2 ޑިސެމްބަރ 2018  ވީ އާދިއްތަ ދުވަހުގެ ރޭ ފަތިހު ނ.މަނަދޫ ކަޑިންމަމަތީ ތޮށިމައްޗަށް އަރާ ނ.މާޅެންދޫ ޕެލިކަން ބޯޓް (މާޅެންދޫ ބޯޓް) ގައި ހުރި ހުރިހާ މުދަލަކާއިއެކު އަޑިއަށް ދިއުންވެގެން ދިޔައީ އެބޯޓުން ދަތުރުކުރި ސަތޭކަ ފަންސާހަށްވުރެ ގިނަ ރައްޔިތުންގެ އިތުރުން ނ.އަތޮޅުގެ އެތަށް ރައްޔިތަކަށް ފޫނުބެއްދޭ ވަރުގެ ބޮޑަތި ގެއްލުންތަކެއް ލިބި އެތަށްއެތަށް ރައްޔިތަކަށް މާޔޫސްކަން ގެނުވި މިފަހަކަށް އައިސް ނ.އަތޮޅުގައިހިނގި އެންމެ ހިތާމަވެރި އެއްހާދިސާއެވެ.

މާޅެންދޫ ބޯޓް އަޑިއަށްދިޔަ ހިތާމަވެރި ހާދިސާގައި ބޮޑުގެއްލުމަކާއި މާޔޫސްކަމަކާއި ކުރިމަތިލާން ޖެހުނު އެއްޒުވަނާއަކީ އެހިތާމަވެރި ދަތުގައި އެބޯޓުން ދަތުރުކުރި ނ.ލަންދޫ ބަރާބަރު ހަޓްގެބާނީ އަދި ލަންދޫ އެންމެހާ ޒުވާނުންގެ އެންމެގާތް އެކުވެރިޔާ އިބުރާޙިމް އަދީމް(ނަފީ)އެވެ. ނަފީގެ މިދަތުރުވެގެން ދިޔައީ ނަފީ ނުހަނު ލޯބިން ގެންގުޅުނު ސައިކަލް މޫދު އަޑިއަށްގޮސް ބޭނުން ނުކުރެވޭވަރު ވެގެން ދިޔަ ހިތްދަތި ހިތާމަވެރި ދަތުރަކަށެވެ.

ނަފީގެ މާޔޫސްކަން ފިލުވައި ދިނުމަށް ލަންދޫ ޒުވާނުން އިސްނެގުން

މާޅެންދޫ ބޯޓް އަޑިއަށްދިޔަ ހިތާމަވެރި ހާދިސާގައި ނަފީ ނުހަނު ލޯބިން ގެންގުޅުނު ސައިކަލް އެއްގޮތަކަށްވެސް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ނަފީއަށް ލިބުނު މާޔޫސްކަމާއި ހިތްދަތިކަން ފިލުވާލަ ދިނުމަށްޓަކައި ބަރާބަރު ހަޓުން އިސްނަގައިގެން ނަފީގެ ސައިކަލް އަލުން މަރާމާތު ކުރުމަށް ބޭނުންވާނެ ފައިސާ ހޯދުމަށް އެކުރިމަސައްކަތަކީ އެހެނިހެން ރަށްރަށުގެ ޒުވާނުންނަށްވެސް ލަންދޫގެ ޒުވާނުން ދައްކުވައިދިން ރިވެތި ނަމޫނާއެކެވެ. ބަރާބަރު ހަޓުން އިސްނެގިނަމަވެސް ނަފީއަށް އެހީވުމުގައި ލަންދޫގެ ގިނަ ޒުވާނުން ވަނީ ވަރަށް ފުރިހަމައަށް ބައިވެރިވެ އެހީތެރކަން ފޯރުކޮށްދީފައެވެ.  

އެއްހަފްތާތެރޭ 30 ހާހަށްވުރެ ގިނަރުފިޔާ  

ލަންދޫގެގިނަޒުވާނުން ޤަބޫލްކުރާގޮތުގައި ނަފީ އެންމެ ލޯބިން ރީތިކޮށް ގެންގުޅުނު ސައިކަލް ހަލާކުވެ ނަފީއަށްލިބުނު ހިތްދަތިކަމާއި މާޔޫސްކަން ފިލުވާލުމަށްޓަކައި ލަންދޫގެ ޒުވާނުންވަނީ އެއްހަފްތާގެ ތެރޭގައި ތރީސް ހާހަށްވުރެ ގިނަ ރުފިޔާ އެކަމަށް ހާއްޞަކުރި އެކައުންޓަށް ޖަމާކޮށްދީފައެވެ. މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ނަފީގެ އެންމެގާތް އެކުވެރިޔާ އަޙްމަދު ރަޝީދު (ލައިބު) މަޢުލޫމާތު ދިންގޮތުގައި ނަފީގެ ސައިކަލް މަރަމާތުކުރުމުގެ ބޭނުމުގައި ހުޅުވި އެކައުންޓަށް ފައިސާ ޖަމާކުރި ބައެއް ކުދިންވަނީ ތިން ހާހުން ދެ ހާހުންވެސް ލާރި ޖަމާކޮށްދީފައެވެ. ލާރިޖަމާކުރި ކުދިންގެ ތެރޭގައި ރިސޯރޓްތަކުގައި ވަޒީފާއަދާކުރާ ކުދިންނާއި މާލޭގެ އިތުރުން އަދި ލަންދޫގައި ވަޒީފާ އަދާކުރާ ކުދިންވެސް ހިމެނެއެވެ.

