ރިޕޯޓް

އެލެކްޓޯރަލް ކޮލެޖް ވޯޓް!

މިދުވަސްވަރު ގިނަބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައި ވާ އެއްކަމަކަށް، ހަމަ ޔަޤީނުންވެސް ވާނީ ޔުނައިޓެޑް ސުޓޭޓްސް އޮފް އެމެރިކާގެ ރިޔާސީ އިންތިޚާބެވެ. އެކަމުގެ ސަބަބުތައް ވަރަށް ގިނައެވެ. މުޅި ދުނިޔޭގެ ކަންކަމަށް ބަސްކިޔާއުޅޭ ވެރިމީހާގެ ގޮތުގައި ބެލެވޭ، ހުރިހާ ގޮތަކުންވެސް ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ވެރިޔާގެ މަޤާމަށް މީހަކު ހޮވުމަކީ ކުޑަކަމަކަށް ނުވާނެއެވެ. އެހެންކަމުން، އެންމެންގެ ސަމާލުކަން އެކަމަށް ދެވޭނެކަން ޔަޤީނެވެ. އެމެރިކާގެ ސިޔާސަތަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު މުޅި ދުނިޔެއަށް ކުރާނެތީއެވެ. ހެޔޮ ބަދަލަކަށް ވާނަމަ ހެޔޮ އަސަރު ކުރާނެއެވެ. ނުރަނގަޅު ބަދަލަކަށް ވާނަމަ އެކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ.

ކޮންމެއަކަސް، މިފަދަ ވެރިޔަކު ހޮވުމަށް އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އާއްމުންލާ ވޯޓުގެ އިތުރުން، ރައީސާ ނައިބު ރައީސް އިންތިޚާބު ކުރުމަށް ނަގާ އެލެކްޓޯރަލް ކޮލެޖް ވޯޓަކީ ދުނިޔޭގެ އެހެން ގިނަ ޤައުމުތަކުގެ މީހުންނަށް ވަރަށް އޮޅުންއަރާ ޒާތުގެ ކަމަކަށް އޮންނަނީ ވެފައެވެ. އެމެރިކާގެ ބައެއް މީހުންނާ، އަދި ޑިމޮކުރަސީ އޮންނަ އެހެން ޤައުމުތަކުގެ އަހުލުވެރިން ދެކޭ ގޮތުގައި، އެލެކްޓޯރަލް ކޮލެޖް ވޯޓުން ރައީސާ ނައިބު ރައީސް އިންތިޚާބު ކުރުމަށް ފަހުބަސް ބުނުމަކީ އެންމެ އިންސާފުވެރި ގޮތްކަމުގައެއް ނުބެލެވެއެވެ. މިފަހަރުގެ އިންތިޚާބުގައި ސަތޭކަފަންސާސް މިލިޔަނަށްވުރެ ގިނަ އާއްމު ރައްޔަތުން ވަނީ ވޯޓް އަޅާފައެވެ. މިއީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތާރީޚްގައި ފާހަގަކޮށްލެވޭވަރު ގިނަ ޢަދަދެކެވެ. އެލެކްޓޯރަލް ކޮލެޖް ވޯޓްގެ މިހާރުގެ މުޅި ޖުމްލަ ޢަދަދަކީ 538 ކެވެ. ރައީސްގެ މަޤާމަށް އިންތިޚާބުވުމަށް މަދުވެގެން 270 އެލެކްޓޯރަލް ކޮލެޖް ވޯޓް ލިބެންޖެހެއެވެ. އިންތިޚާބުގައި ވާދަކުރެއްވި އެއްވެސް ބޭފުޅަކަށް މިޢަދުގެ އެލްޓޯރަލް ކޮލެޖް ވޯޓް ލިބިވަޑައިނުގެންފިނަމަ، އެހާލަތުގައި ގޮތެއް ކަނޑައެޅުމުގެ ޤާނޫނީ ބާރުވެރި ފަރާތަކީ ހައުސް އޮފް ރެޕްރެޒެންޓެޓިވުސްއެވެ.

