ރުއްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރަން ހަނިމާދޫގައި ހާއްސަ ސެންޓަރެއް ހުޅުވައިފި

ދިވެހިރާއްޖޭގައި ރުއްތަކަށް ޖެހޭ ތަފާތު ބަލިތަކާއި ލިބޭ ގެއްލުންތަކުން ސަލާމަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޕެސްޓު ކޮންޓްރޯލްކުރުމަށްޓަކައި ހދ. ހަނިމާދޫގައި ހާއްސަ “ޕާމް ޕެސްޓު ބައިލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު” މިއަދު ހުޅުވައިފިއެވެ.
މި ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް އާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގު ޒިއަންހުއާ އެވެ.
މި ސެންޓަރުގެ މައިގަނޑު މަގުސަދަކީ ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކޮށްގެން، ރުއްތަކަށް ގެއްލުންދޭ ކުދި ރުކުމަޑި ފަދަ ސޫފިތަކަށް ގުދުރަތީ ގޮތުން ހަމަލާދޭ ފައިދާހުރި ސޫފާސޫފި އާލާކުރުމެވެ. އަދި އެ ސޫފިތައް އާލާކުރުމަށްފަހު ބަލިޖެހިފައިވާ ރަށްރަށަށް ދޫކުރުމުގެ މަސައްކަތް މި ސެންޓަރުން ކުރިއަށްގެންދާނެއެވެ.
އެގްރިކަލްޗާ މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސެންޓަރަކީ ދުވާލަކު އެއް ލައްކަ ޕެރެސިޓޮއިޑް އާލާކުރުމުގެ ގާބިލުކަން ލިބިގެންވާ ތަނެކެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮކޮނަޓް ހިސްޕިޑް ބީޓްލް ފެނިފައިވަނީ 1999 ވަނަ އަހަރު ސަން އައިލެންޑު ރިސޯޓުންނެވެ. އެއަށްފަހު، އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނިޒޭޝަން (އެފްއޭއޯ) ގެ އެހީތެރިކަމާއެކު 2003 ވަނަ އަހަރުން ފެށިގެން މިފަދަ ޕެސްޓުތައް ކޮންޓްރޯލްކުރުމުގެ ހާއްސަ މަޝްރޫއުތަކެއް ވަނީ ކުރިއަށް ގޮސްފައެވެ.
ނަމަވެސް، ރުއްތަކަށް ޖެހޭ ހުދުކޫޑި އާއި އެހެނިހެން ބަލިތައް އެކަށީގެންވާ ގޮތެއްގައި ކޮންޓްރޯލްކުރުމުގައި އަދިވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. މިއަދު ހުޅުވުނު ސެންޓަރުގެ ސަބަބުން މިފަދަ ބަލިތަކަށް ދާއިމީ އަދި ތިމާވެއްޓާ ރައްޓެހި ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މި ސެންޓަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ވެވިފައިވާ “މޯލްޑިވްސް ކޮކޮނަޓު ޓްރީ ޕެސްޓު ކޮންޓްރޯލް އެސިސްޓެންޓްސް ޕްރޮޖެކްޓު” ގެ ދަށުން ގާއިމުކުރެވުނު ތަނެކެވެ. މި ސެންޓަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 14 ޖުލައި 2025 ގައެވެ.
