ޚަބަރު

އަންހެން މުވައްޒަފުންގެ ޒާތީ ކަންކަމަށް ދައުލަތުން ގޮތްކިޔާތީ ރައީސް ނަޝީދު ނުރުހުން ފާޅުކުރައްވައިފި

ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ހެދުން އެޅުމާއި ޒީނަތްތެރިވުމުގައި އަމަލުކުރަންޖެހޭ އައު އުސޫލުތަކެއް ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާލުމާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސޯސަލް މީޑިއާގެ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އަންހެނުންގެ ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި އެބައިމީހުންގެ އެންމެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަދެ ގޮތްކިޔަން ނުޖެހޭނެ ކަމަށެވެ.

ސިވިލް ސަރވިސްގެ އައު ގަވާއިދުގައި މުވައްޒަފުންގެ ހެދުމާއި، ބޮލުގެ އިސްތަށިގަނޑު ބަހައްޓަންޖެހޭ ގޮތްތަކެއް ކަނޑައަޅާފައިވާއިރު، މިކަމާ ގުޅޭގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ފައްޔާޒު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ މައްޗަށް ވެރިވެގަނެ، ހުދުމުހުތާރު އުސޫލުތަކެއް ގާއިމުކުރުމަށް ކަމަށާއި، މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ޒާތީ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު އިސްލާހުގައިވާ ގޮތުން ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެންވާނީ ގަމީހާއި ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ބުސް ގަމީސް ބޭނުންކުރެވިދާނެ ކަމަށާއި ބެގީ ބަހައްޓަން ވީގޮތާއި ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ނޭޅޭނެކަމަށް ވަނީ ބުނެފައެވެ.

އާ ގަވާއިދުގައިވާ ގޮތުން ރަސްމީ މަސައްކަތަށް އަންހެން މުވައްޒަފުން ނުކުންނަ އިރު ލާން ޖެހޭނީ، ފޫކޮޅު ނިވާވެ، ދެ އިންޗި އަށް ވުރެ ކުރު ނޫން ހެދުމެކެވެ. އާއްމުންނަށް ހިދުމަތް ދޭން އޮފީހަށް ނުކުންނައިރު، އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ނުވަތަ ހަށިގަނޑު ނިވާ ނުވާ ގޮތަށް ހެދުން ނޭޅޭނެ ކަމަށް އެ އިސްލާހުގައި ވެ އެވެ.

މި އިސްލާހުތަކަށް އިދިކޮޅު ފަރާތަކުން ފާޑުކިޔަމުންދާއިރު ސަރުކާރާއި އެއްކޮޅު ފަރާތްތަކުންނާއި އަދި ދީނީ ބައެއް ފަރާތްތަކުން ގެންދަނީ މި އިސްލާހުތަކަށް ވަރަށް ބޮޑަށް ތާޢީދުކޮށް ޝުޢޫރުތައް ފާޅުކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close