އެމެރިކާއަކީ ދުނިޔޭގެ ހުރިހާ ބައްރަކުން މީހުން ހިޖުރަކޮށް އެ ޤައުމުގެ ރައްޔަތުންގެ ގޮތުގައި ދިރިއުޅެމުންދާ ޤައުމެކެވެ. ތަފާތު ނަސްލުތަކާ ދީން ތަކުގެ މީހުން އެ ޤައުމުގައި އުޅެއެވެ. އެތަނުގައި އޮންނަނީ ގިނަ ޕާޓީތައް އެކުލެވޭ ރިޔާސީ ފެޑެރަލް ނިޒާމެކެވެ. މިނިވަން ޢިލްމާނީ ދައުލަތެކެވެ. އެމެރިކާގައި ފަންސާސްއެއް ސުޓޭޓް އޮވެއެވެ. އެއީ، ވޮސިންޓަން ޑީސީ ހިމަނައިގެންނެވެ. މިއިން ކޮންމެ ސުޓޭޓެއްގައި ޤާނޫނުހަދާ މަޖިލީހެއް އޮތުމާއެކެ، ވަކި ޤާނޫނު އަސާސީއެއް އޮވެއެވެ. ދާޚިލީ ކަންކަމުގައި އެ ސުޓޭޓަކުން ޢަމަލުކުރަމުން ގެންދަނީ އެތަނެއްގެ ޤާނޫނު އަސާސީއާއި ޤާނޫނު ތަކަށެވެ. މައިސަރުކާރަކީ އެންމެންގެ ސަރުކާރެވެ.

އެލެކްޓޯރަލް ކޮލެޖް ވޯޓް

އެލެކްޓޯރަލް ކޮލެޖް ވޯޓަކީ، އެމެރިކާގެ ޤާނޫނުއަސާސީގެ އާޓިކަލް 2 ސެކުޝަން 1 ން ބާރު ލިބި ޢަމަލު ކުރަމުން ގެންދާ ޤާނޫނީ އުސޫލެކެވެ. އެއީ އެމެރިކާގެ ރައީސާ ނައިބު ރައީސް އިންތިޚާބު ކުރުމުގައި ހުރިހާ ސުޓޭޓަކަށްވެސް ހަމަހަމަ އުސޫލަކުން ބާރުވެރިކުރުމަށް ޤާނޫނުއަސާސީ އެކުލާލެއްވި ބޭފުޅުން އެއްބަސްވެ ކަނޑައެލުއްވި ގޮތެކެވެ. އެބޭޅުން ދެކެވަޑައިގަތް ގޮތުގައި ހަމައެކަނި އާންމުންގެ ވޯޓުން ރައީސާ ނައިބު ރައީސް ހޮވާގޮތަށް އޮވެއްޖެނަމަ، ނިސްބަތުން މީސްކޮޅު މަދު ސުޓޭޓްތަކަށް ވެރިކަމުގެ ފަރާތުން އެއްވެސް ފަރުވާލެއް އަޅާލުމެއް ނުބަހައްޓާނެއެވެ. ރިޔާސީ އިންތިޚާބުގައި ވޯޓް ހޯދުމަށް ކެންޑިޑޭޓުންނާ ޕާޓީތަކުން އިސްކަންދޭނީ ބައިބޯ މީސްގިނަ ސުޓޭޓްތަކަށެވެ. މީސްމަދު ސުޓޭޓްތައް އޮންނާނީ ބާކީވެ އެކަހެރި ކުރެވިފައެވެ.

