ވަރަށް ގިނަ ރަށްރަށުގައި ހަރުކަށި ވިސްނުމުގެ އެތައް ބަޔަކު ދިރިއުޅެމުންދޭ – މިނިސްޓަރ އިމްރާން
ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހަރުކަށި ވިސްނުމުގައި އެތައް ބަޔަކު ދިރިއުޅެމުން އަންނަކަމަށާއި، އެމީހުން ގިނަ ރަށްރަށުގައި ދިރިއުޅެމުން އަންނަނީ އެހެން ޢާންމު ރައްޔިތުންނާ އެކުގައިކަމަށާއި، އޭގެ ތެރެއިން ބައެއްފަރާތްތައް ޢާންމުންނަށް އެނގުނު ނަމަވެސް އަނެއްބައި ފަރާތްތައް ޢާންމުންނަށް ނޭނގޭކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ މިހެން ވިދާޅުވީ، ޓެރަރިޒަމާއި ހަރުކަށި ފިކުރު ރާއްޖޭގައި އޮތް މިންވަރާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ރޭގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައިޚް އިމްރާން ވިދާޅުވީ ހަރުކަށި ފިކުރާއި ދެކޮޅަށް ފަހަކަށް އައިސް ހިންގުނު އެންމެ ކާމިޔާބު އޮޕަރޭޝަނަކީ ރ.މަޑުއްވަރީގައި ހިންގި އޮޕަރޭޝަންކަމަށެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ، އެއީ އިންސާނީ ކަރާމާތާއި އިންސީނީ ހައްގަކަށް އުނިކަން ނާނަންނޭގޮތަށް ހިންގުނު އޮޕަރޭޝަނެއްކަމަށެވެ.
މި އޮޕަރޭޝަނުން މުޅި މައްސަލައަށް ބޮޑު ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ފާހަގަކުރައްވަމުން ހޯމް މިނިސްޓަރ ވިދާޅުވީ، މިހާރުވެސް އެފަދަ ހަރުކަށި ނުރައްކާތެރި ޙާލަތަކަށް ގޮސްދާނެކަމަށް ބެލެވޭތަންތަން މޮނިޓަރކުރަމުން އޮޕަރޭޝަން ހިންގުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބިދާނެފަދަ ޙާދިސާއެއް ނުވަތަ ސްރީލަންކާގައި ދާދިފަހުން ހިނގިފަދަ ބޮޑު ހިތާމަވެރި ޙާދިސާއެއް ހިނގައިގެން ނުދާނެމިންވަރަށް ރާއްޖޭގެ މުއައްސަސާތަކުން މެނޭޖްކުރަމުން ގެންދާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެފަދަ ހަރުކަށި ވިސްނުންހުރި ފަރާތްތަކަށް ޚާއްޞަ، ބޮޑު ރިހިބިލިޓޭޝަން ޕްރޮގްރާމެއް މުޅި ރާއްޖޭގައި ހިންގުމަށް ތައްޔާރުވަމުން އަންނަކަމަށާ، މި ޕްރޮގްރާމް ވަރަށް ފުޅާދާއިރާއެއް ހިންގާ، ރައްޔިތުންނަށް ރަނގަޅު ނަތިޖާއެއް ނެރެދެވޭނެކަމުގެ އުއްމީދު ބޮޑުކަމަށެވެ.
“ބޮޑު ރިހިބިލިޓޭޝަން ޕްރޮގްރާމަކާހަމައަށް ރާއްޖެ މިގެންދަނީ. މިފަދަ ކަންކަމުން މީހުން ސަލާމަތްކުރުމަށް ވަރަށް ފުޅާދާއިރާއެއްގައި ޕްރޮގްރާމްތައް ޑިވެލޮޕްކުރަމުންމިދަނީ. ޕްރޮގްރާމަށްފަހު މުޖުތަމައަށް ނެރޭ މީހުން މުޖުތަމަޢަށް ނުރައްކަލަކަށް ނުވާނެ މީހުންނަށްވާނެ. މިއީ ވަރަށް ބޮޑު ޗެލެންޖެއް.” މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ކުރިއަށް އޮތް ދޮޅުމަހެއްހައި ދުވަހުގެ ތެރޭގައި ހަމައެކަނި ހަރުކަށި ފިިކުރުގެ މީހުން ބޭތިއްބުމަށް ވަކި ޚާއްޞަ ޔުނިޓެއް ހަދައި އެތަނަށް އެމީހުން ބަދަލުކުރާނެކަން މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އެންމެފަހުގެ ރިޔާސީ ބަޔާނުގައިވެސް ވިދާޅުވެފައިވަނީ، ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގެ ޢިމާރާތްވެސް މިހާރު ހަދައި ނިންމާނެކަމަށެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ މައްސަލަތައް ރާއްޖޭގައި އޮވެމެ، ކުރީސަރުކާރުތަކުން އަމަލުކުރިގޮތާމެދު ހިތާމަކުރައްވާކަމަށެވެ. ސިޔާސީ ބޭނުމަކަށްޓަކައި އެފަދަ ވާހަކަތައް ސަރުކާރުތަކުން ދައްކަން ބޭނުންނުވިކަމަށާ، ނަމަވެސް މިސަރުކާރުން އެވާހަކަ ދައްކާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ފަހަކަށް އައިސް ރާއްޖޭގައި ހިނގި ހާދިސާތަކާއި އެތައް މަރުގެ މައްސަލަތަކެއް ހައްދުފަހަނައެޅުމުގެ ފިކުރާއި ގުޅިލާމެހިފައިވާކަމަށެވެ.
“މިއީ ރާއްޖެއަށް އޮތް ބައްޔެއް. އެމީހުންގެ ޤާބިލްކާމާއި ވިސްނުން ތަފާތު އެތައް ލެވެލްތަކަށް އެބަހުރި. ހަރުކަށި ވިސްނުން އަލާވެ ރެކްރޫޓްކުރާ ތަންތަން ދެނެގަނެ އެކަން އަޅުގަނޑުމެން ހުއްޓުވާނަން. ދާދިފަހުން ހިންގި އޮޕަރޭޝަންތަކުގައި އޭގެތެރެއިން އެންމެ ނުރައްކާތެރި ހާލަތުގައިތިބި ބަޔަކުވާނީ ހައްޔަރުކުރެވިފައި. އެބައެއްގެ ފަރާތުން ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަރާތްތައް މިދަނީ ކައިރިން ބަލަމުން. އެހަރަކާތްތައް މޮނިޓަރކުރަމުން ގެންދާނަން.” މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ހަރުކަށި ވިސްނުމާއި ޓެރަރިޒަމްގެ ބިރު ރާއްޖެއަށް ވަރަށްބޮޑަށް އޮތްކަމަށް މިނިސްޓަރ އިމްރާންވަނީ ވިދާޅުވެފައެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މިބިރު އެބައޮތްކަމަށާއި، މިސަރުކާރުން މި މައްސަލައަށް ބޮޑު ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްވިއެވެ.