އެންމެފަހު ވަގުތު ރައީސަކަށް ނަޝީދު ނައިބުރައީސަކަށް އީވާ
19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރި 65 މެމްބަރުންނާއި އެކު އެމްޑީޕީން ބާއްވާ ފުރަތަމަ ޕީޖީ ގްރޫފްގެ ބައްދަލުވުމުން މަޖިލިސްގެ ރައީސްކަމަށް ކުރީގެ ރައީސް ނަޝީދު އަދި ނައިބްރައީސަކަށް އީވާގެ ނަން ހުށަހެޅުމަށް ޕީޖީގުރޫޕުން ނިންމައިފިއެވެ.
މިރޭގެ މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސްކަމަށް މައްޗަންގޮޅީ މެދުދާއިރާގެ މެމްބަރު ރައީސް މުޙައްމަދު ނަޝީދުގެ ނަންފުޅު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް އެވެ. ނައިބްރައީސަކަށް ހުށަހެޅުމަށް އީވާގެ ނަން ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ. ތާޢީދުކުރެއްވީ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުއެވެ.
މިދެ ނަންފުޅުވެސް ވަނީ ޤައުމީ މަޖްލިސްގެ 64 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެފައެވެ. އަދި އެދެމަޤާމަށްވެސް އެހެން އެއްވެސް ބޭފުޅަކު ނަންފުޅު ހުށަހަޅުއްވާފައެއްވެސް ނުވެއެވެ.
މަޖިލީހުގެ ރައީސްކަމަށް ކަނޑައަޅާނެ މެމްބަރެއްގެ މައްސަލާގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީގެ ތެރޭގައިވަނީ ހިޔާލު ތަފާތުވުން އުފެދި ވާދަވެރިކަން ބޮޑުވެގެންދިޔަނަމަވެސް އެންމެފަހު ވަގުތުމިވަނީ އެންމެހީކުރި ގޮތާޚިލާފަށް ކަންތައްތައް ބަދަލުވެގެން ގޮސްފައެވެ. ޢަފީފުވެސް އަދި އަސްލަމްވެސް އެންމެފަހުވަގުތު ވިދާޅުވީ މަސްލަހަތަށްޓަކައި އަދި ޕާޓީއާއި ރައްޔިތުންނަށްޓަކައި އެގޮތަށް އެނިންމުން ނިންމެވީކަމުގައެވެ.
މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީން ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
