އައިމަންގެ، “ވައުދު ނާމާ” – އުންމީދާއި އެކު މާފަންނު މެދު ދާއިރާ އަށް
މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު އައިމަން، މަޖިލީހަށް ވާދަކުރައްވާއިރު ޙާސިލްކުރައްވަން އުއްމީދުކުރައްވާ ކަންކަން، “ވައުދު ނާމާ”އެއްގެ ސިފައިގައި އެކުލަވާލައްވައިފިއެވެ.
އެ ވައުދުނާމާގައި ޖުމުލަ 12 ކަމެއް އެކުލަވާލާފައި ވާއިރު، ރައްޔިތުންގެ އާންމު ދިރިއުޅުމާއި ގުޅޭ ކަންކަމާއި، އިޖްތިމާއީ، އިގްތިސާދީ ކަންކަމުގެ އިތުރުން ގާނޫނީ ގޮތުން މިހާރު ހުރި ފޫނުބެދޭ ކަންކަމަށް ހައްލު ހޯދުމަށް ގަސްދުކުރާގޮތް ވަނީ ތަފްސީލްކޮށްދެއްވާފައެވެ.
އެ ވައުދުތަކަކީ މަޖިލީހަށް ހޮވިއްޖެ ކަމަށް ވާނަމަ، މަޖިލީހުގެ ތެރެއިން ލިބޭފުރުސަތުގެ ބޭނުންކޮށް ޤާނޫނީ ގޮތުން ބާރުވެރިކަން ލިބިގެން ތަންފީޒްކުރެވޭ ކަންކަމަށް ހައްދަވަން މަސައްކަތްކުރާނެ ކަމަށް އައިމަން ހާމަކުރައްވާފައިވެއެވެ. އެގޮތުން އައިމަން ވަނީ އޭނާގެ ވައުދުތައް އެކުލަވާލާފައިވާ 12 ދާއިރާއާއި އެއިން ހާސިލްކުރަން ބޭނުންވާ މަޤްސަދުތަކަށް އަލިއަޅުވާލައްވާފައެވެ.
އެ ވައުދުތަކުގެ ތެރޭގައި އެންމެފުރަތަމަ ވެލައްވާފަވާ ވައުދަކީ ރައްޔިތުންގެ އަޑު އިއްވުމެވެ. އެ ވައުދުގެ ދަށުން ދާއިރާތަކަކަށް ބަހާލައިގެން،ޖަމިއްޔާތަކެއް އުފައްދަވަންއައިމަންވަނީ ނިންމަވާފައެވެ. އަދި ރައްޔިތުންގެ އަޑު އައިމަންއާއި ހަމައަށްގެނެސްދިނުމުގެ ޒަރިއްޔާ އަކަށް އެ ޖަމިއްޔާ ހައްދަވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އައިމަން ވަނީ މަސައްކަތުގެ ދާއިރާ އާއިގުޅުން ހުރި ހަތަރު ވައުދެއް ވެވަޑައިގަންނަވާފައެވެ. އެގޮތުން ސިނާޢީ މަސައްކަތުގެ އޮނިގަނޑަށް ބަދަލު ގެނެސް،ސިނާޢީ މަސައްކަތްތަކުގައި ބޭރުގެ ފަރާތްތަކުން ހަރަކާތްތެރި ވާއިރު އޭގައި ދިވެހިން ނުހިމަނާ މަސައްކަތްނުކުރެވޭ ގޮތަށް އޮނިގަނޑަށް ބަދަލުގެނައުން ހިމެނެއެވެ. އަދި ވަޒީފާގެ ދާއިރާގައި ހަމަހަމަ ފުރުސަތު ޤާއިމްކުރުމަށްޓަކައި،
ވަޒީފާގެ މައިދާނުގައި ކުރިމަތިވާ ޖިންސީ އަދި ނަފްސާނީ ދަތިތައް ހައްލުކޮށްދިނުމަށް އައިމަން ވައުދުވެލެއްވިއެވެ.
އަނެއް ދާއިރާއަކީ ވިޔަފާރި ނާސަރީ އެވެ. މި ވައުދުގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކަށް ފައިސާ އާއި، މަސައްކަތް ކުރާނެތަން ލިބޭނެ މަގުފަހިކޮށްދިނުމަށް ވަނީ ނިންމަވާފައެވެ. ވިޔަފާރި ދާއިރާގެ އެންމެ ފަހު އެހެންނަމަވެސް މުހިއްމުއެއް ވަޢުދަކީ، “ހައްގު އުޖޫރަ”ލިއްބައިދޭނެ މަގުފަހިކޮށްދިނުމުގެ ވައުދެވެ. އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީއެކި ގިންތިތަކަކަށް ބަހާލާ، ގައުމީމުސާރައިގެ އޮނިގަނޑެއް އެކުލަވާލުމުގެ ޒަރިއްޔާއިންނެވެ.
