ޣައްޒާގެ އާބާދީގެ އޮނިގަނޑަށް ދާއިމީ ބަދަލެއް ގެނައުމަށް އިސްރާއީލުން މަސައްކަތްކުރަމުންދާ ކަމަށް އދ. އިން ބުނެފި

އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ހިންގަމުންދާ އަމަލުތަކަކީ އެ ސަރަހައްދުތަކުގެ އާބާދީގެ އޮނިގަނޑަށް “ދާއިމީ ބަދަލެއް” ގެނައުމުގެ މަގްސަދުގައި ކުރާ ކަންކަން ކަމަށް ބެލެވޭ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިސްވެރިޔާ ފޮލްކާ ތާރކް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.
ޖެނީވާގައި އޮތް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ވާހަކަދައްކަވަމުން ތާރކް ވިދާޅުވީ، އިސްރާއީލުގެ ހުރިހާ އަމަލުތަކަކަށް އެކުގައި ބަލާއިރު، އެ ގައުމުން މަސައްކަތް ކުރަނީ ޣައްޒާ އާއި ހުޅަނގު އައްސޭރީގެ އާބާދީގެ ނިސްބަތަށް ދާއިމީ ބަދަލެއް ގެނައުމަށް ކަމަށެވެ. އަދި މިއީ “ނަސްލު ނައްތާލުމުގެ” (ethnic cleansing) އަމަލެއްގެ ގޮތުގައި ބެލުމުގެ ބިރު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހުޅަނގު އައްސޭރީގެ އުތުރުގައި އިސްރާއީލު ސިފައިން އަހަރެއްހާ ދުވަސް ވަންދެން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން 32،000 ފަލަސްތީނު މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވާކަން ތާރކް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ބެދަވީން (Bedouin) ގެ މުޖުތަމައުތަކަށް އިސްރާއީލުގެ ވަޒަންވެރިން ދެމުންދާ ގޯނާތަކާއި ހިންގާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން، ރާމަﷲ ގެ އިރުމަތީގައިވާ މިޚްމާސް އާއި އުރުދުން ވާދީގެ ރަސް އައިން އަލް-އައުޖާ ފަދަ ސަރަހައްދުތަކުން މީހުން ވަނީ މަޖުބޫރުން ބޭރުކޮށްލާފައެވެ.
ހުޅަނގު އައްސޭރީގައި ދިރިއުޅޭ ގާތްގަނޑަކަށް ތިން މިލިއަން ފަލަސްތީނު މީހުންގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ޣައިރު ގާނޫނީ ކަމަށް ކަނޑައަޅާފައިވާ ވަޒަންވެރިވާ ސަރަހައްދުތަކުގައި 500،000 އަށްވުރެ ގިނަ އިސްރާއީލު މީހުން ދިރިއުޅެއެވެ.
މި މަހުގެ ތެރޭގައި އިސްރާއީލުގެ ހަރުކަށި ފިކުރުގެ ވަޒީރުންގެ ތާއީދާއެކު، ހުޅަނގު އައްސޭރީގެ ބިންތަކަކީ “ދައުލަތުގެ މިލްކެއް” ކަމަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށުމާއި، އިސްރާއީލު މީހުންނަށް ސީދާ އެ ބިންތައް ގަނެވޭނެ ގޮތް ހެދުމަށް ވަނީ ނިންމާފައެވެ. މިއީ ބައެއް ގައުމުތަކުންނާއި ހަމާސް ޖަމާއަތުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވާ ކަމެކެވެ.
އިސްރާއީލުގެ “ޕީސް ނައު” ޖަމްއިއްޔާއިން ބުނާ ގޮތުގައި، މިހާރުގެ އިސްރާއީލު ސަރުކާރުން ވަނީ ވަޒަންވެރިން އާބާދުކުރުން ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް ރެކޯޑް މިންވަރަކަށް، ނުވަތަ 54 ސަރަހައްދެއްގައި ވަޒަންވެރިވުމުގެ ހުއްދަ ވަނީ ދީފައެވެ. އިސްރާއީލުން ހުޅަނގު އައްސޭރި އިސްތިއުމާރުކޮށްގެން އުޅެނީ 1967 ވަނަ އަހަރުން ފެށިގެންނެވެ.



