ޤައުމުގެ މާލީ ޙާލަތަށް އަންނަމުންދާ ބަދަލުތައް އަންނަނީ ދިރާސާ ކުރަމުން – މިނިސްޓަރ ޢަލީ
ޤައުމުގެ މާލީ ޙާލަތަށް އަންނަމުންދާ ބަދަލުތައް ދިރާސާ ކުރަމުންދާކަމަށާއި، އެގޮތުން އިކޮނޮމިކް މިނިސްޓްރީއާއި ޓުއަރިޒަމް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގުޅިގެން ކޮންމެ ހަފްތާއަކުވެސް ރާއްޖޭގެ މަލީ ޙާލަތަށް އަންނަ ބަދަލުތައް ދެނެގަންނަމުންދާކަމަށް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ދިވެހި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ބަލީގެ އަސަރު ބޮޑުވެއްޖެނަމަ އިޤްތިޞާދަށް އަންނާނެ ބަދަލުތަކާއި، އެފަދަ ވަގުތަކަށް މާލީ ގޮތުން ތައްޔާރުވާނެ ގޮތްތައްވެސް ރާވަމުންދާކަމަށެވެ.
މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ކޮވިޑް-19އާއި ގުޅިގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކޮންމެ ޚަރަދެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފިނޭންސް މިނިސްޓްރީއަށް އަންގަވާފައިވާކަމަށެވެ.
“އަޅުގަނޑުމެން ކަނޑައަޅާފައިވަނީ ބެސްޓް ކޭސް ސިނާރިއޯ، ސެކަންޑް ކޭސް ސިނާރިއޯ، ތަރޑް ކޭސް ސިނާރިއޯ އަދި ވަރސްޓް ކޭސް ސިނާރިއޯގައި އަންނާނެ ބަދަލު. މިއިން ކޮންމެ ސިނާރިއޯއެއްގައި ބަޖެޓަށް ވަންނާނެ ވަރުދަނީ ދިރާސާކުރަމުން. ޙާލަތެއް ދިމާވެއްޖެނަމަ ކަޓް ޑައުންސް ގެންނާނެ ގޮތްތައް ދަނީ ބަލަމުން. ރަޢިސުލްޖުމްހޫރިއްޔާވަނީ ކޮރޯނާއާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ކޮންމެ ޚަރަދެއް ކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީއަށް ދެއްވާފައި.” ޢަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެ ބަނގުރޫޓުވާ ޙާލަތަށް ނުދާނެކަމަށެވެ. އަދި މިކަމުގައި ރައްޔިތުން ކަންބޮޑު ނުވުމަށާ، ކަންބޮޑުވާންޖެހޭ ސަބަބެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


