އޮސްޓްރިއާގައި 14 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ނިންމައިފި

އޮސްޓްރިއާގެ ސަރުކާރުން 14 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ރާވަމުންދާކަން ހުކުރު ދުވަހު އިޢުލާންކޮށްފިއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ތިން ޕާޓީގެ ކެބިނެޓް މެންބަރުން ވަނީ މިކަމާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާކަން ހާމަކޮށްފައެވެ. މި ނިންމުމުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިން ސޯޝަލް މީޑިއާއަށް ދެވިހިފާ ގޮތަށް ފަރުމާކޮށްފައިވާ “އަލްގޮރިދަމް” ތަކުންނާއި، ޖިންސީ ގޯނާ ފަދަ ނުރައްކާތެރި މާއްދާތަކުން ކުދިން ރައްކާތެރިކުރުމެވެ. ނަމަވެސް، މި ޤާނޫނަށް އަމަލުކުރަން ފަށާނެ ތާރީޚަކާއި، އެކަން ތަންފީޒުކުރާނެ ވަކި ގޮތެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
“ކުރިއަށް އޮތް ތަނުގައި ސޯޝަލް މީޑިއާގެ ނޭދެވޭ އަސަރުތަކުން ކުޑަކުދިންނާއި ޒުވާނުން ސަލާމަތްކުރުމަށް އަޅުގަނޑުމެން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނަން،” ސޯޝަލް ޑިމޮކްރެޓްސްގެ ވައިސް ޗާންސެލަރ އެންޑްރިއަސް ބާބްލަރ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިފަދަ ޕްލެޓްފޯމްތަކުގެ ސަބަބުން ކުޑަކުދިން އެކަމަށް ދެވިހިފައި، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ބަލިކަށިވަމުންދާއިރު، އެ މަންޒަރު ބަލަން ސަރުކާރުން މަޑަކުން ނޯންނާނެއެވެ. އަދި މިކަމުގެ ނުރައްކާތަކަށް ފަރުވާކުޑަކުރެވިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ފިޔަވަޅު އަޅަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރި ފުރަތަމަ ޤައުމަކީ އޮސްޓްރޭލިއާއެވެ. އެ ޤައުމުން މިދިޔަ ޑިސެމްބަރު މަހު ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައެވެ. މީގެ އިތުރުން، ފްރާންސްގެ ޕާލަމެންޓުން ވެސް ވަނީ 15 އަހަރުން ދަށުގެ ކުދިންނަށް މިފަދަ ބޭނުންތައް މަނާކުރުމަށް ޖެނުއަރީ މަހު ފާސްކޮށްފައެވެ.
އޮސްޓްރިއާގެ ވައިސް ޗާންސެލަރ ބާބްލަރާއި ޑިޖިޓަލް މިނިސްޓަރ އެލެކްސެންޑަރ ޕްރޮއެލް ވިދާޅުވި ގޮތުގައި، މި ބަނާ ގުޅޭ ޤާނޫނުގެ ދަގަޑު (ޑްރާފްޓް) ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެއެވެ.
ބާބްލަރ އިތުރަށް ވިދާޅުވީ، ވަކިވަކި ޕްލެޓްފޯމްތަކެއްގެ ނަން ހާމަކުރުމުގެ ބަދަލުގައި، މި މަނާކުރުން ހިންގާނީ އެ ޕްލެޓްފޯމެއްގެ އަލްގޮރިދަމްތަކުން ކުދިން އެކަމަށް ދެވިހިފާ މިންވަރަށާއި، އޭގައި ހިމެނޭ “ޖިންސީ އަނިޔާ” ފަދަ ނުރައްކާތެރި މާއްދާތަކަށް ބެލުމަށްފަހު ކަމަށެވެ.


