އެމްޑީޕީގެ ޗެއާރޕާސަން ހޮވުމުގެ އިންތިޚާބުގައި ހަސަންގެ ތާއީދު އިންތި އަށް
އެމްޑީޕީގެ ޗެއާރޕާސަން ހޮވުމުގެ އިންތިޚާބުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް ތާއީދުކުރައްވަން އެމްޑީޕީގެ ކުރީގެ ޗެއާރޕާސަން ޙަސަން ލަޠީފް ނިންމަވައިފިއެވެ.
އަންނަ އޭޕްރީލް 16 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގައި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި, އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިއަކީ އެމްޑީޕީގެ ހަ ފަރާތް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި ހަމައެހެންމެ އިންތިއަކީ އެމްޑީޕީގެ އިތުބާރު ހިފެހެއްޓުމަށާއި, އެމްްޑީޕީއަށް ޙައްޤު މިންވަރު ހޯދައިދިނުމަށް މަސައްކަތް ކުރެއްވުމުގެ ލާމަސީލު މިސާލެއްކަމަށް ވެސް ޙަސަން ވިދާޅުވިއެވެ.
“ޕާޓީގެ ޗެއަރޕަރސަން ކަމަށް އަޅުގަނޑުގެ ތާއީދު އިންތިއަށް” ޙަސަން ވިދާޅުވިއެވެ.
އިންތި ވަނީ އޭނާ ކުރިން އެމްޑީޕީގައި ހުންނެވި މަގާމުން އިސްތިއުފާދެއްވައި, ޗެއާރޕާސަންގެ މަގާމަށް ކުރިމަތި ލެއްވުމަށް އެމްޑީޕީއަށް ފޯމު ހުށަހަޅުއްވައިފައެވެ.
“އެމްޑީޕީގެ ޗެއާޕާރސަންކަމަށް އަޅުގަނޑު ކުރިމަތިލާފައިވީ ހިނދު, 2012 ވަނަ އަހަރުން ފެށިގެން އަދާކުރަމުންދިޔަ ޕާޓީގެ ސްޕޯކްސްޕާރސަންކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާދީފީމެވެ.” އިންތި އިއްޔެ ޓުވިޓާގައި ލިޔުއްވާފައިވެއެވެ.
އެމްޑީޕީގެ ޗެއާޕާރސަންކަމަށް އިންތި ހޮވުމަށްޓަކައި އިންތިގެ ސަޕޯޓަރުން ފޯރިއާއެކު ކެމްޕޭނު ކުރަމުން އަންނައިރު, ފައްޔާޟްގެ ކެމްޕޭން ކުރިއަށްދަނީ ވަަރަށް ލޮނުމަޑުކޮށެވެ. މީސްމީޑިއާއަށް ބަލައިލުުމުން ވެސް ތާއީދު ބޮޑުކަމަށް ފެންނަނީ އިންތިއަށެވެ. އެމްޑީޕީގެ އެންމެ ވަރުގަަދަ އެކްޓިވިސްޓުންނާއި, ރައީސް ނަޝީދުގެ ފެކްޝަނުގެ މެންބަރުންނާއި, ކެރަފާ ޢާއިލާ ވެސް އޮތީ އިންތިއާއެކުގައެވެ.


