ތޯލިބާނުންނާއެކު އެމެރިކާއިން ބާއްވާ މަޝްވަރާތައް ކެންސަލްކޮށްފި
އެމެރިކާއިން ދޯހާގައި ތާލިބާނުންނާއެކު ބާއްވަން އުޅުނު ބައްދަލުވުންތައް ކުއްލި ގޮތަކަށް ކެންސަލް ކޮށްފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.
މަޝްވަރާތައް ކެންސަލް ކުރީ ތާލިބާނު ސަރުކާރުން، އަފްޣާންގެ ހުރިހާ އަންހެން ކުދިންނަށް ހައި ސްކޫލް ކްލާސްތަކަށް އެނބުރި އައުމުގެ ހުއްދަ ދިނުމަށް ނިންމި ނިންމުން ބަދަލުކުރުމާ ގުޅިގެންނެވެ.
މަޝްވަރާތައް ކެންސަލް ކުރުމަކީ، ތާލިބާނުން ދާދިފަހުން އިންސާނީ ހައްގުތަކާއި، އިންކްލޫސިވިޓީއާ މެދު އެޅި ފިޔަވަޅުތަކުގެ ސަބަބުން، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި ތިބި ކަމުގެ ފުރަތަމަ ނިޝާނެވެ.
އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނަކު ރޮއިޓަރސްއަށް ވިދާޅުވެފައިވަނީ، “އެބޭފުޅުންގެ ނިންމެވުމަކީ، އަފްޣާނިސްތާނުގެ ރައްޔިތުންނަށް، އެންމެ ފުރަތަމަ އަދި ބައިނަލްއަގްވާމީ މުޖުތަމައަށްވެސް ވެފައިވާ ވައުދުތައް ފުރޮޅާލުމަށް ނިންމެވި ވަރަށް ނާއުންމީދު ކުރުވަނިވި އަދި ހީވެސް ނުކުރާފަދަ ނިންމެވުމެއް” ކަމަށެވެ.
“އަޅުގަނޑުމެން ބައެއް އެންގޭޖްމަންޓްތައް ކެންސަލްކޮށް، އޭގެ ތެރޭގައި ދޯހާގައި ބާއްވަން ރާވާފައިވާ ބައްދަލުވުންތައް ވެސް ހިމެނޭ، އަދި ވަރަށް ސާފުކޮށް މި ނިންމުން އަޅުގަނޑުމެންނަށް މި ފެންނަނީ އަޅުގަނޑުމެންގެ އެންގޭޖްމަންޓްގައި ޕޮޓެންޝަލް ޓާނިން ޕޮއިންޓެއްގެ ގޮތުގައި.” އޭނާ ވިދާޅުވިއެވެ.
މިކަމާ ބެހޭ މައުލޫމާތު އެނގޭ ތިން މަސްދަރަކުން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ އެމެރިކާ އާއި ތާލިބާން ސަރުކާރުގެ އޮފިޝަލުންގެ ސިލްސިލާ ބައްދަލުވުން ހޮނިހިރު އަދި އާދީއްތަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ ސަމިޓްގެ ހަވާސާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުންތަކުގެ ތެރޭގައި އ.ދ.އާއި ވާރލްޑް ބޭންކުގެ މަންދޫބުން ވެސް ހިމެނިވަޑައިގެންނެވިއެވެ.
ތާލިބާނުންގެ އޮފިޝަލަކު ވަނީ ވަގުތީ ޚާރިޖީ ވަޒީރު ވެސް ހިމެނޭ ގޮތަށް ތާލިބާނުންގެ ވަފުދެއް ދޯހާއަށް ދާނެ ކަމުގެ އިންތިޒާރުގައި ތިބިކަން ކަށަވަރުކޮށްދީފައެވެ.


