ޖިހާދުގެ ހުކުމް އިސްތިއުނާފް ކޮށްފި
ރައީސް ޔާމީން ސަރުކާރުގެ އެންމެފަހުގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ޕާސްޕޯޓު ދައުލަތަށް ނުހިފެހެއްޓޭނެކަމަށް ހައިކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މި މައްސަލައަކީ ފުށިދިއްގަރުފަޅު ތަރައްގީ ކުރަން ބަޔަކަށް ދިން އިރު، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރެއްވުމުގެ މައްސަލައެކެވެ.
މި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނެފައިވަނީ، ޖިހާދުގެ ޕާސްޓްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ހައިކޯޓުން ބާޠިލުކުރުމާ ގުޅިގެން އެނިންމެވުމާމެދު ހިތްހަމަނުޖެހޭތީ، އެޤަޟިއްޔާ އިލްތިމާސް ކޮށްދެއްވުންއެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ކުރިމިނަލް ކޯޓުން ނެރެފައިވަނީ، އެމަނިކުފާނު ފިނޭސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ދައުލަތުގެ ފަރާތުން އުފުލި ދައުވާއަކާއި ގުޅިގެންނެވެ.
ކުރިމިނަލް ކޯޓުގެ މި އަމުރު ޖިހާދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރެއްވުމުން، އެ ކޯޓުން އިއްޔެ ނިންމީ ކުރިމިނަލް ކޯޓުގެ އަމުރު ގޯސް ކަމަށެވެ.
ޖިހާދުގެ މައްޗަށް ކްރިމިނަލް ކޯޓްގައި އުފުލާފައިވާ މައްސަލަ ސާބިތުވެއްޖެނަމަ 5 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