 އެލެކްޓޯރަލް ކޮލެޖް ވޯޓް ބެހެވިގެންދަނީ، އެސްޓޭޓެއް ތަމްސީލުކުރަން ތިއްބަވާ ސެނެޓަރުންނާ، ކޮންގުރެސްގައި އެސުޓޭޓެއް ތަމްސީލުކުރަން ތިއްބަވާ މަންދޫބުންގެ ނިސްބަތުންނެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ އެއް ގޮނޑިއާ ސެނެޓްގެ ދެ ގޮނޑިއަކީ އެއް އެލެކްޓަރ ކަމަށް ބަލައިގެންނެވެ. މިގޮތަށް މިކަން އޮތަސް، ކިތަންމެ މީސްކޮޅު މަދު ސުޓޭޓަކަށްވެސް އެލެކްޓޯރަލް ކޮލެޖް ވޯޓްގެ 3 ވޯޓް ލިބިދީފައިވެއެވެ. މިހާރު އުފެދޭނެ ސުވާލަކީ، އެލެކްޓޯރަލް ކޮލެޖް ވޯޓް ދޭނެ ފަރާތް ޚިޔާރުކޮށް ކަނޑައަޅަނީ ކޮންގޮތަކަށް އަދި ކޮން ބައެއްތޯ އުފެދޭނެ ސުވާލެވެ. އާންމު ގޮތެއްގައި އެލެކްޓަރ ޚިޔާރުކުރަނީ، ޕާޓީތަކުން އެ ސުޓޭޓެއްގައި ބާއްވާ ޕާޓީގެ މަހާސިންތާގައި މެންބަރުން ވޯޓްދީގެން ނުވަތަ އެ ސުޓޭޓެއްގައި އޮންނަ އެ ޕާޓީއެއްގެ ސެންޓަރަލް ކޮމެޓީއިންނެވެ. އެހެންކަމުން، އެމީހުންނަކީ ސިޔާސީ ޕާޓީޔަކުން ކަނޑައަޅާ ފަރާތްތަކެކެވެ. މިގޮތަށް ޕާޓީތަކުން ޚިޔާކުރާ ކެންޑިޑޭޓްން އެ މަޤާމަށް ހޮވުމަށް އާންމުން ވޯޓްދެނީ ރިޔާސީ އިންތިޚާބުގެ ވޯޓާ އެކުގައެވެ. އެންމެބޭފުޅުންނަށް ވެސް އެނގިވަޑައިގެން ވާނެފަދައިން ރިޔާސީ އިންތިޚާބުގެ ވޯޓާއެކެ އެލެކްޓޯރަލް ކޮލެޖް ވޯޓް ގުނިގެން ދަނީ މިސަބަބާ ހެދިއެވެ. އެދުވަހު، އެލެކޮޓޯރަލް ކޮލެޖް ވޯޓް ގުނިކަމުގައިވިޔަސް، އަދި ރިޔާސީ ޓިކެޓްގައި ނުކުވެ ވަޑައިގަތް ބޭފުޅަކަށް ވަކި ޢަދަދެއްގެ އެލެކްޓޯރަލް ކޮލެޖް ވޯޓް ލިބިވަޑައިގަތަސް އެހިސާބުން އަދި ނިމުނީކީ ނޫނެވެ. މާނަޔަކީ، އަދި އެކަން ރަސްމީކޮށް ކަނޑައަޅައި ނިމުނީކީ ނޫނެވެ. އެކަމަކު، އޭރު އެވަނީ އެލެކްޓޯރަލް ކޮލެޖް ވޯޓް އެ ސުޓޭޓަކުން ދޭނެކަމުގެ ވަޢުދު ވެފައެވެ. ރަސްމީކޮށް އެކަން ކަނޑައަޅަން އެލެކްޓޯރަލް ކޮލެޖްގެ ބައްދަލުމުން ބާއްވަނީ ޑިސެންބަރު މަހު ދެވަނަޔަށް އަންނަ ބުދަދުވަހުގެ ފަހުން އަންނަ ހޯމަދުވަހު އެކަންކުރުމަށް ރައްޔިތުންގެ ވޯޓުން ޚިޔާރުކުރި މަންދޫބުން އެ ސުޓޭޓެއްގެ ވެރި ރަށުގައި ބައްދަލުވެއެވެ.  މިއަހަރު އެދުވަސް ދިމާވާނީ ޑިސެންބަރ 14 ވަނަ ދުވަހާއެވެ. އާންމު ގޮތެއްގައި، އެމެރިކާގެ ރިޔާސީ އިންތިޚާބު ތަކުގައި އެސްޓޭޓަކުން ކެންޑިޑޭޓަށް އާންމުންދޭ ވޯޓުގެ ޢަދަދާ އެލެކްޓޯރަލް ކޮލެޖް ވޯޓާ އެއްއުއިވެއެވެ. އެގޮތާ ޚިލާފަށް ވޯޓްދޭ ކެންޑިޑޭޓްން އެކަމުން ވަކިކޮށް އެހެން މީހުން ހޮވުމުގެ ޤާނޫނީ ބާރު ބައެއް ސުޓޭޓްތަކުގައި ދީފައިއޮވެއެވެ. ނަމަވެސް، އާންމުން ވޯޓްއެޅި ގޮތާ އެއްގޮތަށް އެލެކްޓޯރަލް ކޮލެޖް ވޯޓް ދިނުން ލާޒިމުކުރާ ޤާނޫނެއް ނޯވެއެވެ. ރައީސާ ނައިބު ރައީސް ހޮވުމަށް އާންމު ރައްޔަތުންދިން ވޯޓް މަދުން ލިބި އެލްކްޓޯރަލް ކޮލެޖް ވޯޓުން ރައީސާ ނައިބު ރައީސް މިހާތަނަށް ކަނޑައަޅާފައި ވަނީ 6 ފަހަރެއްގައެވެ. އެންމެ ފަހުން އެގޮތަށް ހޮވުނީ މިހާރު އެމެރިކާގެ ރައީސްގެ މަޤާމުގައި ހުންނެވި ޑޮނަލްޑް ޓުރަމްޕެވެ. 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ޑިމޮކުރެޓިކް ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނުކުމެ ވަޑައިގަތީ ހިލަރީ ކުލިންޓަނެވެ. އެކަމަނާއަށް އާންމު ރައްޔަތުން ދިން ވޯޓް ޓުރަމްޕަށް ލިބިވަޑައިގަތް ޢަދަދަށްވުރެ އެތައް މިލިޔަން ވޯޓެއް އިތުރަށް ލިބިވަޑައިގަތެވެ. އެކަމަކު، އެލެކްޓޯރަލް ކޮލެޖް ވޯޓުން ހޮވިވަޑައިގަތީ ރިޕަބްލިކަން ޕާޓީގެ ޓިކެޓުގައި ނުކުމެވަޑައިގެންނެވި މަޝްހޫރު މަހުޖަނު ޑޮނަލްޑް ޓުރަމްޕެވެ.

