ޚަބަރު

ލަންދޫގައި ރޯގާ ފެތުރި މުޅިރަށް ހުއްޓުމަކަށް

ނިމިދިޔަ އަޟްޙާ ޢީދުގެ ބަންދަށްފަހު ނ. ލަންދޫގައި ހަލުވިކަމާއެކު ރޯގާ ފެތުރެން ފެށުމުގެ ސަބަބުން، މުޅި ރަށް ހުއްޓުމަކަށް އަތުވެއްޖެއެވެ. ޢީދުގެ ދެ ދުވަސް ކުރިން ފެށިގެން މި ރަށުގައި ފެތުރެން ފެށި ހުމާއި އަރިދަފުސް ރޯގާގެ އިތުރުން، ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާވެސް މިހާރު ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ.

މި ރޯގާގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ރަށުގެ ތަޢުލީމީ ދާއިރާއަށެވެ. ޖުމްލަ 218 ދަރިވަރުން ކިޔަވަމުންދާ ލަންދޫ ސްކޫލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިއަދު އެކަނިވެސް 152 ދަރިވަރުން ވަނީ ރޯގާގެ ސަބަބުން ސްކޫލަށް ހާޒިރުނުވެފައެވެ. ގިނަ ކްލާސްތަކުގައި ކިޔަވަން ތިބީ ނިސްބަތުން ވަރަށް މަދު ދަރިވަރުންތަކެއް ކަމަށާއި، ބައެއް ކްލާސްތަކަށް ހާޒިރުވެފައިވަނީ އެންމެ 2 ނުވަތަ 3 ދަރިވަރުން ކަމަށް އެ ސްކޫލުގެ ބެލެނިވެރިން ފާހަގަކުރެއެވެ.

ދަރިވަރުންގެ އިތުރުން ޓީޗަރުންގެ މެދުގައިވެސް މި ރޯގާ ދަނީ ފެތުރެމުންނެވެ. ޢީދު ބަންދަށްފަހު ފާއިތުވި ހަފްތާގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު 10 ވަރަކަށް ޓީޗަރުން ބަލިވެގެން ސްކޫލަށް ހާޒިރުނުވާ ކަމަށް ވެސް ލަންދޫ ސްކޫލުގެ ބެލެނިވެރިން މަޢުލޫމާތުދެއެވެ.

1,160 މީހުންގެ އާބާދީއެއް އޮންނަ ލަންދޫގެ ސިއްހީ މަރުކަޒަށް ބާރުބޮޑުވެ، ޚިދުމަތް ދިނުމުގައި ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ލަންދޫ ސިއްހީ މަރުކަޒުން ބުނި ގޮތުގައި، ދުވާލެއްގެ މައްޗަށް 50 އަށްވުރެ ގިނަ މީހުން ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކަން އާދެއެވެ. “އިއްޔެ އެކަނިވެސް 292 ލެބް ޓެސްޓް ހަދައި، 55 އަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވޭ،” އެ މަރުކަޒުން ވިދާޅުވިއެވެ.

ބަލިމީހުން ގިނަވުމުގެ ސަބަބުން މަރުކަޒުގެ ކެޕޭސިޓީއަށްވުރެ އިތުރަށް މީހުން އެޑްމިޓްކުރަން ޖެހިފައިވާކަންވެސް ސިއްހީ މަރުކަޒުން ފާހަގަކުރެއެވެ. އެގޮތުން ކޮންމެ ދުވަހަކު އެވްރެޖުކޮށް 15 އަށްވުރެ ގިނަ މީހުން އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހެއެވެ.

އެ މަރުކަޒުން މައުލޫމާތުދެއްވި ގޮތުގައި މި ހާލަތުގައި އެންމެ ބޮޑު އެއްކަންބޮޑުވުމަކީ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި މަރުކަޒުގައި ތިއްބަވާ 2 ޑޮކްޓަރުންގެ ތެރެއިން އެކަކު  ވަޒީފާއިން ވަކިވެގެން ދިޔުމުން އިތުރު ޑޮކްޓަރަކު ހަމަޖެހިފައި ނެތުމެވެ.  އަދި މީގެ އިތުރުން ފާމަސީގައި ރަނގަޅު ބޭސް ނެތުމާއި މި ހާލަތުގައި 24 ގަޑި އިރު ފާމަސީގެ ޚިދުމަތް ނުލިބުމަކީ ސިއްޙި މަރުކަޒާއި ބަލި މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މަރުކަޒުން ފާހަކަކުރެއްވިއެވެ.

” ފާމަސީ ނުހުޅުވިގެން 2 ގަޑި، 3 ގަޑިއިރު މަޑުކުރަން ޖެހުމަކީ މި ހާލަތުގައި އަޅުގަނޑުމެންގެ ވަރަށް ބޮޑުކަންބޮޑުވުމެއް” މި ނޫހާއި ވާހަކަދެއްކެވި ބަލިކުއްޖެއްގެ ބެލެނިވެރިއަކު ބުންޏެވެ.

މި ރޯގާ މިހާ ބޮޑަށް ފެތުރެން މެދުވެރިވި ސަބަބާ ގުޅޭގޮތުން ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ، ޢީދު ކުޅިވަރުތަކުގެ ތެރޭގައި ގިނަބަޔަކު އެއްތަނަކަށް އެއްވެ އުޅުމުގެ ސަބަބުން ބަލި ފެތުރޭ މިންވަރު އިތުރުވީ ކަމަށެވެ. އަދި ބަލި ކޮންޓްރޯލް ކުރުމުގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ބަލިން ކިރިޔާ ރަނގަޅުވެލާއިރަށް ދަރިވަރުން ސްކޫލަށް ފޮނުވުމުގެ ސަބަބުން އަލުން ބަލި ފެތުރެން މަގުފަހިވުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ލަންދޫގެ ހާލަތު މިހާރު އޮތް ގޮތުން، ރަށުގެ އާންމު ދިރިއުޅުމަށާއި ސިއްހީ ނިޒާމަށް ވަނީ ނުހަނު ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close