ރޭމްޕްތަކުގެ ޑިޒައިން ބަދަލުކޮށް ރޭމްޕްތަކުގެ މަތީގައި ޕާކުނުކުރެވޭގޮތް ހަދައިފި
މާލޭ މަގުތަކުގައި ބަހައްޓާފައިހުރި ޕެލެޓުތައް ނެގުމަށްފަހު ތަޖުރިބާ ކުރުމަށް ހެދި ރޭމްޕްތަކުގެ މަތީގައި ސައިކަލުތައް ޕާކުކުރާތީ ރޭމްޕްތަކުގެ ޑިޒައިން ބަދަލުކޮށް ރޭމްޕްތަކުގެ މަތީގައި ޕާކް ނުކުރެވޭގޮތް މިއަދު ހަދަން ފަށައިފިއެވެ .
ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެންބަރު އަޙްމަދު ނިޔާޒް މީގެ ކުރިން ވިދާޅުވީ މާލެ ސިޓީގެ މަގުތަކުގައި ހަދާ ރޭމްޕްތައް ޑިޒައިން ކުރީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ބޭނުންކުރެވޭނެ ގޮތަށްކަމަށެވެ. އަދި ކުރިން ހެދި ރޭމްޕަކީ ތަޖުރިބާ ކުރުމަށް ހެދި ރޭމްޕެއް ކަމަށެވެ. އަދި ރޭމްޕް މަތީގައި ޢާއްމުން ސައިކަލުތައް ޕާކުރުމުގެ ސަބަބުން ރޭމްޕްގެ މަގުސަދު ޙާސިލުނުވާތީ މިހާރުވަނީ ރޭމްޕްގެ ޑިޒައިން ބަދަލުކޮށް ސައިކަލު ޕާކުނުކުރެވޭގޮތަށް ހަދާފައެވެ.
ރޭމްޕްގެ ޑިޒައިން ބަދަލުކުރުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި މާލޭގެ ގިނަ ސަރަޙައްދުތަކެއްގައި ރޭމްޕް ބަހައްޓަން ނިންމާފައިވާއިރު އެހުރިހާ ތަންތަން ފުލުހުންނަށް އަބަދު މޮނިޓަރ ނުކުރެވޭނެތީކަމަށް ސިޓީކައުންސިލުންވަނީ ވިދާޅުވެފައެވެ.
ފުލުހުންނާ ގުޅިގެން މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގައި ހުރި ޕެލެޓުތައް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު މިހާތަނަށް 1200 އަށްވުރެ ގިނަ ޕެލެޓު ނަގާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
