ޚަބަރު

މިހާރު ތިއްބެވި ސިޔާސީ ލީޑަރުންނަށް “އައްޔަކަސް އަނދިރިއަކަސް” ހެޔޮ – ރައީސް ޔާމީން

މިހާރު ތިއްބެވި ސިޔާސީ ލީޑަރުންނަށް “އައްޔަކަސް އަނދިރިއަކަސް” ހެޔޮ ކަމަށާއި، ރާއްޖޭގައި މިހާރު ހުރީ ނަމުން މިނިވަން، އަދި ކަމުން އަޅުވެތި މުއައްސަސާތަކެއް ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން “ހިބަރުވަދު”ގެ ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދިވެހި ރައްޔިތުން ދެކެ ލޯބިވާ ކަމަށް ދައުވާކޮށް، މަގޭ ދީނާ މަގޭ ގައުމުގެ ދިފާއުގައި ވާހަކަ ދައްކާނެ ކަމަށް ވިދާޅުވި ބޭފުޅުން މިއަދު ކޮބައިކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

އެގޮތުން އެންމެ މަތިވެރި ޝަރަފު ހޯއްދަވައިގެން ތިއްބެވި އިއްޒަތްތެރިންނާއި، މުދައްރިސުންވެސް މިއަދު ހިނގަމުން އަންނަ ކަންކަމާ ދެކޮޅަށް އެއްޗެއް ވިދާޅު ނުވާ ކަމަށާއި، އެ އެންމެންވެސް އިހްތިޔާރު ކުރައްވަނީ ހަނު ހުންނެވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީޕީއެމް އަދި ޕީއެންސީން ހަނު ނުތިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. “އެމްޑީޕީގެ ކުރިމަތީގައި ކީއްވެގެންތޯ ކުޑަ ކަކޫ މި ޖަހަނީ؟ އެމްޑީޕީގެ ކުރިމަތީގައި އަޅުގަނޑުމެން ކުޑަ ކަކޫ ނުޖަހާނަން” ރައީސް ޔާމީން ވިދާޅުވިއެވެ.

“މިތާކު ނެތް މިނިވަން މުއައްސަސާއެއް. އެހެންވީމަ މިދަންނަވަނީ ހުރިހާ ކަމަކުން ކަންބޮޑުވުން ނޫން ކަމެއް ނެތޭ” އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ދައުލަތެއްގެ އެންމެ އަސާސީ ސިފަތައް މިއަދު ގެއްލިފައިވާކަމަށެވެ. ދައުލަތުގެ ތެރެއިން ފެނިގެންދަނީ 3 ބާރު އެއްވެފައިވާ ވެރިކަމުގެ ބާރުތައް ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރޭގެ ޖަލްސާއަށް ޕީޕީއެމް ޕީއެންސީ އަދި ރައީސް ޔާމީނަށް ތާއީދު ކުރާ ގިނަޢަދަދެއްގެ މީހުން ހާޒިރުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close