މަސައްކަތުގެ މައިދާނުގެއިތުރުން އިޖްތިމާޢީ ދުޅަހެޔޮކަމަށް ވެސް އައިމަންގެ ވައުދުތަކުގައި ވަނީ ޚާއްސަ އިސްކަމެއްދެއްވާފައެވެ. އެގޮތުން ހަވާސާގައި ތިބިފަރާތްތަކާއި،ޚާއްސައެހީއަށްބޭނުންވާފަރާތްތަކުގެ އިތުރުންނުކުޅެދޭމީހުންނާއި، އިސްރަށްވެހިންނަށް ރައްކާތެރިކަން ހޯދައިދިނުމަކީ އައިމަންގެ އެ ދާއިރާ އިން އައިމަންވެވަޑައިގަތް މުހިއްމު ވައުދެކެވެ.
މީގެ އިތުރުންގެވެށި އަނިޔާ ހުއްޓުވުމަށް، ޤާނޫނީ ހަރުކަށި އަދަބު ދިނުމާއި، އާންމުންނަށް އެފަދަ ފަރާތްތަކަށް ސަމާލުވެވޭނެ ފަދައިން އެ ފަރާތްތަކުގެ ނަން އާންމު ކުރުމަށް އައިމަންގެ ވައުދުނާމާގައި ވަނީ ހިމަނުއްވާފައެވެ. ފުރާވަރުގެ ކުދިން މުޖުތަމައު އަށް ހޭލުންތެރިވުމާއި، އާންމު ދިރިއުޅުމުގެ އުކުޅުތައް ދަސްކުރުމަށް ދިވެހި އަސްކަރިއްޔާގެ މަދަދާއި އެކު ކޭމްޕްތަކެއް ހިންގުމަށް އައިމަން ވައުދުވެލެއްވިއެވެ. އެ ވައުދު އައިމަން ފުއްދަވާނީ “ނަފްސު ތަންޒީމް”ކުރުމުގެވައުދުގެ ދަށުންކަމަށް އޭނާވަނީ ބުނެފައެވެ.
އަދި އެހީ އާއި މަދަދު ބޭނުންވާ ކަންކަމުގައި ކަމާއި ބެހޭ ފަރާތްތަކާއި މުއާސަލާތު ކުރެވޭނެފަސޭހަ މަގެއް ޤާއިމް ކުރުމަށް، “ވާވު އަވަސް”ގެ ނަމުގައި ގައުމީ ހޮޓްލައިން ނަމްބަރެއް ޤާއިމްކުރުމަށް ވަނީނިންމަވާފައެވެ.
މީގެ އިތުރުން ވެސް އައިމަން ވަނީ މުހިއްމު ވައުދުތަކެއް ވެލައްވާފައެވެ. އެގޮތުން ތައުލީމީ ދާއިރާއަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނެވުމަށް އައިމަން ވިސްނުން ގެންގުޅުއްވައެވެ. މި ދާއިރާގައި އައިމަންގެ ވައުދުތަކަށްބަލާއިރު “އިލްމީ ފަނާރު” ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ. އެ ސްކީމްގެ ދަށުން ރަނގަޅު ނަތީޖާ ނުލިބޭ ފަރާތްތަކާއި، މާލީ ޤާބިލްކަން ނެތް ފަރާތްތަކަށް ކަނޑައެޅޭ ވަކި އަދަދެއްގެ ދަރިވަރުންނަށް އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއި އެކު “ދަސްވެނިންނަށް އަމަލީ ތަޖުރިބާ” ހޯދައިދިނުމަށް އައިމަންވަނީ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައެވެ. އެފިޔަވަޅުތަކުގެ ތެރެއިން މަސައްކަތުގެ ތަޖުރިބާ ލިބޭނެ މަގު ފަހިކޮށްދެވޭނެއެވެ.
ސިއްހީ ދާއިރާއިން އައިމަންވެވަޑައިގަތް ވައުދަކީ ، “އާންމު ބޭހުގެ ވިއުގަ ރަނގަޅުކުރެއްވުން” ވަޢުދެވެ. އެކަމުގެ މަގްސަދަކީ އާންމު ބޭސްތައްފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
އާންމުގޮތެއްގައި ކެނޑިޑޭޓުންގެ ވައުދުތައް ހާމަކުރައްވަނީ ޕްރައިމަރީއިން ހޮވުމުންނެވެ. ނަމަވެސް އައިމަންގެ ވައުދުތައް ޕްރައިމަރީގެ ކުރިން ހާމަކުރެއްވި ސަބަބު އައިމަން ހާމަކޮށްދެއްވިއެވެ. އައިމަންވިދާޅުވީ، ޕްރައިމަރީގައި ވާދަކުރައްވާ އިރު ވެސް އޭނާގެ ތަސައްވުރު ރައްޔިތުންނަށް ސާފުވާން އެދިލައްވާ ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުން ހޮވާ މެމްބަރެއްގެ މިސްރާބު ހުރި ގޮތް ސާފުވެގެން، އެ މެމްބަރު އިޚުތިޔާރު ކުރުމުގެ ފުރުސަތު ދާއިރާގެ ރައްޔިތުންނަށް އޮންނަން ޖެހޭ ކަމަށް އައިމަން ވިދާޅުވިއެވެ.


