ޚަބަރު

ވައިބަރގައި ގަންނަންޖެހޭ ސްޓިކަރ ޕެކްތައް އަގުހެޔޮކޮށް ގަނެވޭނެ ގޮތް އުރީދޫއިން ތަޢާރަފްކޮށްފި

ވައިބަރގައި އޮންލައިންކޮށް ގަންނަންޖެހޭ ސްޓިކަރ ޕެކްތައް އަގުހެޔޮކޮށް ގަނެވޭނެ ޚިދުމަތެއް އުރީދޫއިން ތަޢާރަފްކޮށްފިއެވެ.

މި ޙިދުމަތް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ބްރޯޑްބޭންޑް ކޮންޓެންޓް އެންޑް ޑިވައިސަސް އަޙްމަދު ނޫމާން ވިދާޅުވީ، އުރީދޫގެ ކަސްޓަމަރުންނަށް ތަޢާރަފްކުރި 19 ރުފިޔާގެ ޕެކޭޖް އެކްޓިވޭޓްކުރުމުން 1 މަސްދުވަސް ވަންދެން ވައިބަރ މާކެޓްގައި ހުންނަ ހުރިހާ ސްޓިކާއެއް ހިލޭ ޑައުންލޯޑް ކުރެވޭނެކަމަށެވެ. މިއީ އުރީދޫ މޯލްޑިވްސްއާއި ވައިބަރ ގުޅިގެން ތަޢާރަފްކުރި ޚިދުމަތެއްކަމަށް ނޫމާން ވިދާޅުވިއެވެ.

“19 ރުފިޔާއަށް ސަބްސްކްރައިބް ކުރައްވައިގެން ވައިބަރ ސްޓިކާ މާކެޓުން ސްޓިކާ ޑައުންލޯޑް ކޮށްލެވޭނެ. އެނގިވަޑައިގަންނަވާނެ ފަދައިން މިހާރު ސްޓިކާ މާކެޓްގައި ފްރީ ސްޓިކާ ހުރޭ، އަދި މީގެ އިތުރުން ބައެއް ސްޓިކާ ޕޭކޮށްގެން ގަންނަންޖެހެނީ. 19 ރުފިޔާ އުރީދޫގެ ކަސްޓަމަރުން ސަބްސްކުރައިބް ކޮށްލައްވައިގެން ހުރިހާ ސްޓިކާއެއް ފްރީކޮށް ޑައުންލޯޑްކުރެވިގެންދާނެ.” އަޙްމަދު ނޫމާން ވިދާޅުވިއެވެ.

މި ޚިދުމަތް ހޯދުމަށް “ސްޓިކާ” ޖެއްސެވުމަށްފަހު 4114 އަށް އެސް.އެމް.އެސް ކުރުމުން ބޭނުން ވަރަކަށް ސްޓިކާ ޑައުންލޯޑް ކުރެވޭނެކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްއާއި ވައިބަރއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މީގެ ކުރިން ވަނީ ވައިބަރގެ ފުރަތަމަ ދިވެހި ސްޓިކާ ޕެކްވެސް ތަޢާރަފްކޮށްފައެވެ.

ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ލޯކަލް އަދި އިންޓަނޭޝަނަލް ޕާޓްނަރުންގެ ތަފާތު ޙިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އުރީދޫއިން އިސްކަންދޭކަމެއްކަމަށް އެ ކުންފުނިން ބުނެއެވެ. ނިމިދިޔަ ހަފްތާގެ ތެރޭގައި އުރީދޫއިން ވަނީ އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތްވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ތަޢާރަފްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close