ސަރުކާރުގެ ފުރަތަމަ ސަތޭކަދުވަހަށް ތަޢުލީމީދާއިރާއިން ކަނޑައެޅި ވަޢުދުތައް ފުއްދައިފި
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ތަޢުލީމީދާއިރާގެ ވަޢުދުތައް ފުއްދިއްޖެކަމަގައި އެޑިޔުކޭޝަން މިނިސްޓްރިން ހާމަކޮށްފިއެވެ.
ތައުލީމީދާއިރާއިން 11 ވަޢުދެއް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ނިންމާފައިވާކަމަށާއި، އޭގެތެރޭގައި ހިމެނޭ ތަޢުލީމީ މަންހަޖު މުރާޖައާ ކުރުމާއި ރާއްޖޭގައި ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލުމާއި ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތާއި ސްޓޫޑެންޓް ލޯން ސްކީމްތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކުރުމާއި ސްކޫލުތަކުގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށުން ފަދަ ކަންކަން މިހާތަނަށް ވަނީ ފުއްދިފައި ކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ.
ޤައުމީ މަންހަޖު މުރާޖާކުރުމުގެ މަހާސިންތާގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ރަޝީދު އަޙްމަދު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކާއެކު ތަޢުލީމީ ދާއިރާއިން މުހިންމު ކަންތައްތަކެއް ހާސިލްކުރެވިފައިވާ ކަމަށެވެ.
މިއަދު ފެށި ޤައުމީ މަންހަޖު މުރާޖަޢާ ކުރުމުގެ މަހާސިންތާ ކުރިއަށް އޮތް 2 ދުވަހަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ އެކިސަރަޙައްދުތަކުން 219 ފަރާތަކުން މިމަހާސިންތާގައި ބައިވެރިވަމުންގެންދަވާކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން ހާމަކުރެއެވެ.
އެން.އައި.އީ ވިދާޅުވީ މިމަހާސިންތާގައި ރާއްޖޭގެ އެކި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ސްކޫލްތަކުގެ ބޯޑު މެމްބަރުންގެ އިތުރުން ބެލެނިވެރިންވެސް މި މަހާސިންތާގައި ބައިވެރިވެއެވެ. މާލޭގެ ހުރިހާސްކޫލެއް މިމަހާސިންތަގައި ބައިވެރިވާއިރު އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުންގެ އާބާދީއަށް ބަލައިގެން ހޮވާލެވިފައިވާ 62 ސްކޫލްކަމަށް އެން.އައި.އީން މަޢުލޫމާތުދެއްވައެވެ. މީގެ އިތުރުން އަމިއްލަ ސްކޫލްތަކާއި ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ އިތުރުން އަމިއްލަ ޖަމްޢިއްޔާ ތަކުންވެސް މިމަހާސިންތާގައި ބައިވެރިވެފައިވާކަމަށް އެން.އައި.އީން މަޢުލޫމާތުދެއްވައެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ހަމަޖެހިފައވާކަންކަމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ މަހުގެ 28 ވަނަ ދުވަހެވެ.


