
މިއަހަރުގެ ވޯލްޑް ކަޕަކީ ފުޓުބޯޅައިގެ ތާރީޚުގައިވެސް އެންމެ އަގުބޮޑު އެއް މުބާރާތަށް ވެގެންދާއިރު، ފީފާއިން ވަނީ އިނާމު ފައިސާގެ ގޮތުގައި 871 މިލިއަން ޑޮލަރު (13.4 ބިލިއަން ރުފިޔާ) ކަނޑައަޅާފައެވެ. މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށްވެސް، ކޮލިފައިވުމުގެ އިނާމާއި ތައްޔާރުވުމުގެ އެހީގެ ގޮތުގައި މަދުވެގެން 12.5 މިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ޔަގީންވާނެއެވެ.
މުބާރާތުގެ ފޯރި ގަދަވަމުންދާ ވަރަކަށް ލިބޭ ފައިސާގެ އަދަދުވެސް އިތުރުވެގެންދާއިރު، މިއަހަރުގެ ތަށި އުފުލާލާ ޗެމްޕިއަން ޓީމަކަށް 51 މިލިއަން ޑޮލަރު (786 މިލިއަން ރުފިޔާ) ލިބޭނެއެވެ. ދެވަނަ ޓީމަށް 34 މިލިއަން ޑޮލަރު ލިބޭއިރު، ތިންވަނަ އަދި ހަތަރުވަނަ ޓީމަށްވެސް 25 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ހާސިލްވާނެ ކަމަށް ފީފާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޖުމްލަ އިނާމު ފައިސާގެ ތެރެއިން 703 މިލިއަން ޑޮލަރު ބަހަނީ ޓީމުތަކުން ހޯދާ ނަތީޖާއަށް ބިނާކޮށްގެންނެވެ. ބާކީ 168 މިލިއަން ޑޮލަރު ހުރިހާ ޓީމުތަކަށް ހަމަހަމަކޮށް ބަހާލާއިރު، މުބާރާތުގެ ފުރަތަމަ ބުރުން ކަޓާ ޓީމުތަކަށްވެސް 10 މިލިއަނާއި 12 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ލިބިގެންދާނެއެވެ. މިއީ މުބާރާތުގައި ބައިވެރިވާ ޤައުމުތަކުގެ ފުޓުބޯޅަ ކުރިއެރުވުމަށް ފީފާއިން ވެދޭ ބޮޑު މާލީ އެހީއެކެވެ.

