ޚަބަރު

ފަތުރުވެރި އަކު ހައްޔަރުކުރުމަށް ފުލުހުން ޢަމަލުކޮށްފައިވާ ގޮތުން ސީޕީ މައާފަށް އެދިވަޑައިގެންފި

މަސްތުގެ ޙާލަތުގައި، ނިވާކަން ކުޑަކޮށް ހުއްޓާ ހައްޔަރުކުރި ފަތުރުވެރިޔާ އާ މެދު ކަންތައްކުރެވުނު ގޮތުން ސީޕީ މާފަށް އެދިވަޑައިގެންފިއެވެ.

މިޙާދިސާ ހިނގާދިޔަ ގޮތާ ގުޅޭ ގޮތުން ފުލުހުން ބުނީ މާފުށީ މަގުމަތީގައި މަސްތުގެ ޙާލަތުގައި ނިވާކަން ކުޑަކޮށް ހުރި އަންހެން ފަތުރުވެރިޔަކު އުޅެމުންދާކަމުގެ ޝަކުވާ ބުރާސްފަތި ދުވަހުގެ ހަވީރު 17:48 ހާއިރު ލިބިފައިވާތީ އެކަން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އޭނާ ހުއްޓުވަން މަސައްކަތްކުރި ވަގުތު ނުކިޔަމަންތެރިކަން ދެއްކުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ބިޑި އަޅުވައިގެން ކަމަށް ފުލުހުން ބުންޏެވެ.

މާފުށީގައި އަންހެން ފަތުރުވެރިއަކު ހައްޔަރުކުރުމަށް މަސައްކަތް ކުރީ ފިރިހެން ފުލުހުންތަކެކެވެ. މިވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ޢާންމުވެފައެވެ.

މިމައްސަލައާ ގުޅިގެން ސީޕީ ހަމީދު ވިދާޅުވީ އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، ކަންކުރި ގޮތުން ފަތުރުވެރިޔާގެ ކިބައިންނާއި ޢާންމުންގެ ކިބައިން މަޢާފަށް އެދޭކަމަށެވެ. މިމައްސަލަ ތަޙުޤީޤިކުރާނެ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ތެރޭގައި މިފަދަ ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ ފަތުރުވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ މަސްތުގެ ޙާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވޭތީ ކަމަށާއި، ބުރާސްފަތި ދުވަހުގެ ރޭ 19:10 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މާފުށީގައި މިވަގުތު މަސައްކަތްކުރާ އަންހެން ފުލުހުން ނެތް ކަމަށާއި، މިފަދަ ޙާދިސާއެއްގައި މިއަށްވުރެ ރަނގަޅަށް ޢާމަލުކުރެވޭނެ ކަމަށެވެ.

އެހެންކަމުން މިޙާދިސާ ހިނގާ ދިޔަ ގޮތް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑް ކޮމާންޑްގެ ފަރާތުން ޙަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close