ރަށްރަށް ތަރައްޤީކުރުމުގައި ލިބުނު އެންމެބޮޑު ކުރިއެރުމަކީ ލާމަރުކަޒީއުޞޫލު – ރައީސް
ރާއްޖޭގެ ވެރިކަމުގެ ޒަމާންވީ ދިގު ތާރީޚުގައި މަރުކަޒީކޮށް ހިންގަމުންދިޔަ ސިޔާސަތަށް ބަދަލުގެނެސް ލާމަރުކަޒީ އުސޫލުން ހިންގުމަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާޙަކީ މިއަދު އަތޮޅުތަކުގެ ރަށްރަށް ތަރައްޤީކުރުމުގައި ލިބުނު އެންމެބޮޑު ކުރިއެރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ދިވެހި ރާއްޖޭގެ އަޑުގެ 58ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އަޑު ގެނެސްދޭ “ބާއްޖަވެރި ހެނދުނެއް” ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަރުހަލާގައިވެސް ލާމަރުކަޒީ ނިޒާމު ޤާޢިމުކުރުމާ މެދު އެންމެ ފުރަތަމަ މިކަމަށް ލިބުނު ފުރުސަތުގައި ޤާނޫނު އަސާސީގައި ލިޔެފައިވަނީ އެންމެ މާއްދާއެއްކަމުގައެވެ.
ލާމަރުކަޒީ އުސޫލުން އިދާރީދައިރާތައް ހިންގުމަށް ކުރިމަތިވި ހުރަސްތަކާއި ގޮންޖެހުންތައް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އޭރު އެމްޑީޕީގެ ފަރާތުން 800އަށްވުގެ ގިނަ އިސްލާހު ހުށަހެޅުމުން ތިން ދުވަސް ވަންދެން މަޖިލީހުގެ ޖަލްސާ ބާއްވާއި އެހުރިހައި އިސްލާޙުތަކެއް މަޖިލީހުން ބޭރުކޮށްލާފައިވާކަމަށެވެ.
“މަޖިލީހުގައި މަސައްކަތް ކުރެއްވިއިރު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރެވުނީ ޤާނޫނު އަސާސީ ޑްރާފްޓް ކުރުމުގެ މަސައްކަތުގައި އުޅުއްވުން. ޤާނޫނު އަސާސީ އިސްލާހު ކުރަމުންދިޔަ އިރު ލާމަރުކަޒީ ބާބު ޑްރާފްޓް ކުރާ ހިސާބަށް ދިއުމުން ޚިޔާލު ތަފާތުވި. އެންމެ މާއްދާއެއް ފުރަތަމަ ލިޔެވުނީ. އެމަސައްކަތުގެ ތެރެއިންވެސް ވަރަށް އުފާވި ދުވަހެއް 18 އަހަރުވާ މީހުންނަށް ވޯޓް ލެވޭ ފުރުސަތު ލިބުން. އެދުވަހުވެސް ކަން ހިނގިގޮތުން ހަނދާން ހުންނާނެ ބޭފުޅުން މިހާރުވެސް ތިއްބަވާނެ” ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިސަރުކާރުގެ އެންމެބޮޑު ސިޔާސަތަކީ ރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަމަށާ، އެސިޔާސަތުގެ ދަށުން މިހާތަނަށްވެސް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި، ތަރައްޤީގެ މަޝްރޫޢުތަކާއި، ޞިއްޙީ ނިޒާމާއި، ދަތުރުފަރުގެ ނިޒާމު ލާމަރުކަޒު ކުރުމުގެ މުހިމުކަން މިއަދު ވަރަށްބޮޑަށް އިހުސާސް ކުރެވެމުންދާކަމަށެވެ.
ކޯވިޑް-19ގެ އުދަނގޫ ދަތި ދަނޑިވަޅުގައި ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމާއި، އަތޮޅުތަކުގެ ތަރައްޤީގެ މުހިންމުކަން ހާމަވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޞިއްޚީ ނިޒާމު ލާމަރުކަޒު ކުރުމަށް ކުރެއްވި މަސައްކަތުން، އަތޮޅުތަކުން އެނިޒާމުގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ މަގު ފަހިވެގެންދިއުމުން ވަރަށްބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގަތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެންމެ މުހިންމު އަމާޒަކީ ޞިއްޙީ ނިޒާމު ލާމަރުކަޒީ އުސޫލުން އަތޮޅުތަކުގައި ކުރިއަށް ގެންދެވޭނެ މަގު ފަހިކުރެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



