެއިހް އިލްޔާސް މި މޭރުމުން ވާހަކަފުޅު ދައްކަވައިފައި މިވަނީ މިޔުޒިކަކީ އިސްލާމް ދީނުގައި ހުއްދަ އެއްޗެއް ކަމަށް ބުނެ އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގައްނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކާލާތު ކުރައްވައިފައި ވަނިކޮށެވެ.
މިމައްސަލައިގައި ގިނަ އިލްމްވެރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބަސްފުޅު ކުއްވެރިކޮށް ވާހަކަފުޅު ދައްކަވައިފައި ވާއިރު އިސްލާމިކް މިނިސްޓްރީއިންވެސްވަނީ ދީނުގެ ޙުކުމްތައް ބަޔާން ކުރެވޭނީ ހުއްދަ އޮތް ޢިލްމުވެރިންނަށް ކަމުގައި ވިދާޅުވެފައެވެ.
