ޔޫ ޓޫ ޖޭ އެކަޑަމީ އާއި މާޅެންދޫ ސުކޫލުގެ ދަރިވަރުންގެ މެދުގައި އެކުވެރިކަމުގެ މެޗްތަކެއް ކުޅެފި
ޔޫ ޓޫ ޖޭ އެކަޑަމީ އާއި މާޅެންދޫ ސުކޫލުގެ ދަރިވަރުންގެ މެދުގައި އެކުވެރިކަމުގެ މެޗްތަކެއް އިއްޔެ ކުޅެފިއެވެ. ނ. މާޅޭންދޫގައި އިއްޔެ ވަނީ ފުޓްބޯޅަ 3 މެޗާއި ނެޓްބޯޅަ 3 މެޗް ކުޅެފައެވެ. މިމެޗްތަކަކީ ޔޫ ޓޫ ޖޭ އެކަޑަމީގެ ލެވެލް 1ގެ ކުދިންނަށާއި ލެވެލް 2 ގެ ކުދިންނަށް ހާއްސަކޮށްގެން ކުޅެވުން ފުޓްބޯޅަ މެޗުތަކަކާއި ނެޓްބޯޅަ މެޗުތަކެކެވެ.
މާޅެންދޫ ސުކޫލުގެ ދަޢުވަތަކަށް އިއްޔެގެ 15.00 ހާއިރު ޔޫ ޓޫ ޖޭ އެކަޑަމީގެ ކުދިންނާއި ބެލެނިވެރިން މާޅެންދޫއަށް ދިއުމުން މާޅެންދޫ ސުކޫލުގެ މުދައްރިސުން ވަނީ މަރުހަބާއެއް ކިޔާފައެވެ.
ބޯވިއްސާރައިގެ ތެރޭގައި އިއްޔެ މާޅެންދޫގައި ކުރިއަށްދިޔަ ފޯރިގަދަ ހުރިހާ މެޗްތަކެއް ކާމިޔާބު ކުރީ ޔޫޓޫޖޭ އެކަޑެމީގެ ޓީމު ތަކުންނެވެ. މެޗްތަކުގެ ތެރެއިން އަންހެން ކުދިންގެ މެދުގައި ކުޅެވުނު އެކުވެރިކަމުގެ ނެޓްބޯޅަ 3 މެޗް ކާމިޔާބުކޮށް ހުނަރުވެރި މޮޅު ކުޅުމެއް ޔޫޓޫޖޭ އެކަޑެމީގެ ކުދިންގެ ފަރާތުން ފެނިގެން ދިޔައެވެ.
ފިރިހެން ދަރިވަރުންގެ މެދުގައި ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗްތަކަށް ބަލާއިރު ، ލެވެލް A2 ގެ ފުރަތަމަ މެޗް ނިމުނީ 6 ލަނޑު 0 ލަނޑުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޔޫޓޫޖޭ އެކަޑެމީގެ އަބުދުއްﷲ އަޒޫފް އެވެ. ލެވެލް B2 ގެ ދެވަނަ މެޗް ނިމުނީ 1 ލަނޑު 0 ލަނޑުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޔޫޓޫޖޭ އެކަޑެމީގެ މުއާޝް ބިން މުޢާވިޔަތު އެވެ. ލެވެލް 1 މެޗް ނިމުނީ 5 ލަނޑު 0 ލަނޑުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޔޫޓޫޖޭ އެކަޑެމީގެ ހުސެއިން އަބުދުއް އަލީމް އިބްރާހިމް އެވެ.
ފުޓްބޯޅަ 3 މެޗަށް ބަލާއިރު ލަންދޫ ޔޫޓުޖޭ އެކަޑަމީގެ ކުޅުންތެރިންގެ ފަރާތުންނާއި މާޅެންދޫ ސުކޫލު ޓީމުގެ ފަރާތުން ވަރަށް ހުނަރުވެރި ތަފާތު ކުޅުންތެރިންތަކެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވުނެވެ. ވަކިން ހާއްސަކޮށް ޔޫޓޫޖޭ އެކަޑެމީގެ ކުދިންގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެން ދިޔައެވެ.
ޔޫ ޓޫ ޖޭ އެކަޑަމީ އިން އަންނަނީ އެ އެކަޑަމީގެ ދަރިވަރުންނަށް ތަޖުރިބާ ކުރުމަށް ގިނަ ފުރުސަތު ތަކެއް ހޯދައިދެމުންނެވެ. އެގޮތުން މީގެ ކުރިންވަނީ ތަޖުރިބާ ހޯދުމަށް ގިނަ މެޗްތަކެއް ތަފާތު އެކިއެކި ރަށްރަށާއި އެކު ކުޅެފައެވެ. ޔޫ ޓޫ ޖޭ އެކަޑަމީގެ ތަފާތު ލެވްލް ތަކުގެ ޓީމުތަކުން ގިނަ މެޗްތަކެއް ކުޅެ، ތަޖުރިބާ ހޯދަމުންދަނީ ޔޫ ޓޫ ޖޭ އެކަޑަމީ ފިއެސްޓަރ 2020 އަށް ތައްޔާރުވުމަށް ކަމަށް އެކަޑަމީ އިން މައުލޫމާތު ދެއްވައެވެ.

