އިންޑިއާއާއި ރާއްޖެއާއި ދެމެދު ވެވުނު އެއްބަސްވުންތަކަށް އަމަލުކުރަން ފަށަނީ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރާއި އިންޑިއާއި ދެމެދު ވެވުނު އެއްބަސްވުންތަކުގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް ދިން ވިސާގެ ލުއިތަކަށް އަންނަ މަހުން ފެށިގެން ޢަމަލު ކުރަން ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްރީމަންޓަށް އަމަލުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށް އަންނަ މަހުގެ 11ވަނަ ދުވަހުން ފެށިގެން އެ އެގްރީމަންޓަށް ދެ ޤައުމުން އަމަލުކުރުމަށް އެއްބަސްވެ ރަސްމީ ލިޔުން މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމަކީ ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރެވުނު އެއްބަސްވުމެކެވެ.
ވިސާ އެއްބަސްވުމުގައި އިންޑިއާއިން ދިވެހިސަރުކާރަށް ދިން ލުއިތަކުގެ ތެރޭގައި :
ވިޔަފާރި އާއި ޓޫރިޒަމް އަދި ބޭސްފަރުވާ ދަތުރުތަކަށް 90 ދުވަހުގެ ވިސާދިނުމާއި، ޓޫރިސްޓް ވިސާގައި ހުއްޓައި ކުއްލި ސިއްހީ ހާލަތެއް މެދުވެރިވެއްޖެނަމަ ރާއްޖެ ނައިސް މެޑިކަލް ވިސާއަށް ބަދަލުކުރެވޭގޮތާއި، ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ހާލަތްތަކުގައި ހާލަތަށް ބަލައި ދެ އެހީތެރިންނާއެކު އެއް އަހަރު ދުވަހަށް ވިސާ ދޫކުރުމާއި، މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ޖަހައިދިނުމާއި، 18 އަހަރުން ދަށުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ވެސް މަލްޓިޕަލް އެންޓްރީ ވިސާ ދޫކުރުމާއި، އަދި މަތީ ތައުލީމް އުގެނޭ ދަރިވަރުންގެ ދަރިން 18 އަހަރަށްވުރެ ހަގު ނަމަ، އަނބިންނާއި ފިރިންނާއި މައިންބަފައިންނަށް ވެސް ވިސާ ދޫކުރުން ހިމެނެއެވެ.
ދިވެހި ސަރުކާރާއި، އިންޑިއާސަރުކާރާއި ގާތްގުޅުމެއް ޤާއިމްކުރަމުންދާއިރު އެގުޅުމާމެދު ޝައްކުގެ ނަޒަރަކުން އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ބަލަމުންނެވެ. އެގޮތުން އިންޑިޔާ އާއި ދެކޮޅަށް ދިގުދެމިގެންދާ ސިލްސިލާ މުޒަހަރާތަކެއް ފަށަން ގަސްތުކުރާކަމަށް ކުރީގެ ހޯމްމިނިސްޓަރ ޢުމަރު ނަޞީރު ވަނީ ވިދާޅުވެފައެވެ.

