ލަންދޫގައި ހަލުވި ކަމާއިއެކު ޑެންގޫހުން ފެތުރެނީ – ޕްރީސްކޫލް ވެސް ބަންދު
ނ.ލަންދޫގައި ވަރަށް ހަލުވިކަމާއި އެކު ވަރަށް ބޮޑަށް ޑެންގޫ ހުމުގެ ރޯގާ ފެތުރެމުން އެބަދެއެވެ. މިގޮތުން އެވުރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް ތިނެއް ނުވަތަ ހަތަރު މީހުން ޑޭންގޫ ޖެހިގެން ލަންދޫ ސިއްޙީ މަރުކަޒަށް ދައްކަމުން ދާކަމަށް އެމަރުކަޒުން މަޢުލޫމާތު ދެއްވައެވެ. މީގެ ތެރޭގައި ގިނައަދަދަކަށް ތުއްތު ކުދިން ހިމެނޭ އިރު އެހެނިހެން ޢުމުރު ފުރާގެ ކުދިންނާއި ބޮޑަތި މީހުންނާއި ޢުމުރުން ދުވަސްވީ މީހުންވެސް ހިމެނޭ ކަމަށް އެމަރުކަޒުން މަޢުލޫމާތު ދެއްވައެވެ.
ލަންދޫ ސިއްޙީ މަރުކަޒުގައި ލެބޯޓްރީއެއްގެ ޚިދުމަތް ލިބެން ނެތުމުން ބަލި ޔަޤީން ކުރުމަށްޓަކައި ލޭގެ ޓެސްޓް ހެދުމަށް ބައެއް މީހުން މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގޮސްގެން ޓެސްޓް ހަދަމުންދާއިރު އަނެއްބައި މީހުންގެ ޓެސްޓް ހަދަމުންދަނީ ލޭގެ ސާމްޕަލް ނަގައިގެން މަނަދޫއަށް ފޮނުވައިގެންނެވެ. ލޭގެ ޓެސްޓްގެ ނަތީޖާއިން ޑެންގޫއަށް ޕޮޒިޓިވްވީ ކަމުގައި ވިޔަސް މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި އެޑްމިޑް ކުރުމުގެ ބަދަލުގައި ގިނަބަޔަކަށް ފަރުވާ ދެމުން ގެންދަނީ ލަންދޫގައި ހުންނަ ސިއްހީ މަރުކަޒުންނެވެ. މިގޮތުން މިދުވަސްކޮޅު ޢާއްމުކޮށް ކޮންމެ ދުވަހެއްގައިވެސް ހަތަރު ފަސްމީހަކަށް އެޑްމިޑްކޮށްގެން ފަރުވާ ދެމުންދާކަމަށް އެ މަރުކަޒުން މަޢުލޫމާތު ދެއްވައެވެ.
ލަންދޫގައި ހަލުވިކަމާއި އެކު ޑެންގޫ ހުން ފެތުރެމުންދާއިރު ލަންދޫ ޕްރީ ސްކޫލުގެ ކިޔެވުމާއި ލަންދޫގައި އަމިއްލަ ފަރާތަކުން ހިންގަމުން ގެންދާ ކުޅިވަރު އެކަޑަމީއެއްގެ ހަރަކާތްތައް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ.
ލަންދޫ ސްކޫލުން މަޢުލޫމާތު ދެއްވާ ގޮތުގައި އެސްކޫލުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މި ދުވަސްކޮޅު ރޯގާގެ އަސަރު ކޮށްގެން ދުވާލެއްގެ މައްޗަށް ގާތްގަޑަކަށް ފަންސާހަކަށް ދަރިވަރުން ކިޔަވަން ސްކޫލަށް ހާޒިރެއް ނުވެއެވެ. އެ ސްކޫލުން މަޢުލޫމާތު ދެއްވި ގޮތުގައި އެސްކޫލުގެ ޔޫކޭޖީ ކްލާހުގައި 22 ދަރިވަރުން ކިޔަވަމުންދާއިރު މިއަދު ކިޔަވަން ހާޒިރުވެފައިވަނީ ހަމަ އެންމެ 6 ދަރިވަރުންނެވެ. އަދި އެހެނިހެން ކްލާސްތަކަށް ވެސް މިއަދުވެސް ހާޒިރު ވެފައިވަނީ ނިސްބަތުން މަދު ދަރިވަރުން ކޮޅެއްކަމަށް އެ ސްކޫލުން މަޢުލޫމާތު ދެއްވައެވެ.
ލަންދޫގައި ޑެންގޫގެ ހުން ފެތުރެމުންދާއިރު މިހާތަނަށް އެއްވެސް ފަރާތެއް ސީރިއަސް ހާލަތަށް ގޮސްފައި ނުވިނަމަވެސް މިހާރުވެސް ޑޭންގޫއަށް ޕޮޒިޓިވް ވެފައިވާ ލަންދޫގެ ދެ ކުއްޖަކަށް އަތޮޅު ހޮސްޕިޓަލްގައި އެޑްމިޑްކޮށްގެން ފަރުވާ ދެމުންދާކަމުގެ މަޢުލޫމާތު ލިބިފައި ވެއެވެ.
ލަންދޫ ސްކޫލުގެ ބައެއް ޕޭރެންޓުން މަޢުލޫމާތު ދެއްވާ ގޮތުގައި އެރަށުގައި ހަލުވި ސްޕީޑްގައި ޑޭންގޫހުން ފެތުރެމުންދާތީ އެބައިމީހުންގެ ދަރިން މިދުވަސްކޮޅު ސްކޫލަށް ފޮނުވާކަށް ބޭނުމެއް ނުވެއެވެ.ލަންދޫގައި ޑެންގޫހުން ހަލުވިކަމާއި އެކު ފެތުރެމުންދާއިރު މި ދުވަސްކޮޅަކީ ވިއްސާރަ ދުވަސްވަރަކަށް ވެފައި ލަންދޫގައި މަދިރި ވަރަށް ގިނަ ދުވަސްކޮޅެއް ކަމަށް ވެއެވެ. ލަންދޫއިން “ނާރެސް” އާއި ވާހަކަދެއްކެވި ފަރާތަކުން މަޢުލޫމާތު ދެއްވި ގޮތުގައި ލަންދޫގެ ރައްޔިތުން އެދެމުންދަނީ ކަމާއި ގުޅުންހުރި ފަރާތްތައް އިސްނަގައިގެން މަދިރި ނައްތާލުމުގެ ޕްރޮގްރާމެއް ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި އެރަށުގައި ހިންގަވައި ދެއްވުމެވެ.

