ހުޅުމާލޭ ފްލެޓެއްގައި ރޯވެ ބޮޑު ގެއްލުމެއް، ހާލުގައި ޖެހުނު އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެނީ

ހުޅުމާލޭގެ ފްލެޓް ނަންބަރު 110 އެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި، އަތް ފިހުނު ފިރިހެނަކަށާއި ދުމުގެ އަސަރުކޮށްގެން ނޭވާލާން އުނދަގޫވި މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ. ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން ދަންވަރު 1:07 ހާއިރު މި އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އަލިފާން ރޯވި އެޕާޓްމަންޓް މިވަގުތަށް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ، އެތަނުގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދަނީ ކުރަމުންކަމަށް އެ އިދާރާއިން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެއ އިދާރާއިން މިހާރު ގެންދަނީ މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި ހާދިސާގައި ގެއްލުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