އެހީގެ ގޮތުގައި އެކިކުދިންގެ ފަރާތުން ޖުމްލަ ތިރީސްހާހަށްވުރެ ގިނަ ރުފިޔާ ލިބުނު

ސައިކަލް މަރާމާތަށް ޖުމްލަ 26173/93 ރ ޚަރަދުވެފައިވޭ

ނަފީއަށް ލިބުނު ހިތާމައިގައި އޭނާގެ ހުރިހާ އެކުވެރިން ބައިވެރިވި

ކޮންމެ މީހަކަށްވެސް ހިތާމައެއް ހިތްދަތިކަމެއް ލިބޭ ދަނޑިވަޅުތަކަކީ އެމީހަކަށް ތަފާތު އިޙްސާސްތަކެއް ކުރެވި މާޔޫސްކަމާއިކުރިމަތިލާން ޖެހޭނެ ވަގުތެއްކަން ކަށަވަރެވެ. ލަންދޫގެ ގިނަޒުވާނުން ތަކަކާއި އަބަދުވެސް ގާތްގުޅުމެއް ބާއްވަމުން އަންނަ ނަފީއަށް މިހާތަނަށް ދިމާވި އެންމެ ހިތާމަވެރި ވަގުތުގައި ލަންދޫގެ ޒުވާނުންވަނީ ފައިސާގެ ގޮތުން ބޮޑު އެހީތެރިކަމެއް ވެދިނުމުގެ އިތުރުން ނަފީއަށް ދިމާވި ހިތާމަވެރިކަމުން އަރައި ގަތުމަށްޓަކައި އެތަށް ގޮތަކުން އެހީތެރިކަން ފޯރުކޮށްދީފައެވެ. ނަފީ އާއި އެކު ގިނަވަގުތު ހޭދަކުރުމުގެ އިތުރުން ހުރިހާ ގޮތަކުންވެސް ނަފީއަށް ހިތްވަރުދީ ނަސޭހަތްތެރިވެދީފައެވެ.

ނަފީގެ ފަރާތުންވެސް ދައްކައިދިނީ ނަމޫނާ

ނަފީގެ ސައިކަލް ހަލާކުވެ ސައިކަލް މަރާމާތުކުރުމަށް ނަފީގެ އެކުވެރިންޖަމާކޮށްދިން ފައިސާ އޭނާ ހަރަދުކޮށްފައިވަނީ ދެފުށްފެންނަ ފައިސާ ޖަމާކޮށްދިން އެންމެހާ އެކުވެރިންނަށްވެސް އެފައިސާ ހަރަދުކުރީ ކޮންކަމަކަށްކަން އެނގޭގޮތަށެވެ .މިގޮތުން ސައިކަލްގެ މަރާމާތަށް ކިތަންމެ ކުޑަނަމަވެސް ހަރަދެއްކޮށްފިނަމަ އެހަރަދެއްގެ ތަފްސީލް ނަފީ ގެންދިޔައީ އެކަމަށް ހާއްޞަކުރި ވައިބާރ ގްރޫޕްގައި ހިއްސާކުރަމުންނެވެ. ނަތީޖާއަކަށް ވެގެން ދިޔައީމިކަމުގައިވެސް ނަފީއަށް އިތުރަށް އޭނާގެ އެކުވެރިންގެ އިތުބާރާއި ލޯބިލިބިގެން ދިޔުމެވެ.

ނަފީގެ ހުރިހާޝުކުރެއް އޭނާގެ އެކުވެރިންނަށް

ނަފީބުނާގޮތުންނަމަ އޭނާގެ ހަޔާތުގައި މިހާތަނަށް އެންމެ ބޮޑު ހިތާމައަކާއިކުރިމަތިވީ މާޅެންދޫ ބޯޓް މަނަދޫ ކަނޑިންމަމަތީ ތޮށިމައްޗަށްއަރާ އަޑިއަށްދިޔަ ހާދިސާގައެވެ. އޭނާ އިންސްޓްރޯލްމަންޓަށް ނަގާފައިވާ އޭނާއެންމެ ގަޔާވާ ސައިކަލް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެގެން ދިޔުމުންނެވެ.

ނަމަވެސް މިއަދު ނަފީ އެންމެ އުފާވަނީ އޭނާ އެބަޔަކުދެކެ އަބަދުވެސް އެންމެ ލޯބިވާ އޭނާގެ އެކުވެރިންގެ ފުރިހަމަ ބައިވެރިވުމާއި އެހީތެރިކަމާއި އެކު އޭނާއަށްލިބުނު ހިތްދަތިކަމާއި މާޔޫސްކަމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަރައި ގަނެވުމުންނެވެ. ” އެންމެފުރަތަމަވެސް ހެއްދެވި ފަރާތަށް ހަމްދާއި ޝްކުރުކުރަން އެއަށްފަހު އަޅުގަނޑަށް މި ދިމާވި ހިތްދަތި ދަނޑުވަޅުގައި އަޅުގަނޑަށް އެހީތެރިވެ ދެއްވި އަޅުގަނޑުގެ އެންމެހާ އެކުވެރިންނަށް ނިހާޔަތަށް ޝުކުރުވެރިވަން ” އުފަލުން ފެންކަޅިވެފައިވާ ނަފީ ބުނެލިއެވެ.

ހަމަ ހަޤީގަތުގައިވެސް މިކަމުގައި ލަންދޫގެ ޒުވާނުން ދައްކައިދީފައިވަނީ އެކުވެރިކަމާއި އެއްބައިވަން ކަމުގެ އިތުރުން ދީލަތިކަމާއި އޯގާތެރިކަމުގެ ރީތިނަމޫނާއެކެވެ. އެހެނިހެން ޒުވާނުންނަށް ރިވެތި މިސާލެކެވެ.  

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close