ބެޓްލްގުރައުންޑް ސުޓޭޓްސް

ބޭރު ޚަބަރު ބައްލަވާ އުޅުއްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބެޓްލްގުރައުންޑް ނުވަތަ ސުވިންގް ސުޓޭޓްތަކެއް ކަމަށް ބެލެވޭ ސުޓޭޓްތަކެއް އޮވެއެވެ. މާނައަކީ، ސިޔާސީ އެއްވެސް ޕާޓީއަކަށް ފުރިހަމަ އަޣުލަބިއްޔަތު ލިބޭނެ ކަމުގެ ޔަޤީންކަން ލިބިފައިނުވާ، އަދި އެސްޓޭޓްތަކުގެ ގިނަ  ރައްޔިތުން ވޯޓްދޭނެ ފަރާތެއް ޔަޤީންނުވާ ސުޓޭޓްތަކެއް އޮވެއެވެ. އެހެންކަމުން އެ ސްޓޭޓްތަކުން އަޣުލަބިއްޔަތު ހޯދުމަކީ ވަރަށް މުހިންމު ކަމަކަށް އޮންނަނީ ވެފައެވެ. އެހެނީ، އެ ސްޓޭޓްތައް ބެލެވެނީ ވޯޓްގެ މުޅި ނަތީޖާ ކަނޑައަޅާ ސްޓޭޓްތައް ކަމަށެވެ. 2020 ވަނަ އަހަރު، އާދެ މިއަރުގެ އިންތިޚާބުގައި އެފަދަ 13 ސްޓޭޓެއް ވެއެވެ. އެއީ، އެރިޒޯނާ، ފުލޮރިޑާ، ޖޯޖިއާ، އައިއޯވާ، މިޗިގަން، މިނެސޯޓާ، ނެވާޑާ، ނިއުހެމްސްފައާ، ނޯތް ކެރޮލީނާ، އޮހައިއޯ، ޕެންސްލްވޭނިއާ، ވިސްކޮންސިން އަދި ޓެކްސަސްއެވެ. ވޯޓްގެ ނަތީޖާ އިޢްލާނު ކުރުމުގައި ލަސްވެގެން އެދިއައީވެސް މިދެންނެވި ސްޓޭޓްތަކުންނެވެ. މި ސްޓޭޓްތައް ސިޔާސީގޮތުން ބެލެވެނީ ދަނބުކުލައިގެ ސްޓޭޓުތަކުގެ ގޮތުގައެވެ.  

