ބޭރުދުނިޔެ

ހުރުމުޒު ކަނޑުއޮޅި އާ ގުޅޭގޮތުން އދ އަށް ހުށަހެޅި ޤަރާރު ވީޓޯކޮށްފި

ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމަށް ބާރުއެޅުމުގެ ގޮތުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ރަޝިޔާ އާއި ޗައިނާއިންވީޓޯ ކޮށްފިއެވެ.

ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމަށް ބާރުއެޅުމުގެ ގޮތުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ރަޝިޔާ އާއި ޗައިނާއިން އަންގާރަ ދުވަހު ވީޓޯކޮށްފިއެވެ. މި ގަރާރަކީ އެ ދެ ގައުމުން ވީޓޯ ނުކޮށް، ވޯޓުގައި ބައިވެރިނުވެ ދޫކޮށްލާނެ ކަމުގެ އުންމީދުގައި ބަހަވީ ގޮތުންނާއި ފިޔަވަޅުތަކުގެ ގޮތުން ވަރަށް ބޮޑަށް ލުއިކޮށްފައިވާ ގަރާރެކެވެ.

މި ގަރާރަށް ވޯޓަށް އެހުނީ، އީރާނުން އެ ސަރަހައްދުގެ އިސްތިރާތީޖީ ކަނޑުއޮޅި ހުޅުވުމަށް ނުވަތަ އެގައުމުގެ އިންޖީނުގެތަކާއި ފާލަންތަކަށް ހަމަލާދިނުމާ ކުރިމަތިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސުންގަޑި ހަމަވުމުގެ މަދު ގަޑިއިރުތަކެއް ކުރިންނެވެ. ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލަނީ މި ކަނޑުއޮޅި މެދުވެރިކޮށް ކަމަށްވާއިރު، ހަނގުރާމައިގެ ތެރޭގައި އީރާނުން މި މަގު ބަންދުކުރުމުގެ ސަބަބުން ހަކަތައިގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.

މި ގަރާރު ފާސްވި ނަމަވެސް، ފަސްވަނަ ހަފުތާއަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައަށް މާބޮޑު ބަދަލެއް އަތުވެދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ސަބަބަކީ ރަޝިޔާ އާއި ޗައިނާގެ ރުހުން ހޯދުމަށްޓަކައި ގަރާރުގައި ހިމެނޭ ހަރުކަށި ބައިތައް ކުރިންވެސް ވަނީ އުނިކޮށްފައެވެ.

ބަހްރޭނުން އެންމެ ފުރަތަމަ ހުށަހެޅި ހުށަހެޅުމުގައި، ހުރުމުޒު ކަނޑުއޮޅިން ދަތުރުފަތުރު ކުރެވޭނެކަން ކަށަވަރު ކުރުމަށާއި އެތަން ބަންދުކުރަން ކުރާ މަސައްކަތްތައް ހުއްޓުވުމަށް “ބޭނުންވާ ހުރިހާ ވަސީލަތެއް” ބޭނުންކުރުމުގެ ހުއްދަ ދިނުމަށް އޮތެވެ. އދ. ގެ ބަހުރުވައިގައި މީގެ މާނައަކީ އަސްކަރީ ފިޔަވަޅު އެޅުމެވެ.

ނަމަވެސް، ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުން ކަމަށްވާ ރަޝިޔާ، ޗައިނާ އަދި ފްރާންސުން ބާރުގެ ބޭނުން ކުރުމަށް ދެކޮޅު ހެދުމާ ގުޅިގެން، ހަމަލާދިނުމާ ގުޅޭ ހުރިހާ ބައިތަކެއް އުނިކޮށް، ހަމައެކަނި “ދިފާއީ ގޮތުން ބޭނުންވާ ހުރިހާ ވަސީލަތެއް” ބޭނުންކުރުމަށް ގަރާރު އިސްލާހު ކުރެވުނެވެ.

އޭގެ ފަހުން ވެސް، ސަލާމަތީ މަޖިލީހުގެ ސީދާ އަމުރެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ގަރާރުގެ ބާރު ވަނީ އިތުރަށް ދަށްކޮށްފައެވެ. އަދި ކުރިން ގަރާރުގައި ހިމެނި ކައިރި ކަނޑުގެ ސަރަހައްދުތައް އުނިކޮށް، ހަމައެކަނި ހުރުމުޒު ކަނޑުއޮޅިއަށް ގަރާރުގެ އިޚްތިޞާޞް ވަނީ ހަނިކޮށްފައެވެ.