ނިންމާލުމުގެ ކުރިން އެއްކަމެއް ފާހަގަ ކޮށްލާނަމެވެ. 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނާކާމިޔާބު ވެވަޑައިގަތުމަށް ފަހު، އެ އިންތިޚާބުގައި ކަންތައް ހިނގި ގޮތުގެ މައްޗަށް ހިލަރީ ކުލިންޓަން ލިޔުއްވި “ވަޓް ހެޕަންޑް” މިފޮތުގައި އެކަމަނާ ވިދާޅުވެފައި ވާ ވާހަކައެއް ބުނެލަން ޖެހެއެވެ. ތާރީޚަށް ޓަކައެވެ. އެކަމަނާ ވިދާޅުވެފައި ވެއެވެ. އަހަރެންނަށް އިންތިޚާބުގައި އެލެކްޓޯރަލް ކޮލެޖް ވޯޓް ނުލިބުނީ ހަމަ އެންމެ ސަބަބަކާ ހެދިއެވެ. އެއީ، އަހަރެންނަކީ އަންހެނަކަށް ވީތީއެވެ. އެކަމަކު، އަހަރެންމީ މިރޭހަށް ނުކުންނާނެ އެންމެ ފަހު މީހާ ކަމުގައެއް ނުވާނެއެވެ. ބިއްލޫރި ފަންގިފިލާ ފަޅާލާނެ ދުވަސް އަންނާނެއެވެ.

މިފަހަރު މިވަނީ، އެމެރިކާގެ ތާރީޚްގައި އެންމެ ފުރަތަމަ ފަހަރަށް ނައިބު ރައީސްގެ މަޤާމަށް އަންހެން ކަނބަލަކު ރައްޔިތުން ޚިޔާރުކޮށްފައެވެ. އާދެ، ޖޯ ބައިޑްންގެ ރަނިންމޭޓް ކަމަލާ ހެރިސް އެވެ. މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން އަންހެން ކަނބަލުން ވަނީ ރިޔާސީ ރޭހުގައި ނައިބު ރައީސްގެ ގޮތުގައި ވާދަކުރައްވަވާފައެވެ. އެއީ، 1984 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ކުރިމަތިލެއްވި ޖެރަލްޑިން ފެރާރޯ އާއި 2004 ވަނަ އަހަރު ރިޕަބިލިކަން ޕާޓިން ކުރިމަތިލެއްވި ސާރާ ޕެލިން އެވެ. ބެލެވޭ ގޮތުގައި 2024 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސްގެ މަޤާމަށް ކަމަލާ ހެރިސް ކުރިމަތިލައްވަވާނެއެވެ. ޑިމޮކްރެޓިކް ޕާޓީގެ ޕުރައިމަރީގައި މި ފަހަރުވެސް އެކަމަނާ ވާދަކުރެއްވެވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close