އަންގާރަ ދުވަހު ވީޓޯކުރި ގަރާރުގައި ބުނެފައިވަނީ، ހުރުމުޒު ކަނޑުއޮޅީގެ ވިޔަފާރި މަގުތައް ބޭނުންކުރަން ބޭނުންވާ ގައުމުތަކުން، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ދިފާއީ ސިފައެއްގައި މަސައްކަތްތައް ވިލަރެސްކުރުމަށް ބާރުއަޅާ ކަމަށެވެ. މީގެ ތެރޭގައި ވިޔަފާރި އުޅަނދުފަހަރަށް ހިމާޔަތް ދިނުމާއި، ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުރަސްއެޅުމަށް ކުރާ މަސައްކަތްތައް ހުއްޓުވުން ހިމެނެއެވެ.

މީގެ އިތުރުން، ވިޔަފާރި އުޅަނދުފަހަރަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ކަނޑުއޮޅީގެ ދަތުރުފަތުރުގެ މިނިވަންކަމަށް ހުރަސްނޭޅުމަށާއި، މަދަނީ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަށް އީރާނަށް މި ގަރާރުގައި ގޮވާލާފައިވެއެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން ދޭން ފެށި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުން ވަނީ 10 އަށްވުރެ ގިނަ ގައުމެއްގެ ހޮޓާތަކާއި، ވައިގެ ބަނދަރުތަކާއި، މީހުން ދިރިއުޅޭ އިމާރާތްތަކަށް ހަމަލާދީފައެވެ. މީގެ ތެރޭގައި ގަލްފުގެ އަވަށްޓެރި ގައުމުތަކާއި ދުނިޔެއަށް އެންމެ ގިނައިން ތެލާއި ގޭސް އެކްސްޕޯޓްކުރާ ގައުމުތައް ހިމެނެއެވެ.

އީރާނުން ކަނޑުއޮޅި ބަންދުކުރުމަކީ ގަލްފުގެ ގައުމުތަކުގެ ދެމިއޮތުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެގައުމުތަކުން ދެކެއެވެ. އެމެރިކާގެ ފިފްތު ފްލީޓް ގާއިމުވެފައިވާ އަދި މި މަހުގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ބަހްރޭނުން ދަނީ އދ. އިން ފިޔަވަޅު އެޅުމަށް ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ.

މިދަނޑިވަޅުގައި، އީރާނުން ވައްޓާލި ފައިޓަރު ޖެޓެއްގެ ދެ ފަޅުވެރިން ސަލާމަތްކުރުމުގައި އެމެރިކާގެ ސިފައިން ދެއްކި ހިތްވަރަށް ތައުރީފު ކުރެއްވުމަށްފަހު، ރައީސް ޓްރަމްޕް ވަނީ ކަނޑުއޮޅި ހުޅުވުމަށް އީރާނަށް އަނެއްކާވެސް އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ މުޅި ގައުމު އެއްރޭގެ ތެރޭގައި ސުންނާފަތިކޮށްލެވިދާނެ ކަމަށާއި، އެއީ މާދަމާ ރޭ ކަމުގައިވެސް ވެދާނެ ކަމަށެވެ.

އަންގާރަ ދުވަހުވެސް ޓްރަމްޕް މި އިންޒާރު ތަކުރާރު ކުރައްވަމުން ވިދާޅުވީ، ކަނޑުއޮޅި ހުޅުވުން ހިމެނޭ އެއްބަސްވުމަކަށް އީރާނުން ނައިސްފިނަމަ “މުޅި ތަހުޒީބެއް މިރޭ ނެތިގެންދާނެ” ކަމަށެވެ.

ރަޝިޔާ އާއި ޗައިނާގެ ސަފީރުން ވަނީ މި ހަނގުރާމަ ފެށުމާއި ބައިނަލްއަގުވާމީ މައްސަލަތައް އުފެދުމުގެ ޒިންމާ އެމެރިކާ އާއި އިސްރާއީލުގެ ބޮލުގައި އަޅުވާފައެވެ. އެބޭފުޅުން ވިދާޅުވީ މިވަގުތު އެންމެ މުހިންމު ކަމަކީ އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުން ކަމަށެވެ.

އީރާނުން ގަލްފުގެ ގައުމުތަކަށް ދިން ހަމަލާތަކާ ގުޅިގެން، ބަހްރޭނުން އިސްނަގައިގެން މާރިޗު 11 ގައި ވަނީ އެ ހަމަލާތައް ކުށްވެރިކޮށް ގަރާރެއް ފާސްކޮށްފައެވެ. 13 ގައުމެއްގެ ވޯޓުން ފާސްވި އެ ގަރާރުގައި ރަޝިޔާ އާއި ޗައިނާއިން ވޯޓެއް ނުދެއެވެ. އެ ގަރާރުގައި އީރާނުން ކަނޑުއޮޅި ބަންދުކުރުމަކީ ބައިނަލްއަގުވާމީ ސުލްހައަށް އޮތް ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި، އެ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close